ފުލުސް މީހާ މަރާލި ސަމާހުގެ ވަކީލް ވަކިކުރަން ސުޕްރީމް ކޯޓުން ނިންމައިފި

ފުލުސް މީހާ މަރާލި ސަމާޙު ---

މީގެ ދިހަ އަހަރު ކުރިން ފުލުހުންގެ ޑިއުޓީއަށް ދިޔަ މަގުމަތީގައި ވަޅި ހަރައި މަރާލާފައިވާ ކ. ކާށިދޫ ކެތި، އާދަމް ހަލީމްގެ ގާތިލު އެރަށު ސުވާސާގޭ މުހައްމަދު ސަމާހުއަށް ދައުލަތުން ހަމަޖެއްސި ވަކީލް ވަކިކުރަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ އާދަމް ހަލީމްގެ ގަޔަށް ވަޅި ހަރައި އޭނާ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ސާމާހުގެ މައްޗަށް އުފުލީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި ސަމާހު ވަނީ އާދަމް ހަލީމް މަރާލިކަމަށް އެއްބަސްވެ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާއަށް އިއުތިރާފުވެފައެވެ. އަދި ކުރެވުނު ކުށަށް ތައުބާވެ އާދަމް ހަލީމްގެ ވާރުތަވެރިންގެ ކިބައިން މައާފަށް އެެދެން ބޭނުންވާކަމަށް ވެސް އެދުވަހު ސަމާހު ބުނެފައިވެއެވެ. ނަމަވެސް ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް ސަމާހު ވަނީ އިއުތިރާފް އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

ދައުލަތުން ސަމާހުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އޭނާ މެރުމަށް ހުކުމްކޮށްފައެވެ. އަދި އެހުކުމަށް ހައި ކޯޓުން ވެސް ތާއިދުކުރިއެވެ.

ސަމާހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތުއުނާފް ކޮށްފައިވާއިރު މިއަދު ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ. އަމިއްލަ ޚަރަދުގައި ވަކީލަކު ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނެތުމުން ދައުލަތުން ވަނީ އޭނާއަށް ވަކީލަކު ހަމަޖައްސައިދީފައެވެ.

މިއަދުގެ އަޑުއެހުމުގައި ސަމާހުގެ ފަރާތުން ވަކީލް ޖައުފަރު ރަޝީދު ވަނީ އިސްތިއުނާފީ ނުކުތާތައް ވެސް ހުށަހަޅާފައެވެ. ނަމަވެސް ސަމާހު ބުނެފައިވަނީ ދައުލަތުން އޭނާއަށް ހަމަޖެއްސި ވަކީލުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ވަކީލު ހަމަޖެއްސިތާ އަހަރެއްވާން ވެފައިވާއިރު ވަކީލާ ބައްދަލުވެފައިވަނީ އެންމެ ދެ ފަހަރު ކަމަށާއި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްގެ ކޮށްވެސް މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކިފައި ނުވާ ކަމަށް ވެސް ސަމާހު ވިދާޅުވިއެވެ.

ރައްދުގައި ވަކީލް ޖައުފަރު ވިދާޅުވީ, އޭނާގެ މުވައްކިލާ ބައްދަލުވެފައި ނުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެ ފުރުސަތު ފަހިކޮށްދީފައި ނުވާތީ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސުނުއްސުއޫދު ވިދާޅުވީ, އަމިއްލައަށް ވަކީލަކު އައްޔަނުކުރުމަށް ސަމާހު ބޭނުންވާތީއާ އެކު އޭނާގެ މިހާރުގެ ވަކީލު މައްސަލައިން ދުރުކުރުމަށް ނިންމާ ކަމަށެވެ. އަދި ވަކީލަކު ހަމަޖެއްސުމަށްފަހު އެކަން ސުޕްރީމް ކޯޓަށް އެންގުމަށް ސަމާހުއަށް ވަނީ ފުރުސަތުދީފައެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް އޭނާ ވެެއްދި އިރު އާދަމް ހަލީމް މަރާލި ކަމަށް ޝަރީއަތުގައި އިއުތިރާފުވުމަށް ފުލުހުން އޭނާ އަށް މަޖުބޫރު ކުރުވި ކަމަށާއި ތަހުގީގު ބަޔާނުގައި އޭނާ ކުށަށް އިއުތިރާފުވީ ވެސް ފުލުހުން އަނިޔާ ކުރުމުން ކަމަށް ސަމާހު ވަނީ މީގެކުރިން ބުނެފައެވެ.

ސަމާހު އެހެން ބުނުމުން ގާޒީ ވަނީ އެ ވާހަކަތައް ޝަރީއަތަށް ސާބިތުކޮށްދެވިދާނެތޯ އޭނާއާ ސުވާލު ކުރައްވާފައެވެ. އޭގެ ޖަވާބުގައި ސަމާހު އެދުވަހު ބުނީ ފުލުހުން އޭނާ އަށް އަނިޔާ ކުރި ނަމަވެސް އެކަން ޝަރީއަތަށް ސާބިތުކޮށްދެވެން ނެތްކަމަށެވެ.

ފުލުހުންގެ ހައްޔަރުގައި ހުންނައިރު ފުލުހުން އޭނާ އަށް އަނިޔާ ކުރާ ކަމަށް ތަކުރާރުކުރަމުން އެދުވަހު ސަމާހު ބުނީ އެ އަނިޔާތަކަށް ވުރެ އިސްލާމީ ޝަރީއަތުގައި ވާގޮތުގެ މަތިން އޭނާ މަރާލިއަސް މާރަނގަޅު ކަމަށެވެ.

ފުލުހުން އަނިޔާ ކުރާ ކަމަށް ތަކުރާރުކޮށް ސަމާހު ބުނުމުން ގާޒީ އެދުވަހު ވަނީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަށް އެ މައްސަލަ ހުށަހެޅުމުގެ ހައްގު ސަމާހަށް ވެސް ލިބިގެންވާ ކަން އޭނާ އަށް އަންގައިފައެވެ. ގާޒީ އެގޮތަށް އެންގެވުމުން އޭނާ ބުނީ އެ މައްސަލަ ކަމާ ބެހޭ މުއައްސަސާ އަށް ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ.

comment ކޮމެންޓް