މަސްދަރު ހާމަކުރަން އެންގޭ ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި

ނޫސްވެރިން މަޖިލިސް ސަރަޚައްދުގައި ކުރި މުޒާހަރާއެއްގެ ތެރެއިން --- ސަން ފޮޓޯ

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ޝަރީއަތް މެދުވެރިކޮށް ހާމަކުރަން އެންގޭ ހެއްކާ ބެހޭ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ. އަދި އެ ބިލު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހުގެ 18ވަނަ ދުވަހުއެވެ.

އޭގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ގާނޫނުން ވަނީ ލިބިދީފައެވެ.

އެގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެއެވެ.

ހެއްކާ ބެހޭ ބިލް ތަސްދީގު ކުރާތާ ހަ މަސް ފަހުން އެ ގާނޫނަށް އަމަލުކުރަން ޖެހޭކަމަށް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މިއަދަކީ އެ ގާނޫނު ތަސްދީގުކުރިތާ ހަ މަސް ފުރޭ ދުވަސް ކަމުން މިއަދުން ފެށިގެން ކޯޓު މެދުވެރިކޮށް މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް އެންގޭނެއެވެ.

އެ ގާނޫނުގައި މަސްދަރު ހާމަކުރަން ލާޒިމްކޮށްފައިވާ ކަންކަމާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރުމާއެކު އެ ގާނޫނަށް މިހާރު ވަނީ އިސްލާހު ހުށަހަޅާފައެވެ. އެ ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

ހެއްކާ ބެހޭ ބިލަށް މިއަދު އަމަލުކުރަން ފަށާއިރު ޕްރޮސިކިއުޓަރުންނާއި އިންވެސްޓިގޭޓަރުން އެ ގާނޫނަށް ތަމްރީނު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެކުރިން ވަނީ ޕްރޮގްރާމެއް ހިންގާފައެވެ.

comment ކޮމެންޓް