ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި މަރުވެއްޖެ

ކ.ތުލުސްދޫ

ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގައި ޑިންގީއަކުން ޖެހި މިއަދު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއް ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު 11:10ހާއިރު އެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި މަރުވެފައިވަނީ ޕޮލެންޑަށް ނިސްބަތްވާ 52 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން މިހާރު ފުލުހުން ދަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ މިއަދު "ސަން"އަށް ވިދާޅުވީ އެ ރަށުގެ އިރު އިތުރުގައި އޮންނަ ކަނޑުއޮޅިއަށް ވަރަށް ގިނަ ފަތުރުވެރިން ސްނޯކްލިންއަށް ގޮސް އުޅޭ ކަމަށެވެ. އަދި އެ ސަރަހައްދުން އަބަދުވެސް ލޯންޗު ފަދަ އެއްޗެއްހި ދުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުން މައުލޫމާތު ދެނީ އޭނާ ފަތުރުވެރިޔާ އޮތީ ކަނޑުއޮޅިން ވެސް ބޭރުގައި ކަމަށް. އަދި ޑިންގީއަކީ މި ރަށު އެއްޗެއް ކަމަށް. އަޅުގަނޑަކަށް އަދި ޔަގީންކޮށް ބުނެދޭކަށް ނޭނގޭ،" އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފަތުރުވެރިޔާ މޫދުން ނެގިއިރުވެސް އޭނާގެ އެއް އަތް ނެތެވެ. އަދި ބަނޑުގެ އެކި ހިސާބުތަކަށް ގިނަ ޒަޚަމްތަކެއް ލިބިފައިވާއިރު ގޮހޮރުގެ ވެސް އެއްބައި ނެތްކަމަށް އެ ރަށުން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް