ފީފާއިން އެންގި ގޮތަށް އެންމެ ފަހުން އެފްއޭއެމުން ސިމާއޯއަށް ފައިސާ ދީ ނިންމައިފި

ސިމާއޯ ކޯސްޓާ---- ފޮޓޯ/: ދާދު ފޮޓޯ

ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗް ސިމާއޯ ކޯސްޓާއަށް އެފްއޭއެމުން ދޭންޖެހޭ ފައިސާ، ފީފާއިން އެންގިގޮތަށް ދީ ނިންމައިފިއެވެ.

ސިމާއޯ ކޯސްޓާއަށް ދޭންޖެހޭ ފައިސާ އެންމެ ފަހުން އެފްއޭއެމުން ދީ ނިންމާފައި މިވަނީ، މުސާރައިގެ ގޮތުގައި ސިމާއޯއަށް ދޭންހުރި ފައިސާ ނުދީ ހުރުމުން އެ ފައިސާ ހޯދުމަށް އޭނާ ފީފާއަށް ހުށަހެޅި މައްސަލައިގައި ފީފާއިން އެފްއޭއެމްއާ ދެކޮޅަށް މައްސަލަ ނިންމާފައިވަނިކޮށެވެ.

މައްސަލަ ބެލުމަށްފަހު ފީފާއިން އެފްއޭއެމަށް އަންގާފައިވަނީ، 45 ދުވަހުގެ ތެރޭގައި ސިމާއޯއަށް ދޭންޖެހޭ ފައިސާ ދައްކައި ނިންމުމަށެވެ. ފީފާގެ މި ނިންމުން އައިސްފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މުސާރަ ނުދީގެން ސިމާއޯ އެ މައްސަލަ ފީފާއަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް އެފްއޭއެމްއިން ސިމާއޯއަށް 40،000 ޑޮލަރު ދޭން ޖެހެއެވެ. އެފްއޭއެމުން ސިމާއޯއަށް މި ފައިސާ އެއްކޮށް ދައްކައި ނިންމާފައިވާކަމަށް ސިމާއޯ ވަނީ މީޑިއާގައި ހާމަކޮށްފައެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމަށް ސިމާއޯ ހަމަޖައްސާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

"ސަން"އަށް އިތުބާރުހުރި މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ސިމާއޯ ގައުމީ ޓީމުގައި ހޭދަކުރި މުއްދަތުގައި މުސާރަ ދީފައިވަނީ ދެ މަހުއެވެ. އެއީ ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ މުސާރައެވެ.

މުސާރަ ނުދިނުމުގެ ސަބަބުން އޭނާ ރާއްޖޭގެ އެސިސްޓެންޓު ކޯޗުގެ މަގާމުން އިސްތިއުފާ ދިނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެންކަމުން އޭނާއަށް އެފްއޭއެމްއިން ހަތް މަހުގެ މުސާރަ ދޭންޖެހުނެވެ.

ގައުމީ ޓީމުތަކާ ހަވާލުވާ ބައެއް ބޭރު ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުދީގެން މީގެ ކުރިންވެސް އެ ކޯޗުން ވަނީ ފީފާއަށް އެފްއޭއެމްއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.

އެގޮތުން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ސާބިއާގެ ޑޭބޯ ބާބާ އާއި ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ކުރިން ހުރި މާޓިން ކޫޕްމަން އަދި އޭނާގެ އެސިސްޓަންޓް ކޯޗަކަށް ހުރި ރެނޭ ހިޑިންކް އަށް ދޭން ޖެހޭ މުސާރަ ދޭން ވެސް ފީފާއިން މީގެކުރިން އެފްއޭއެމްއަށް އަންގާފައިވެއެވެ.

comment ކޮމެންޓް