ތުރުކީވިލާތުގެ ބޯލޫ ފަރުބަދަ ސަރަހައްދުގައި ހުންނަ ކާރްޓަލްކަޔާ ރިސޯޓުގައި އަލިފާން ރޯވެ 76 މީހުން މަރުވެއްޖެއެވެ.
އަލިފާން ރޯވެފައި ވަނީ އިއްޔެ ފަތިހެވެ. 12 ފަންގިފިލާގެ ގްރޭންޑް ކާޓަލް ހޮޓެލުގައި ހުރި ރެސްޓޯރަންޓެއްގައި ރޯވި އަލިފާންގަނޑު ފެތުރެން ފެށުމުން އެ ހޮޓަލުގެ ކޮޓަރިތަކުގައި ތިބި ބައެއް މީހުން ވަނީ އަލިފާނުން ސަލާމަތްވުމަށް ޓަކައި ކުޑަދޮރުތަކުން ބޭރަށް ފުންމާލާފައެވެ. ބައެއް މީހުން ބެޑްޝީޓްތަކުގެ އެހީގައި ވެސް ތިރިއަށް ފައިބަފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޓީރިއާ މިނިސްޓަރު އަލީ ޔަރްލިކާޔާ ވިދާޅުވީ ސްކީ ސްލޯޕްތަކެއްގެ ބިންގަލުގައި ހުންނަ އެ ހޮޓަލުގައި 238 ގެސްޓުން ތިބި ކަމަށެވެ.
އަލިފާން ރޯވި ތަނުން ފެނުނު ބައެއް ހަށިގަނޑުތައް ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން ޑީއެންއޭ ޓެސްޓުތައް ހަދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގެ ތަހުގީގު ފުލުހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. ތަހުގީގުގެ ތެރެއިން ނުވަ މީހަކު ފުލުހުން ހިފަހައްޓާފައިވާ ކަމަށް ޔެރްލިކާޔާ ވިދާޅުވިއެވެ. އެކަމުގައި ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލިފާން ރޯވެފައި ވަނީ ސްކޫލް ބަންދު ދުވަސްކޮޅެއްގައެވެ. އެހެންވެ، އިސްތަންބޫލާއި އަންކާރާގެ ގިނަ އާއިލާތަކެއް ވަނީ ބޯލޫ ފަރުބަދައަށް ސްކީ ކުރުމަށް ގޮސްފައެވެ.
އެ ހާދިސާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.