ރައީސް ވިދާޅުވީ ހިތް ސާފުކަމަށް, ނަޝީދަށް ދައުވަތު ދެއްވީ އެކުގައި މަސައްކަތް ކުރުމަށް

ރައީސް ޞާލިޚް މިރޭގެ އެއްވުމުގައި ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތެރޭގައި ހިނގައިދިޔަކަންކަން ހަނދާން ނައްތާލުމަށްފަހު އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރުމަށް އިންތިހާބް ކާމިޔާބް ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް, އެ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް ރައީސް މުހައްމަދު ނަޝީދަށް ދައުވަތު ދެއްވައިފިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ނުވަ ހާހެއްހާ ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އެއީ ވޯޓުލި މީހުންގެ ގާތްގަނޑަކަށް 60 އިންސައްތަ މީހުންގެ ވޯޓުންނެވެ.

"އަޅުގަނޑުމެންގެ ވާދަވެރިންނަށް ގޮވާލަން ބޭނުން ވަނީ މިހާރު އަޅުގަނޑުމެންގެ ވާދަވެރިކަން މި ނިމުނީ އޭ. އެކަން މި ނިމުނީ. ދެން ނިކުންނަންވީ އަނެއްކާ ވެސް އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބް ކުރުމަށް," ރައީސް ވިދާޅުވިއެވެ.

ނިމިގެން ދިޔައީ ވާދަވެރި އިންތިހާބެއްކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވިދާޅުވީ, އެ ކަހަލަ އިންތިހާބެއްގައި ކޮންމެހެން ފެންނަން ބޭނުން ނުވާ ކަންތައްތަކެއް ވެސް ފެނިފައި ހުރެދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހިތުގައި އޭގެން އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

"އަޅުގަނޑު މި ގޮވާލަނީ ހުރިހާ ބޭފުޅުން ވަޑައިގަތް އަޅުގަނޑުމެންނާ އެކުގައި ނިކުމެވަޑައިގަތް އެމްޑީޕީ ކުރިއަށް ގެންދިއުމަށް މިކުރާ މަސައްކަތުގައި ބައިވެރިވުމަށް," ރައީސް ޞާލިހް ވިދާޅުވިއެވެ.

ޕްރައިމަރީގައި ވަރަށް ގިނަ ރަށްތަކަށް ދަތުރުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވިދާޅުވީ, ޕްރައިމަރީއަށްވުރެ ފަސަހޭ ކަމާއެކު ރިޔާސީ އިންތިހާބު ކާމިޔާބް ކުރެއްވޭނެ ކަމަށެވެ. އެކަމަށް ޝައްކު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެތެރޭގައި މި ހިނގީ ވާދަވެރި މަސައްކަތަކަށް ވާތީ އަޅުގަނޑުމެނަށް ބައެއް ފަހަރު މަޑު ޖައްސާލަން ޖެހުނު. އެއީ އެކުވެރި އެކީގައި އުޅެފަ އެއް ވިސްނުމެއްގައި ތިބި ބަޔަކަށްވާތީ," ރައީސް ޞާލިހް ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަބަދުވެސް އެއްވިސްނުމެއްގައި އެއް މަގުސަދެއްގައި ކުރިއަށްދާ ޕާޓީއެއްކަން ފާހަގަކޮށް ރައީސް ޞާލިހް ވިދާޅުވީ, ޕްރައިމަރީގައި ދެ ބައެއްގެ ގޮތުގައި ފެނުނު ނަމަވެސް މަގުސަދު ތަފާތު ނޫން ކަމަށެވެ. އެއީ ރާއްޖެއަށް ސުލްހަވެރިކަމާއި ހަމަޖެހުން ގެނެސްދިނުން ކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން. ހިޔާލްފާޅުކުރުމާއި އެއްވެއުޅުމާއި އަސާސީ ހައްގުތައް ހުރިހާ ފަރުދުންނަށް ހޯދައި ދިނުން. މިއީ އަޅުގަނޑުމެން ދެފަޅީގެ ވެސް އޮންނާނެ ވިސްނުމަކީ. އެހެންކަމުން މިއަކީއެއް އެއް ނުކުރެވޭނެ ދެބައެއް ނޫން," ރައީސް ޞާލިހް ވިދާޅުވިއެވެ.

މިރެއަށްފަހު އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ މަސައްކަތްކުރަން ޖެހޭނީ އިދިކޮޅު ޕާޓީ ބަލިކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބް ކާމިޔާބްކުރުމަށް ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. މިހާރު އުފެދިފަ އޮތް ރޫހުގައި ނިކުމެއްޖެ ނަމަ އެ އިންތިހާބް ކާމިޔާބް ކުރުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށް ރައީސް ތަކުރާރު ކުރެއްވިއެވެ.

އެމްޑީޕީގެ ހަރަކާތްތައް މި ފަހުން މަޑުޖެހުނުކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެކަމުގެ ސަބަބަކީ އެމްޑީޕީގެ ތެރޭގައި އޮންނަން ޖެހޭ އެކުވެރި ގުޅުން ނެތުމުގެ ސަބަބުން ކަމަށެވެ.

"ސަރުކާރަށް ވެސް ސަރުކާރާ އެކުގައި ދާންވީ ސްޕީޑްގައި ދިއުމަށް ދަތިތަކެއް ކުރިމަތިވި. އެހެން ނަމަވެސް އެކަން ހަނދާން ނައްތާލުމަށްފަހުގަ އަޅުގަނޑުމެން ކުރިއަށް ވިސްނަން ވީ. އެމްޑީޕީއާ އެކުގައި ކުރިއަށް ދާންވީ," ރައީސް ޞާލިހް ވިދާޅުވިއެވެ.

comment ކޮމެންޓް