އެމްޑީޕީން ވަކިކުރީ ރައީސަށް ވޯޓު ނުދޭނެ މީހުން: ނަޝީދު

ރައީސް ނަަޝީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ދަފުތަރު ސާފުކުރުމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުނުކުރައްވާ މެންބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިއްމު އެއް އަސާސަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތައް ކަމަށެވެ.

"ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހް ވަނީ 39،000އަށްވުރެ ގިނަ ޕާޓީގެ މެންބަރުން ވަކިކޮށްފައި. ލިސްޓު ސާފުކުރަން ޖެހޭ، އެކަމަކު އެމަނިކުފާނު މިވަނީ އެމަނިކުފާނަށް ވޯޓު ނުދޭނެ މެންބަރުން ވަކިކޮށްފައި" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އެފަދައިން ތުހުމަތު ކުރެއްވި ނަމަވެސް އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވިދާޅުވީ މެމްބާޝިޕް ސާފުކުރުމުގެ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، ޕާޓީގެ ދަފުތަރުގައި ވަރަށް ގިނަ އަދަދެއްގެ، އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ތިބިކަން މެންބަރުންނާ ހިއްސާ ކުރި ކަމަށެވެ. އަދި، ޕާޓީން މިހާރު ބޭރުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ނެތް މީހުން ކަމަށެވެ.

އަދި، އިބުރޭ ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓް މިދިޔަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު އާންމުކޮށްފައިވާއިރު އެހެން ޕާޓީތަކުގެ ގިނަ މެމްބަރުން އޭގައި ތިބިކަން ފާހަގަކުރައްވާ، އެކަމުގެ ތަފުސީލު ހާމަކުރައްވާފައެވެ.

މިގޮތުން، އޭރު އޮތް އެމްޑީޕީގެ ދަފުތަރުގައި އެހެން ސިޔާސީ ޕާޓީތަކުގައި ތިބި 17،056 މެންބަރުނާއި އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިނުވާ 24،033 މެންބަރުން ތިއްބެވެ.

އެކަމަކު، އެޕާޓީގެ ދަފުތަރުން 39،000އަށްވުރެ ގިނަ މެންބަރުން ވަކިކުރި ފަހުން، އޭގެ ތެރޭގައި "ވަގަށް" އެހެން ޕާޓީތަކަށް ވައްދާފައިވާ މީހުން ހިމެނޭކަން ފާހަގަކޮށް އެޕާޓީގެ ބައެއް އާންމު މެންބަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ދަފުތަރުގެ މައްސަލަ ބޮޑުވެފައިވާއިރު އެމްޑީޕީން މިއަދު ވަނީ އެހެން ޕާޓީއަކަށް ސޮއިނުކުރަނީސް ޕާޓީން ވަކިވެފައިވާނަމަ އެ މައްސަލައިގެ ޝަކުވާ ފޯމް ފުރިހަމަކޮށް އަލުން އެޕާޓިއަށް ރުޖޫއަވުމަށް އިލްތިމާސްކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވާއިރު އެޕާޓީ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ އޮތީ ދެކަފިވެފައެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުންނެވެ. އެގޮތުން ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ. ދެ ރައީސުން ވެސް މިހާރު ގެންދަވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.

comment ކޮމެންޓް