ވޮޝިންޓަން (23 ޖަނަވަރީ 2023): ތުރުކީއަށް ޖެއްސުންކުރުމުގެ ނަމުގައި ސްވިޑްން އިން ކީރިތި ގުރުއާނުގެ ކޮޕީ އެންދުމަކީ ނޭޓޯގެ މެންބަރަކަށް ވުމަށް ސްވިޑްން ކުރަމުން ގެންދާ މަސައްކަތަށް އެގައުމު އަމިއްލައަށް ހުރަސްއެޅުން ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ސިފަކުރައްވައިފިއެވެ.
ނޭޓޯގެ މެންބަރުކަން ސްވިޑްން އަށް ނުލިބިފައިވަނީ ތުރުކީގެ ދެކޮޅު ހެދުންތަކާ ގުޅިގެންކަމަށްވާއިރު އެމައްސަލާގައި ތުރުކީއަށް ޖެއްސުންކުރުމަށްޓަކައި ސްވިޑްންގެ ސަރުކާރުން ހުއްދަދީގެން އެގައުމުގެ ހަރުކަށި ސިޔާސީ މީހަކު މުޞްޙަފްގެ ކޮޕީއެއް ސްވިޑްންގައި ހުންނަ ތުރުކީ އެންބަސީގެ ކުރިމަތީގައި އަންދާލުމުން ތުރުކީއާއި މުޅި އިސްލާމީ ދުނިޔެވަނީ ސްވިޑްންއާ ދެކޮޅަށް ތެދުވެފައެވެ.
އުރުދުޣާން ވިދާޅުވިގޮތުން ސްވިޑްން މިގޮތަށް ކަންތައް ކުރުމުން ދެން ނޭޓޯގެ މެންބަރަކަށް ވުމަށް ސްވިޑްން އިންކުރާ މަސައްކަތަށް ތުރުކީގެ އެއްވެސް އެހީތެރިކަމެއް ލިބޭނެ ކަމަށް ސްވިޑްންގެ ސަރުކާރުން ދެކިގެންނުވާނެއެވެ. ސްވިޑްންގެ ހަރުކަށި އަދި ނާތަހުޒީބު އެއަމަލާއެކު ސްވިޑްން އިން ހަގީގަތުގައި އެ ހުރަސްއެޅީ ނޭޓޯގެ މެންބަރަކަށް ވުމަށް އެގައުމު ކުރާ މަސައްކަތަށް ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.
ރަސްމޫސް ޕަލޫޑާން ނަމަކަށް ކިޔާ ސްވިޑްންގެ ހައްދުފަހަނާފައިވާ ކަނާތުފިޔައިގެ ލީޑަރަކު މުޞްޙަފުގެ ކޮޕީ އަލިފާނުން އެންދީ އެކަންކުރުމުގެ ހުއްދަ ސްވިޑްންގެ ސަރުކާރުން ހޯދައިގެން އަދި ސްވިޑްންގެ ފުލުހުންގެ ހިމާޔަތުގައެވެ. އެހެންކަމުން މިއީ ސްވިޑްންގެ ސަރުކާރުވެސް މި މުޑުދާރު އަމަލުގައި ޝާމިލް ވުންކަމަަށް ތުރުކީއާއި އިސްލާމީ ދުނިޔެ ދެކެއެވެ.
ނަމަވެސް ސްވިޑްންގެ މިއަމަލުގެ ނަތީޖާ ނުކުތީ އެގައުުމުގެ ސަރުކާރުވެސް އަދި ރަސްމޫސް ޕަލޫޑާން ވެސް ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ތުރުކީ ހިމެނޭގޮތަށް އިސްލާމީ ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) އާއި އަދި ދީންތަކަށް އިހުތިރާމުކުރާ ތަހުޒީބު ހުރިހާ ގައުމަކުންވެސްވަނީ ސްވިޑްންގެ މި ނާތަހުޒީބު އަމަލުކުށްވެރިކޮށް ބަޔާންތައް ނެރެ ސްވިޑްން އާ ދެކޮޅަށް ތެދުވެފައެވެ.
ޔުކްރެއިން ނޭޓޯއަށް ވައްދައިގެން ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކުރުމަށް ހުޅަނގުން ކުރަމުންގެންދާ މަސައްކަތްތަކަށް ރައްދުދިނުމުގެ ގޮތުން ރަޝިއާ ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު ސްވިޑްންވަނީ ބިރުހީވެ ނޭޓޯގެ މެންބަރަކަށް ވުމަށް ރަސްމީގޮތުން މިދިޔަ އަހަރު މެދެއްހާ ހިސާބު ނޭޓޯއަށް ހުށަހަޅާފައެވެ. ނަމަވެސް ތުރުކީގެ ރުހުން ނުލިބޭތީ އަދިވެސް ސްވިޑްންއަށް ވަނީ ނޭޓޯގެ މެންބަރުކަން ނުލިބިފައެވެ.
މިމައްސަލާގައި މިހާތަނަށް ތުރުކީން ސްވިޑްން އަށް ހުރަސްއެޅީ ތުރުކީން ޓެރަރިސްޓް ޖަމާއަތްތަށް ކަމަށް ދެކޭ އެގައުމުގެ ކުދުރީ ބާޣީ ޖަމާއަތްތަކަށް ސްވިޑްން އިން އެހީތެރިވާތީއެވެ. ނަމަވެސް މިމައްސަލާގައި ތުރުކީދެކެ އައި ރުޅީގައި ސްވިޑްންގެ ސަރުކާރުގެ ރުހުމާއެކު އެގައުމުގެ ހަރުކަށި ލީޑަރު ރަސްމޫސް ޕަލޫޑާން، މުޞްޙަފް އަންދައި ތުރުކީ އެމްބަސީގެ ކުރިމަތީގައި ކީރިތި ގުރްއާނަށް އިހާނެތިކޮށް ހިތުމުން ތުރުކީގެ ރުޅިގަނޑުވަނީ އިތުރަށް ވަރުގަދަވެފައެވެ.
މުޞްޙަފް އެންދުމާ ގުޅިގެން ތުރުކީގެ ރައްޔިތުން ސްވިޑްން އާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާތަކުގައި އެގައުމުގެ ރައްޔިތުންވަނީ ނޭޓޯގެ މެންބަރަކަށް ވުމަށް ސްވިޑްން ކުރަމުން ގެންދާ މަސައްކަތަށް ކުރިޔަށްވުރެވެސް ބޮޑަށް ހުރަސްއެޅުމަށް ތުރުކީގެ ސަރުކާރުގެ ކިބައިން އެދިފައެވެ. މިއާއެކު އުރުދުޣާންވަނީ ނޭޓޯގެ މެންބަރަކަށް ވުމަށް ސްވިޑްން އިން ކުރާ މަސައްކަތަށް ދެން ތުރުކީ ކުރިޔަށްވުރެވެސް ބޮޑަށް ދެކޮޅު ހަދާނެކަމަށާ ދެން މިކަމުގައި ތުރުކީގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ނުކުރުމަށް ސްވިޑްންގެ ސަރުކާރަށް ހަނދާން ކޮށްދެއްވައިފައެވެ.
ތުރުކީގެ ނޫސްތަކުންވަނީ މުޞްޙަފް އަންދައި އިސްލާމް ދީނަށް އިހާނާތްކުރި މައްސަލާގައި ސްވިޑްން އިން ރަސްމީ ސިފައެއްގައި އިސްލާމީ ގައުމުތަކާއި މުސްލިމުންގެ ކިބައިން މަޢާފަށް އެދުމަށާއި ދެން އެބާވަތުގެ ނާތަހުޒީބު އަމަލެއް ނުހިންގުމަށް އެއްބަސްވުމަށް ސްވިޑްންގެ ސަރުކާރަށް ގޮވާލާފައެވެ.
މުޞްޙަފް އަންދައި އިސްލާމް ދީނަށް އިހާނާތްކުރި މައްސަލާގައި ތުރުކީ ސަރުކާރުންވަނީ މިއީ ދުނިޔޭގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ސްވިޑްން އިން ކުރާ މަސައްކަތެއްކަމަށް ސިފަކޮށް އެކަމުގެ ދައުވާ ދުނިޔޭގެ އެކިގައުމުތަކުގެ 120 އަށްވުރެ ގިނަ ކޯޓަށް ހުށަހަޅާނެކަމުގެ އިންޒާރު ދީފައެވެ.
ނޭޓޯގެ ޗާޓާރު ބުނާގޮތުން އެޖަމްއިއްޔާގެ މެންބަރުކަން އިތުުރު ގައުމަކަށް ދެވޭނީ އެޖަމްއިއްޔާގައި މިހާރު ހިމެނޭ ހުރިހާ މެންބަރު ގައުމުތަކުގެ ރުހުން އެކަމަށް ލިބިގެންނެވެ. ތުރުކީއަކީ ނޭޓޯގެ މެންބަރަކަށްވާއިރު ތުރުކީގެ ރުހުން ނުލިބި ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ލިބޭނެ ގޮތެއް ނޯންނާނެއެވެ.