ނޫސްވެރިންގެ އަބުރުކަތިލައި ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އެމްއެމްސީ

ޑިސެމްބަރު 22، 2022: މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެެރެއިން -- އެމްއެމްސީ

ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރުކަތިލައި ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެކަމެއް ނޫންކަމަށާއި، ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައިދިނުމަކީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފިއެވެ.

ފަހަކަށް އައިސް ވަކިވަކި ނޫސްވެރިންނަށާއި، މީޑިއާތަކަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފުރައްސާރަ ކުރުމާއި، އިންޒާރުތައް ދިނުމާއި ބިރުދައްކާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެމްއެމްސީން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން މީޑިއާ އިދާރާތަކަށް ވަދެ ނޫސްވެރިޔާއަށް ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް ބިރުދައްކައި އިންޒާރުދިނުމާއި، ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރު ކަތިލައި ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މީގެ ކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރަ ކުރިމަތިވެ، ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ކަން ފާހަގަކޮށް އެމްއެމްސީން ބުނީ، އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ދުރާލައި ފިޔަވަޅު އެޅުމަކީ ކަމާ ބެހޭ މުއައްސަސާތަކުންނާއި، މީޑިއާތަކުން ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރުގެ ސެޕްޓެންބަރު 17ގައި އެކައުންސިލުން އެކުލަވާލާފައިވާ "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "މީޑިއާގައި ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި އަނެކާގެ ޒާތީ ދިރިއުޅުމާއި ކަރާމާތަށް އިޙްތިރާމްކުރާނެއެވެ." އަދި އެ މިންގަނޑުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ނޫސްވެރިއެއްގެ ނޫސްވެރިކަމުގެ ޙައްޤު ގެއްލޭ ކޮންމެ ޙާލަތެއްގައި އެ ނޫސްވެރިޔާ ޙިމާޔަތްކޮށް، ދިފާޢުކޮށްދީ، އެ ނޫސްވެރިޔާގެ ޕްރޮފެޝަނަލް ޙައްޤަށް އިޙްތިރާމް ކުރާނެއެވެ."

އެމްއެމްސީން ބުނީ، ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި ބިރު ދައްކައި އިންޒާރުދިނުން ފަދަ ކަންކަން ކުރުމަކީ، އެކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއްކަމަށެވެ.

ހަމައެއާއެކު، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް ނޫސްވެރިކަމުގެ މަސައްކަތްކުރާއިރު ޤާނޫނާއި ޤަވާއިދުތަކާއި "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ވެސް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.

comment ކޮމެންޓް