ޔާމީން މިނިވަންކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޕީޕީއެމްއިން އިނގިރޭސި ސަފީރާ ބައްދަލުކޮށްފި

ޕީޕީއެމް ޕީއެންސީން އިނގިރޭސި ސަފީރު ކެރޮން ރޮސްލާއާ ބައްދަލުކުރުމަށް ފަހު -- ޕޮޓޯ/ ޕީޕީއެމް

ރިޝްވަތާއި މަނީ ލޯންޑާކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތުގެ ތެރެއިން މިއަދު އިނގިރޭސި ސަފީރު ކެރޮން ރޮސްލާއާ އެ ކޯލިޝަނުން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް، ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "ސަން"އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބާ ގުޅިގެން ޕީޕީއެމްގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާކަމަށެވެ. އެގޮތުން އިދިކޮޅު ލީޑަރު ޖަލަށްލުމަށް ފަހު ބާއްވާ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއްކަމަށް ގަބޫލު ނުކުރާކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީ ޕްރައިމަރީ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކޮށް، އެކަން އިނގިރޭސި ސަފީރާ ހިއްސާކޮށްފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރައީސް ޔާމީން ޖަލުން ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ބޭރު ދުނިޔޭގެ އެކި ފަރާތްތަކާ ބައްދަލުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމެއް ވަނީ ލަންކާއަށް ވެސް ގޮސްފަ. ދެން އަދިވެސް ރީޗް ކުރަންޖެހޭ ފަރާތްތަކާ ރީޗް ކުރަމުން މިދަނީ،" ހީނާ ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ މެމްބަރުންތަކެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީންގެ އަރިހަށް ޖަލަށް ވެސް ޒިޔާރާތްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާއެވެ.

ޔާމީން ބަންދުކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ދަށު ކޯޓުން ކުރި ހުކުމާއެކު ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޓިކެޓު ދީފައިވާ ޔާމީނަށް އިންތިޚާބުގެ ވާދަކުރެއްވުމަށް ގާނޫނީ ޝަރުތެއް ވަނީ އުނިވެފައެވެ. އެކަމަކު، މަތީ މަރުހަލާއިން މިނިވަންވެވަޑައިގެން އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނެއެވެ.

އެމަނިކުފާނުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް