ޓެރިފާ ނުލައި ތުރުކީއަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ހިމެނޭ އެއްބަސްވުމުގައި ސޮއިކޮށްފި

ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން ތުރުކީއާއެކު ސޮއިކުރުން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ޓެރިފާ ނުލައި ތުރުކީއަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ހިމެނޭ ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން ތުރުކީއާއެކު މިއަދު ސޮއިކޮށްފިއެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މި އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދައިދިނުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެވޭނެ ކަމަށެވެ.

އަދި ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރުކޮށް، ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީ މާކެޓުގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެ، ދިވެހިންނަށް ތުރުކީގެ އުފެއްދުންތައް އަގުހެތޮކޮށް ލިބުމުގެ ފުރުސަތު މި އެއްބަސްވުމުގެ ސަބަބުން ފަހިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.

ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން ތުރުކީއާއެކު ސޮއިކުރުން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖެއާ ތުރުކީއާ ދެމެދު އިގުތިޞާދީގޮތުން ގާތް ގުޅުމެއް އުފެދެމުން ދާކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ގުޅުން ވަރުގަދަވެ، ވިޔަފާރިތަކަށް އައު ފުރުސަތުތައް ފަހިވާނެކަމަށް ގަބޫލުކުރާކަމަށް މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން 100އަށްވުރެ ގިނަ ބާވަތުން ނަގާ ޓެރިފް ކުޑަވާނެކަމަށެވެ. އަދި ޓެރިފާ ނުލައި މަހުގެ ބާވަތްތައް ތުރުކީގެ މާކެޓަށް އެކްސްޕޯޓް ކުރެވޭނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މިއީ މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނާ ބައްދަލުކުރައްވައި ނިންމެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ އިގްތިޞާދީ ގުޅުން ވަރުގަދަކުރަން ކުރެވެން ހުރި ކަންކަމާ ގުޅިގެން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ.

comment ކޮމެންޓް