މީގެ 20 އަހަރު ކުރިން މި މަހު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާނުކުރެއްވި އިސްލާހީ އެޖެންޑާއަކީ އެތައް ބަޔަކު ދުށް ހުވަފެނެކެވެ. ގައުމުގައި ގޯހުން ގޯހަށް ހުރި އެތައް ކަމެއް ރަނގަޅުކުރަން ފެށި އިސްލާހީ ހަރަކާތެއްގެ ކުރި ބޯއްޓެވެ.
އެ އިސްލާހީ އެޖެންޑާއަކީ ހާލަތު ބަދަލުކުރުމުގެ ހިޔާލާތު އުފެދި، އެ މަސައްކަތުން ހޯދި ފޮނި ނަތީޖާއެކެވެ.
އިސްލާހީ އެޖެންޑާއާ އެކު ކުރިން ފަހިނުވި އެތައް ފުރުސަތެއް ފަހިވެގެންދިޔައެވެ. އަނިޔާވެރިކަމުގެ އެތައް ސިލްސިލާއެއް ނިމުނެވެ. ޚާއްސަކޮށް 2008 ވަނަ އަހަރުގެ އޮގަސްޓު ހަތެއްގައި ތަސްދީގުކުރި އާ ގާނޫނުއަސާސީ ނުވަތަ ފެހި ގާނޫނުއަސާސީއާ އެކު ރައްޔިތުންގެ ބާރު ރައްޔިތުންނަށް ޔަގީންވިއެވެ. ކުރިން ކަށަވަރުނުވާ އަސާސީ އެތައް ހައްގުތަކެއް ފަހިވިއެވެ.
ފުރަތަމަ 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ވެސް 17 އަހަރުގެ މަސައްކަތުން މައުމޫން ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނެވިއެވެ. އެ ގާނޫނުއަސާސީ 1980 ގައި ތަސްދީގުކުރެއްވި ނަމަވެސް އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރެއް ނުކުރެވުނެވެ.
އިސްލާހީ ހަރަކާތްތައް ފުޅާވެ، އިސްލާހީ ހަރަކާތުގެ އަޑު ވެސް ދިޔައީ ގަދަވަމުންނެވެ. ޖޫން 9، 2004 ގައި އިއުލާނުކުރެއްވި އިސްލާހީ އެޖެންޑާއާއި އެ އެޖެންޑާގެ ދަށުން އެކުލަވައިލި، މިހާތަނަށް ރާއްޖޭގައި އެކުލަވައިލި އެންމެ ފުރިހަމަ ގާނޫނުއަސާސީ 2008 ވަނަ އަހަރު ތަސްދީގުވުމަކީ ދިވެހި ޑިމޮކްރަސީގެ ފޮނި ކާމިޔާބެކެވެ.
އާ ގާނޫނުއަސާސީއެއް އެކުލަވައިލަން ފާޑަކަށް މަޖުބޫރުވީއެވެ. އިސްލާހީ ޚިޔާލުގައި މަތި ނޭޅޭ ވަރަށް އެ އަޑު އޮތީ ގަދަވެފައެވެ. އަސާސީ ހައްގުތަކާއި މިނިވަންކަން ހުޅުވައިލުން ނޫން ގޮތެއް ނެތް ވަރަށް ރައްޔިތުން އެ ކަމާ ހިފައިލީއެވެ. ބޭނުމަކަށްވީ އަނިޔާވެރިކަން ނިންމުމެވެ. ބާރުތައް ވަކިކުރުމެވެ. އެކެއްގެ އަތުގައި ބާރުތައް ފުނިނުޖެހޭނެކަން ކަށަވަރުކުރުމެވެ. ޝަރުއީ ދާއިރާ މިނިވަންކުރުމެވެ. ތިން ބާރުގެ މިނިވަންކަން ޔަގީންކުރުމެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުޅުވައިލުމެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި މަތިއެޅިޔަ ނުދިނުމެވެ.
މައުމޫން 2004 ވަނަ އަހަރުގެ މި މަހު ހުށަހެޅުއްވި އިސްލާހީ އެޖެންޑާއަށް 20 އަހަރުފުރި، ޒުވާންކަމުގެ ނޭވާލިއިރު، އެ އެޖެންޑާގެ ދަށުން އުފަންކުރި އާ ގާނޫނުއަސާސީއަށް ވެސް މި އަހަރު 16 ފުރޭނެއެވެ.
ނަތީޖާ ހާސިލުވިތަ؟
ހަގީގަތަކީ އިސްލާހީ އެޖެންޑާއިން ހާސިލުކުރަން ބޭނުންވި ގިނަ ކަންކަން ހާސިލުވިއެވެ. ޚިޔާލު ފާޅުކުރުމާއި އަސާސީ ހައްގުތަކާއި މިނިވަންކަން އޭރާ އަޅައިބަލާއިރު މިހާރު މާ ބޮޑަށް ވެސް ރަނގަޅެވެ.
އެކަމަކު، އަސާސީ ބޮޑެތި ބަދަލުތަކުގެ ނަތީޖާ ފެނުނެކޭ ވެސް ނުބުނެވޭނެއެވެ. އެއް ކަމަކަށް ފާއިތުވި ފަސް އަހަރު ވެސް މި ފަހަރު ވެސް ފެނުނީ ބާރުތައް ވަކިނުކުރެވުނު ތަނެވެ. މިހާރު މި އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައެޅީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަގާމު އެރުވީ އެ މަނިކުފާނަށް ފެނިވަޑައިގެން ބޭފުޅަކަށެވެ. އެއީ، މީގެ 30 އަހަރު ކުރިން ވެސް އެކަން އޮތް ގޮތެވެ. ތަފާތަކީ އޭރު ވޯޓުނުލާކަން އެކަންޏެވެ.
"ގާނޫނުއަސާސީގައި އެ އޮތީ ވަރަށް ސާފުކޮށް ތިން ބާރު ވަކިކޮށްފައި. އެހެންވީމާ ނަތީޖާ ހަސިލުނުވެއެކޭ ނުއެއް ބުނެވޭނެ،" އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ)ގެ ޚިޔާލު ތަފާތެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ގާނޫނުއަސާސީއާ އެކުގައި ތިން ބާރު ވަކިކުރެވިއްޖެއެވެ. ރައްޔިތުންގެ ހައްގުތައް ވެސް ކަށަވަރު ކުރެވިއްޖެއެވެ. މިހާރު އެ ބާރުވެރިކަން ދޫކޮށްލަނީ ރައްޔިތުން އަމިއްލައަށެވެ. މަޖިލީހާއި ސަރުކާރާ އެއް ބަޔަކަށް ނުވަތަ އެކެއްގެ އަތްމައްޗަށް ދޫކޮށްލަނީ ވެސް ރައްޔިތުންނެވެ. ވޯޓެއް ނަގައިގެންނެވެ.
"މިހާރު ރައްޔިތުން މި ނިންމަނީ މަޖިލީސް އެ ގޮތަށް ބާއްވަން ބޭނުމޭ. އެހެންވީމާ އެއީކީ ގާނޫނުއަސާސީގައި ހުރި މައްސަލައެއް ނޫނީ އުނިކަމެއް ކަމަކަށް ނުފެނޭ،" ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން އުޅުއްވާ އިބުރާ ފާހަގަކުރެއްވިއެވެ.
އޭނާ ފާހަގަކުރެއްވީ މި ވާހަކައެވެ. ކުރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެކެވެ. މި ފަހަރު ވެސް ކަންވީ އެ މޭރުމުން ވިޔަސް، އެ ބާރު ރައީސަށް ދިނީ ވެސް ރައްޔިތުންގެ ވޯޓަކުންނެވެ. ރައްޔިތުން އެ ގޮތް ބޭނުންވީމައެވެ. އެހެންވީމާ އެއީ ގާނޫނުއަސާސީގައި ނުވަތަ ގާނޫނުތަކުގައި ހުރި އުނި ކަމެއް ކަމަކަށް އިބުރާ ގަބޫލެއް ނުކުރައްވައެވެ. ކޮންމެހެން އެ ފަރުމާކުރުމުގައި އޭނާގެ ވެސް ދައުރެއް އޮތީމަކާއެއް ނޫނެވެ.
"ރައްޔިތުންނަށް މި ކުރެވެނީ ކީއް ކަމެއް ނޭނގެނީ. ސަރުކާރަށް މާ ބޮޑު މެޖޯރިޓީއެއް ދިނީމާ ދެން ވާނެ ގޮތެއް ވެސް ނުވިސްނެނީ. މީގެ ހައްލަކަށް ވާނީ ހަމަ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ކަންކަމާ ފިކުރުކުރުން. ގައުމުގެ ކަންކަމާ ވިސްނުން. ހޭލުންތެރިވުން،" އޭނާ ވިދާޅުވިއެވެ.
"އިން ދަ އެންޑް ހަމަ ރައްޔިތުން ދޯ މި ނިންމަނީ،"
އާ ގާނޫނުއަސާސީއާއި މީގެ 20 އަހަރު ކުރިން މައުމޫން އިއުލާނުކުރެއްވި އެ ބޮޑު އިސްލާހީ އެޖެންޑާއާ އެކު ވެސް ނިޒާމީ މައްސަލަތައް ހައްލުނުވެ ދެމިގެންދަނީ ރައްޔިތުންގެ ސަބަބުންނެވެ. އިސްލާހީ އެޖެންޑާއަށް 20 އަހަރު ފުރުނުއިރު ހަގީގަތުގައި ބަދަލުވީ އިސްލާހީ ހަރަކާތެވެ. އެ ކަމުގައި އުޅުނު މީހުން މާޔޫސްވެއްޖެއެވެ. އާންމުންގެ މެދުގައި އޮތް ހާލަތު ބަދަލުކުރުމުގެ ޚިޔާލާތު ނެތި ދިޔައީއެވެ. ގައުމުގެ ކަންކަމާ ބަސް ނުކިޔަނީއެވެ. އަމުދުން ނުވެސް ވިސްނަނީއެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ވެސް ގާނޫނުއަސާސީގައި އެ އޮތީ ލިޔެފައެވެ. ޔަގީންކޮށްދީފައެވެ. އެކަމަކު، ކޯޓުތަކަށް ސަރުކާރުތަކުގެ ނުފޫޒު އޮންނަކަން އެއީ އަދިވެސް އެންމެން ގަބޫލުކުރާ ހަގީގަތެވެ.
"ކޯޓުތަކަށް ރިސޯސަސްގެ ދަތިކަން ވަރަށް ބޮޑު. އެކަމަކު، ރައްޔިތުންގެ މަޖިލީހުން ރައްޔިތުން ބޭނުންވާ ގޮތަށް ބަޖެޓު މި ކަނޑައަޅަނީ. ރައްޔިތުންގެ ފައިސާ ޚަރަދުކުރާނެ ގޮތް ކަނޑައަޅަން އޮންނާނީ ރައްޔިތުންގެ މަޖިލީސް ނޫން ވަކި ދެން ކޮން ތަނެއް،" އިބުރާ ޝަރުއީ ދާއިރާގެ ވާހަކަ ފެއްޓެވިއެވެ.
"ރައްޔިތުން ވޯޓު ދެނީ ބިން ހިއްކާ މީހާއަށް. ފުލެޓު ބަރި އަޅައިދޭނަމޭ ބުނާ މީހާއަށް. ޖުޑިޝަރީއަށް ބަޖެޓު ބޮޑުކޮށްދޭކަށް ރައްޔިތުން ނޭދޭ،"
އެއީ، ވަރަށް ބޮޑު ހަގީގަތެކެވެ. މިދިޔަ މަޖިލީސް އިންތިޚާބުގައި އިންތިޚާބުވި އާ މެންބަރުންނާ އެކު ދެކެވުނު ވާހަކައިން ވެސް އެކަން ޔަގީންވެއެވެ. އޭގެ ތެރެއިން މެންބަރަކު ނަން ނުޖަހާގޮތަށް ހިއްސާކުރި މައުލޫމާތުން އެނގެނީ ރައްޔިތުންނަށް ހަގީގަތުގައި މަޖިލީހުގެ ދައުރާއި ސަރުކާރުގެ ދައުރު ވެސް ވަކިނުވާކަމެވެ.
ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހަށް އޮންނަނީ ގާނޫނު ހެދުމުގެ ބާރެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާއެވެ. އެކަމަކު، މަޖިލީސް އިންތިޚާބުގައި ފެނުނީ އޭގެ އިދިކޮޅެވެ.
"ހަމަ އެންމެންހެން ބުނަނީ ޒާތީ ކަމެއްގައި. ވަޒީފާއެއް ނޫނީ ފައިސާއަށް. ދެން އެ މީހުން ބަލަނީ ސަރުކާރާ އޮންނަ ގުޅުމަށް. މަޝްރޫއުތައް، ބިން ހިއްކުމާއި ފަޅު ހެދުމާ ކަންކަން ކުރެވޭނެތޯ،" މި ފަހަރު ހޮވުނު މެންބަރަކު ވިދާޅުވިއެވެ.
އިބުރާ ފުރަތަމައިނުން ވެސް ވިދާޅުވީ އެ ވާހަކައެވެ. ޖުޑިޝަރީއަށް އޮތް ބަޖެޓު ކުޑަވެގެން އާންމުންނެއް ނޫޅެއެވެ. އެ މީހުން އެ ކަމާ ކަންބޮޑެއް ނުވެއެވެ. އެހެންވީމާ މަޖިލީހުން ބަޖެޓު ފާސްކުރާއިރުގައި ވެސް ޖުޑިޝަރީއަށް ބަޖެޓު ބޮޑުކުރާކަށް ޑިމާންޑެއް ނޯވެއެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ޖުޑިޝަރީއަށް އެންމެ ބޮޑު ހުރަހަކީ ޖާގައިގެ ދަތިކަމެވެ. ފަނޑިޔާރުންގެ މަދު ކަމެވެ.
"ހައިކޯޓުގައި މި ތިބެނީ 12 ފަނޑިޔާރުން. ބެންޗެއް ހަމަކުރަން އެބަ ބޭނުންވޭ ތިން ފަނޑިޔާރުން. ހައިކޯޓުގައި ހުންނަނީ ދެ ކޯޓު ރޫމް. އެހެންވީމާ އެންމެ ގިނަވެގެން ވެސް އެއްފަހަރާ މި ހިންގެނީ ދެ މައްސަލަ. އެކަމަކު، ހުރިހާ ވައްތަރެއްގެ މައްސަލައެއް ވެސް އިސްތިއުނާފުކުރަން ދާންޖެހޭ ކޯޓު ހައިކޯޓަކީ،" ފަނޑިޔާރުގެއަށް ދިމާވެފައި އޮތް މައްސަލައާ ގުޅޭ ގޮތުން އިބުރާ ވިދާޅުވިއެވެ.
އޭނާ ދެކިލައްވާ ގޮތުގައި އެ ކަންކަމުގެ ހައްލު އޮތީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްގެންނެއް ނޫނެވެ. މައްސަލައަކީ ރައްޔިތުން އެ ބަދަލު ބޭނުންނުވުމެވެ.
ރައްޔިތުން އިގުތިސާދީ ފިޔަވަޅުތައް އަޅާކަށް ބޭނުމެއް ނުވެއެވެ. ރައްޔިތުން ބޭނުންވަނީ ހިލޭ ކަންކަން ކުރާށެވެ. ރަށުގައި ޕާކާއި ފުލެޓާ އަޅާށެވެ. ރައްޔިތުންނެއް ސަރުކާރުގެ ޚަރަދު ކުޑަނުވެގެންނެއް ނޫޅެއެވެ. އެ މީހުން ވެރިން ގާތުން އެދެނީ ޒާތީ ކަންކަމުގައެވެ.
މީގެ 20 އަހަރު ކުރިން މި މަހު މައުމޫން ހުށަހެޅުއްވި އިސްލާހީ އެޖެންޑާގެ ސިއްރަކީ ވެސް ރައްޔިތުން އެ ބަދަލަށް ބޭނުންވުމެވެ. ހާލަތު ބަދަލުކުރުމުގެ ޚިޔާލާތު އޮތީއެވެ. އިސްލާހީ އެޖެންޑާ ބޮޑުވެ ޒުވާން އުމުރަށް އެޅީއެވެ. އާ ގާނޫނުއަސާސީއަށް ވެސް 16 އަހަރު ފުރެނީއެވެ. އެކަމަކު، މީގެ 20 އަހަރު ކުރިން އިސްލާހަށް ރައްޔިތުން ދެކުނު ހުވަފެން އޮތީ އަދިވެސް މުޅިން ކުލަނުޖެހިއެވެ. ބާރު ނެތީއެއް ނޫނެވެ. އެ ހައްގާއި ބާރު އޮތީ ކަށަވަރުވެފައެވެ.
ބަދަލުވީ ރައްޔިތުން އިސްލާހަށް އެދުނު އެދުމެވެ. ހާލަތު ބަދަލުކުރަން އޮތް ރޫހެވެ.