އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވަންސް ހޯދި މީހަކަށް ދައުވާ ކުރުމުން ފައިސާ ދައްކައިފި

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން: އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވަންސް ހޯދި މީހަކަށް ދައުވާ ކުރުމުން ވަނީ ފައިސާ އަނބުރާ ދައްކާފަ --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަރުކާރުން ދިން އިންކަމް ސަޕޯޓް އެލަވަންސް, އޮޅުވާލައިގެން ހޯދި މީހަކަށް ދައުވާ ކުރުމުން އޭނާ އަނބުރާ އެ ފައިސާ ދައުލަތަށް ދައްކައިފިއެވެ.

އޮޅުވާލައިގެން އިންކަމް ސްޕޯޓް އެލަވަންސް ހޯދިކަމަށް ބުނެ ދައުލަތުން ދައުވާ އުފުލީ ހ. ކެލާމާވިލާ އަހްމަދު ސަރާހުއާ ދެކޮޅަށެވެ.

އިކޮނަމިކް މިނިސްޓްރީން ބުނެފައިވަނީ, ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ސަރާހު އިންކަމް ސަޕޯޓްގެ ގޮތުގައި 5000 ރުފިޔާ ހޯދާފައިވާ ކަމަށެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ފައިސާ އަނބުރާ ދެއްކުމަށް އެތައް ފަހަރަކު އެންގުމުން ވެސް ސަރާހު އެކަމަށް އިޖާބަ ދީފައި ނުވުމުންނެވެ.

އެ ދައުވާ ސިވިލް ކޯޓަށް ހުށަހެޅި ފަހުން ސަރާހު ވަނީ ފައިސާ ދެއްކުމަށް އެއްބަސްވެފައެވެ.

އެހެންކަމުން ސިވިލް ކޯޓުން މިދިޔަ ބްރާސްފަތި ދުވަހު ހުކުމް ކޮށްފައިވަނީ އިކޮނަމިކް މިނިސްޓްރީން އެދުނު ގޮތަށް ސަރާހުގެ މައްޗަށް ހުށަހެޅި ދައުވާ އަނބުރާ ގެންދިއުމަށެވެ.

އިންކަމް ސަޕޯޓު އެލަވެންސަށް އެދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގައުމީ ފެންވަރުގައި ނެތް ކަމަށް އެ ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން އަނބުރާ ފައިސާހޯދަންޖެހޭ އެޕްލިކޭޝަންގެ ގޮތުގައި 217 އެޕްލިކޭޝަނެއް އޮޑިޓަށް ވަނީ ފާހަގަވެފައެވެ.

އިންކަމް ސަޕޯޓު އެލަވަންސް ދޭން ފެށީ 20 މެއި 2020 ގައެވެ. އޭގެ ފަހުން 18 މާޗު 2021ގެ ނިޔަލަށް 132،363 މީހުން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 93،544 ނުވަތަ 90 ޕަސެންޓް އެޕްލިކޭޝަނެވެ.

ޝަރުތު ހަމަވި މީހުންގެ ތެރެއިން 18 މާޗު 2021ގެ ނިޔަލަށް ފައިސާ ދޫކޮށްފައިވަނީ 80،750 އެޕްލިކޭޝަނަށެވެ.

comment ކޮމެންޓް