ސްކޭމް ކުރުމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ހައްޔަރުކުރުމުގެ ރެކޯޑް އޮތް އަންހެނަކު، އެފަދަ މައްސަލައެއްގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހައިފައެވެ.
އެ އަންހެން މީހާގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހާއަކީ އެ ބާވަތުގެ މައްސަލަތަކުގެ ރެކޯޑް ކުރިންވެސް އޮންނަ މީހެކެވެ. އޭނާ، ޝަރިއަތުގެ މަޖިލީހުގައި ބުނެފައިވަނީ އޭނާއަށް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ މައުލޫމާތު ލިބިފައި ނުވާކަމަށެވެ. އަދި އޭނާ ރައްޓެހިވެގެން އުޅޭ މީހާއަށް އޭނާގެ ކޭޝްކާޑު ދީފައިވާނެ ކަމަށްވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ބަންދު މަޖިލީހުގައި ފަނޑިޔާރުވަނީ އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅުއްވައިފައެވެ.
މި އަންހެން މީހާގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އަދި އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ސްކޭމް ކުރުން ނުވަތަ މަކަރާއި ހީލަތުން ފައިސާ ހޯދުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ ދަށުން، މަކަރާއި ހީލަތް ހަދައިގެން އެހެން މީހެއްގެ މުދަލެއް ނުވަތަ ފައިސާއެއް އަތުލުމަކީ ކުށެކެވެ. މީގެ ތެރޭގައި ފޯނުން ގުޅައިގެންނާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް ހިމެނެއެވެ.
މިފަދަ ކުށްތަކަށް ކަނޑައެޅޭ އަދަބު ބިނާވަނީ އަތުލި ފައިސާގެ އަދަދަށާއި ކުށުގެ ބާވަތުގެ މައްޗަށެވެ. މިއީ ޖިނާއީ ކުށަކަށްވާތީ، ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުން ފަދަ އަދަބެއް އަތުވެދާނެއެވެ.
ސްކޭމްގެ މައްސަލަތަކަކީ މިހާރު ރާއްޖޭގައި ވަރަށް ގިނަވަމުންދާ މައްސަލަތަކަކަށްވާތީ، މިފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ މުހިންމު ކަމެކެވެ.