ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސް ޞާލިޙްގެ ފަހަތަށް ނާރާނަން: ނަޝީދު

ރައީސް ނަޝީދު: ނަޝީދު ވަނީ ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސް ޞާލިޙަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ބަލިވެއްޖެ ނަމަ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ނަޝީދު ގެންދަވަނީ އެކި ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ.

އޭގެ ތެރެއިން ދަތުރުފުޅެއްގައި އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމުން، މީހަކު ވަނީ ޕްރައިމަރީން ނާކާމިޔާބުވެއްޖެ ނަމަ އެމަނިކުފާނު ހުންނަވާނީ ރައީސް ޞާލިޙާ އެކުތޯ ނުވަތަ އިދިކޮޅި ޕީޕީއެމްއާއެކުތޯ ސުވާލު ކޮށްފައެވެ.

"ޕީޕީއެމްއާއެކު ނުހުންނާނަން އެއީ ސަތޭކައިން ސަތޭކައިގެ ކަމެއް. ޕީޕީއެމާއެކު ނުހުންނާނަން. އެކަމަކު އިބްރާހީމް މުޙައްމަދު ޞާލިޙަކާއެކު ނުހުންނާނަން،" ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަފުޅުގެ އިތުރު ތަފުސީލަކަށް އެދުމުން ނަޝީދު ވިދާޅުވީ "އަހަރެން އެކަނި ގޮސް ގޭގަ ހުރީމަ ނިމުނީ" ކަމަށެވެ.

ހަމައެއާއެކު ނަޝީދު ވަނީ ރައީސްގެ އެންގެވުމަށް އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން ބޭރުކުރި ކަމަށް ދައްކަވާ ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނަށް ވޯޓު ދީފާނެތީ 39،000 މެމްބަރުން ކަނޑާލާފައިވާ ކަމަށާއި އޭގެ ތެރޭގައި އެމަނިކުފާނުގެ މަންމާފުޅު އާބިދާ އަހުމަދާއި ބޭބޭ ޑރ. އިބްރާހިމް ނާޝިދާއި ކުރީގެ އަނބިކަނބަލުން ލައިލާ އަލީ ހިމެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޞާލިޙާށް ތާއިދު ނުކުރާނެ ކަމަށް ލަފާކުރެވޭ މެމްބަރުން އެމްޑީޕީއިން ވަކިކުރި ކަމަށް ނަޝީދު މީގެ ކުރިން ތުހުމަތު ކުރެއްވުމާ ގުޅިގެން އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެފައި ވަނީ، ޕާޓީން ބޭރުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ނެތް މީހުން ކަމަށެވެ.

https://sun.mv/171929

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ. އަދި ދެ ރައީސުން ބަހުގެ ހަމަލާތައް ރައްދު ކުރައްވައި ވިދާޅުވަނީ، އަނެއް ބޭފުޅާ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި ނަމަ ޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް