ދަރުމަވަންތަ ސްކޫލާއި ސަލާހުއްދީން ސްކޫލް ނިންމަން ބުނި ދުވަހަށް ނުނިންމުނު

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

އަލަށް އިމާރާތްކުރާ ދަރުމަވަންތަ ސްކޫލާއި ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރާ ސަލާހުއްދީން ސްކޫލް ނިންމަން ކަނޑައެޅި ތާރީޚަށް ނުނިމި ދިގުލައިގެން ހިނގައްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެ ދެ ސްކޫލްގެ މަސައްކަތް ނިމޭނެ ވަކި ދުވަހެއް އަދި ޔަގީން ކަމާއެކު ބުނަން ނޭނގޭކަމަށެވެ. އެހެންނަމަވެސް އެ ދެ ސްކޫލްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ވިލާ ކޮލެޖް ކުރިމަތީ އޮތް ހުސްބިމުގައި އަޅާ ދަރުމަވަންތަ ސްކޫލްގެ މަސައްކަތް މިދިޔަ އަހަރު ނިމުމުގެ ކުރިން ނިންމާ، މިއަހަރު ފެށޭކޮޅަށް އެ ސްކޫލުގައި ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ދަރުމަވަންތަ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ސްކޫލުގައި އާ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެސްޖޭ ކޮންސްޓްރަކްޝަންއާ 74.9 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަސައްކަތް ކުރާތާ މިހާތަނަށް ތިން އަހަރު ވީ އިރުވެސް މަސައްކަތް ވަނީ ނުނިމި ދިގުލައިގެންގޮސްފައެވެ.

ދަރުމަވަންތަ ސްކޫލްގެ ޑިޒައިންކޮށްފައިވަނީ 1000 ދަރިވަރުންނަށް އެއްފަހަރާ ކިޔަވައިދެވޭނެ ގޮތަށެވެ. 41 ކްލާސްރޫމް ހިމެނޭ އެ ސްކޫލްގައި ދެ ބުރީގެ ލައިބްރަރީއަކާ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ޖާގަވެސް ވަނީ ހިމަނާފައެވެ.

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ސަލާހުއްދީން ސްކޫލް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސަލާހުއްދީން ސްކޫލް މިއަހަރުގެ ދެވަނަ ޓާމް ކިޔެވުމާ އެކު ހުޅުވޭނެކަމަށް ބުނި ނަމަވެސް މި މަސައްކަތްވެސް އަދި ވަނީ ނުނިމިފައެވެ.

މި ދެ މަސައްކަތް ލަސްވުމާ ގުޅޭގޮތުން 'ސަން' އިން އެޑިއުކޭޝަން މިނިސްޓްރީއާ ސުވާލު ކުރުމުން މިކަމާ ގުޅިގެން އަދި ވަނީ އެއްވެސް ޖަވާބެއް ނުލިބިފައެވެ.

ސަލާހުއްދީން ސްކޫލްގައި އެލްކޭޖީން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދޭނެއެވެ. ސަލާހުއްދީން ސްކޫލްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުގައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 118.35 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް