ނޫސްވެރިންނަށް ފުރައްސާރަކުރުން ބޮޑުވެ، މިހާރު ނޫހުން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

މިހާރުގެ މުވައްޒަފުންތަކެއް ބައްދަލުވުމެއްގައި --

މިހާރު ނޫހަށާއި އެނޫހުގެ މުވައްޒަފުންނަށް ފުރައްސާރަ ކުރުން ބޮޑުވެ، އެ ނޫހުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މިހާރުގެ ބައެއް ނޫސްވެރިންނާއި، މިހާރު ނޫހަށް އަމާޒުކޮށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ނޫހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާއްމުކޮށް، އެނޫހުގެ ވަކިވަކި ނޫސްވެރިންގެ އަބުރައް އަރައިގަނެ އެ ނޫހާއި ނޫސްވެރިން އާންމުންގެ ތެރޭގައި ބަދުނާމުކުރުމަށް އެކި ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެފަދަ ފަރާތްތަކުގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން މިހާރު ނޫހަށާއި އެތަނުގެ ނޫސްވެރިންނަށް ތަފާތު ފުރައްސާރައާއި ޖެއްސުންކުރުންތައް ކުރިމަތިވަމުންދާކަން ފާހަގަކުރަމުން މިހާރުގެ ބަޔާނުގައި ބުނެފައިވަނީ، އެފަދަ ފަރާތްތަކުން ފަތުރާ ސާބިތު ނުހިފޭ ދޮގު ވާހަކަތަކުގެ ސަބަބުން އެ ނޫހުގެ ނޫސްވެރިން ނަފުސާނީ އަދި ޖިސްމާނީ ބިރުވެރިކަމާއި ކޮންމެ ދުވަހަކު ކުރިމަތިލަމުން ދާކަމަށެވެ.

އެކަން އެގޮތަށް ކުރިއަށްގެންދަން ދޫކޮށްލައިފި ނަމަ އެއީ މިހާރު ނޫހަށާއި ނޫހުގެ ނޫސްވެރިންނަށާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ބިރެއްކަމަށް އެ ބަޔާނުގައިވެއެވެ. އެހެންކަމުން އެފަދަ ބައެއް މައްސަލަތަކުގެ ޖިނާއީ ތަހްޤީޤް ކޮށްދިނުމަށް މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް މިހާރު ނޫހުން ބުނެއެވެ. އަދި އޭގެތެރެއިން މަދަނީ ދައުވާ ކުރެވޭނީ ކޮންކޮން މައްސަލަތަކެއްގައިތޯ ބަލައި، އެ މައްސަލަތައް ކުރިއަށްގެންދިއުމަށް މިހާރު ނޫހުގެ ޤާނޫނީ ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ނޫހުގެ އަސާސްތައް ދަމަހައްޓައި، ނޫސްވެރިކަމުގެ މިނިވަންކަމާއި އެ ނޫހުގައި މަސައްކަތްކުރާ މުއައްޒަފުންނަށް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެ ނޫހުގެ ވާޖިބެއްކަމަށެވެ. އެހެންކަމުން އެކަމަށް ހުރަސްއެޅޭ އެއްވެސްކަމެއް ކުރުމަކީ މިހާރު ނޫހުން އެއްވެސް ސިފައެއްގައި ތަހައްމަލުކުރާނޭ ކަމެއް ނޫންކަމަށް ބަޔާނުގައިވެއެވެ.

މިހާރު ނޫހަށާއި، މިހާރު ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަ ކުރާ މައްސަލާގައި އެނޫހުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސާބިތު ނުހިފޭ ދޮގު ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރަމުންދާތީވެ، މިދިޔަ ސަރުކާރުތަކުގައި ސިޔާސީ އެކި މަޤާމުތައް ފުރުއްވި އައްބާސް އާދިލް ރިޒާއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާފައިވާކަމަށް މިހާރު ނޫހުގެ ނޫސްވެރިޔާ ފަޒީނާ އަހުމަދު ވަނީ ބުނެފައެވެ.

ފަޒީނާ ރޭ ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ، އޭނާ ޖިނާއީ ކުށެއް ކުރިކަމަށް އައްބާސް އާދިލް ރިޒާ ތުހުމަތުކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިދިޔަ މަހު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

މީގެ އިތުރުން ފަޒީނާ ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފުރައްސާރަ ކުރަމުންދާ މައްސަލާގައި ސޯޝަލް މީޑިއާގެ ބައެއް އެކްޓިވިސްޓުންގެ މައްސަލަވެސް ފުލުހުންނަށް ހުށަހަޅާފައެވެ.

comment ކޮމެންޓް