ބަލަންވީ ވަކި މީހަކު އޯކޭތޯ ނުވަތަ ނޫންތޯއެއް ނޫން، ބަލަންވީ ސިޔާސަތު އޯކޭތޯ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު: ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ބަލަންވީ ވަކި މީހަކު އޯކޭތޯ ނުވަތަ ނޫންތޯ ނޫންކަމަށާއި ބަލަންވީ ސިޔާސަތު އޯކޭތޯ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަކީ ސިޔާސީ ގޮތުން މާ ތަފާތު ބޭފުޅެއް ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނާ ދެމެދު އޮތް ހަަމައެކަނި ޚިޔާލު ތަފާތުވުމަކީ އެމަނިކުފާނު އިސްވެ ހުންނަވައި އަވަށްޓެރި އިންޑިއާ އާ ދެކޮޅަށް ހިންގަވާ "އިންޑިއާ އައުޓް" ފިކުރު ކަމަށް ރައީސް ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ޒުވާނުންނަށް ޚާއްސަކޮށް ރައީސް ނަޝީދު މިރޭ މާލޭގައި ބޭއްވެވި ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބަލަންވީ ރައީސް ޔާމީން އޯކޭތޯ ނުވަތަ ނޫންތޯ ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު މި ހިނގާ އެމްޑީޕީ ބައިވެރިވާ ކަމަށް ބުނާ ސަރުކާރުގައި އިންތިހާއަށް ކޮރަޕްޝަނުގެ މައްސަލަތައް އެބަހުރި ކަމަށެވެ. އެ މައްސަލަތައް އެއްގޮތަކަށް ވެސް ތަހުގީގު ނުކުރެވޭ ކަމަށާއި މިސާލަކަށް ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު ވެސް ކުރިޔަށް ނުގެންދެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެންގޮސް އެތައް އެތައް މައްސަލައެއް އެބަހުރި ކަމަށެވެ. ނަމަވެސް އޭގެން އެއްވެސް މައްސަލައެއް އެއްގޮތަކަށް ވެސް ތަހުގީގެއް ނުކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޝަރީއަތަކަށް ވެސް ނުގެންދެވުނު. އިންސާފެއް ނުހޯދުނު. ދެން ރައީސް ޔާމީންއާ ޕީޕީއެމްގެ ކޮރަޕްޝަންގެ ވާހަކަ ދައްކާއިރުގައި އެމްއެމްޕީއާރްސީގެ މައްސަލަތަކެއް ނޭނގުނު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމެއް އިއްވި ނަމަވެސް ބާކީ ތިބި 270 މީހުންނަކީ ކޮބައި ކަމެއް ނޭނގުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ ފައިސާއަށް ވީގޮތެއް ވެސް ނޭނގުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑަށް މިހާރު މި ހުންނަނީ ވަރަށް ބޮޑަށް އުނދަގޫވެފަ އެއްވެސް މީހަކާ ދިމާލަށް މިހެންނޭ އެހެންނޭ ބުނަން. އަޅުގަނޑުގެ ނަޒަރުގައި ބަލަން ބޭނުން ޕީޕީއެމްގެ ސިޔާސަތުތައް ހުރީ ކިހިނެއްތޯ. އެ މީހުން މި އިންތިޚާބަށް ދާއިރުގައި އެ މީހުން ސިޔާސަތުތައް އެކުލަވާލާނީ ކޮން ގޮތަކަށްތޯ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަލަންވީ ޕީޕީއެމްއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާ އެމްޑީޕީއާ އެއްގޮތްވާ އެއްވެސް ސިޔާސަތެއް އެބައޮތްތޯ ކަމަށެވެ. ނުވަތަ ރައީސް މައުމޫންއާ އެއްގޮތްވާ އެއްވެސް ސިޔާސަތެއް އެބައޮތްތޯ ބެލުން މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން އަނިޔާވެރިކަމާ ކޮރަޕްޝަނާ ދެބާވަތުގެ ވާހަކަ ދައްކަން ފަށައިފިއްޔާ ސަހަލު އެކަކު ވެސް ނެތް. އެނގިލައްވާނެ. ފުރަތަމަ އަޅުގަނޑުމެން މިތިބީ އެމްޑީޕީން އިއްތިހާދު ހަދައިގެން ރައީސް މައުމޫނުއާ. ދެން އަޅުގަނޑު ކީކޭ އެކަމާ ދަންނަވާނީ. އޯކޭ ވެފަ މިތިބީ މައުމޫން. ވިސްނާލައްވާ އަޅުގަނޑުގެ ލޭޓް 20ސް 30ސް އެކީގަ ދިޔައީ ގޮޅިގަ. އަނދަގޮނޑި ޖަހާފަ. ޗޭނު ޖަހާފަ ބިޑިއަޅުވާފަ. ދެން އޯކޭ އެކަން. ހަމަ ރައީސް މައުމޫން އޯކޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެން ތިބީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމިގެން ދިޔަ ގޮތް އެންމެން ވެސް ހަނދާން ހުންނާނެ ކަމަަށާއި ނަމަވެސް މިހާރު އެކަން ވެސް އޯކޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް އެންމެ ރަނގަޅު ސިޔާސަތުތަކެއް ތަންފީޒުކުރެވޭނެ ގޮތަކީ ކޮބައިތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ޔާމީންއަށް ތައުރީފް ކުރައްވައި ވާހަކަދައްކަވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ކިބައިގައި އެފަދަ ސިފަތަކެއް ހުންނެވި ކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ.

comment ކޮމެންޓް