ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީއިން މެކް ޑޮނާލްޑްސް އާއެކު ކެމްޕެއިނެއް ފަށައިފި

މެކް ޑޮނާލްޑްސް އާ އެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ޕޯސްޓާ --- ފޮޓޯ/ އެމްއެމްޕީއާރްސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން، މެކް ޑޮނާލްޑްސްއާ އެއްކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިން މެދުވެރިކޮށް ޖަރުމަނުގެ މާކެޓުގައި ވަކިން ޚާއްސަކޮށް ރާއްޖެ އިޝްތިހާރު ކުރަން މަގުފަހިވާއިރު، މެކްޑޮނާލްޑްސްގެ 700 އައުޓްލެޓްގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވަނީ ނިންމާފައެވެ. މިއީ ގާތްގަޑަކަށް 35 މިލިއަން މީހުންނަށް ރާއްޖެ ފެނުމުގެ ފުރުސަތު ހުޅުވާލަދޭނެ އިޝްތިހާރުތަކެއް ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

މި އިޝްތިހާރުތަކުގެ ތެރެއިން ރާއްޖޭގެ ކަނޑު އަޑީގެ ރީތި ކަމާއި، ޝިޕް ރެކް ތަކާއި، ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ރާއްޖޭގެ ނާޒުކު ގުދުރަތީ ރީތިކަން އިޝްތިހާރު ކުރާނެއެވެ. މިއީ ޖަރުމަނުގެ މާކެޓަށް ޚާއްސަ އިޝްތިހާރުތަކަކަށް ވާއިރު، މި ކަމުގެ ތެރެއިން ޖަރުމަނު، އޮސްޓްރިއާ އަދި ސްވިޒަލޭންޑުގެ ރައްޔިތުންނަށް ޚާއްސަކޮށް ރާއްޖެ އިޝްތިހާރު ކުރާނެއެވެ.

ޖަރުމަނަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. މިދިޔަ އަހަރު އެގައުމުން ރާއްޖެއަށް އެއްލައްކަ ތިރީސް ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިއިރު، އެއީ ނިމިދިޔަ އަހަރު ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

މިދިޔަ އަހަރު ވެސް ޖަރުމަނު މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް އެމްއެމްޕީއާރްސީ އިން ވަނީ ކޮށްފައެވެ. މީގެ ތެރޭގައި އައިމެކްސް 2022، އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭ، އައިއެމްއެމް ޖާމަނީ ފަދަ އިވެންޓުތަކުގައި ބައިވެރިވުން ހިމެނެއެވެ.

މި އަހަރުގެ މިހާތަނަށް ޖަރުމަނުން ރާއްޖެއަށް 3000އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް