ކުޅިވަރު އެކެޑަމީތަކާއެކު އެއްބަސްވުން ހަދަން ސްކޫލުތަކަށް ހުއްދައެއް ނުދެން: އެޑިއުކޭޝަން

ސްކޫލް ދަރިވަރުންނާއެކު ކުރިއަށްދިޔަ ކުޅިވަރު މުބާރާތެއްގެ ތެރެއިން--

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ސްކޫލުތަކުގެ ގޯތިތެރެއާއި ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ކުޅިވަރު އެކެޑަމީތައް ހިންގުމަށް އެއްވެސް ސްކޫލަކަށް ހުއްދަދީފައެއް ނުވާނެއެވެ. މިކަން ހާމަކޮށްފައިވަނީ، ބައެއް ސްކޫލުތަކުގައި ހިންގާ އެކެޑަމީތަކުގެ ސަބަބުން އާންމު އާއިލާތަކުގެ ދަރިވަރުންނަށް ހުރަސްތަކެއް ކުރިމަތިވެ، ފީ ނުދެއްކޭ ކުދިންނަށް ފުރުސަތު ގެއްލެމުންދާކަމަށް ބުނެ ބެލެނިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އާންމުންގެ ފަރާތުން މި މައްސަލައަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިއީ މިއަދު ސްކޫލުތަކުގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ސްކޫލުގެ ކުޅިވަރު ޓީމުތަކަށް ކުދިން ހޮވުމުގައި މިފަދަ އެކެޑަމީތަކުގެ ނުފޫޒު އިންތިހާއަށް ބޮޑުވެފައިވާކަމަށް ގިނަ ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް ސްކޫލުތަކުން ވަކި އެކެޑަމީއަކަށް ވަދެ ފީ ދައްކައިގެން ނޫނީ ތަމްރީނުތަކުގައި ބައިވެރިނުވެވޭނެކަމަށް މަޖުބޫރުކުރާކަމުގެ ތުހުމަތުވެސް ވަނީ ފެންމަތިވެފައެވެ. މިއީ ރަސްމީ އުސޫލެއްގެ ތެރެއިން ހިނގާ ކަންތައްތަކެއް ނޫންކަން މިނިސްޓްރީގެ ބަހުން ޔަގީންވެއެވެ. މިހާރު ސްކޫލުތަކުގައި ހިންގަމުންދާ އެކެޑަމީތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާއިރު، މިކަންކަން ރެގިއުލޭޓްކޮށް ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

  • ސްކޫލުތަކުގެ ވަސީލަތްތަކުގައި ވިޔަފާރި އުސޫލުން އެކެޑަމީތައް ހިންގަން މިނިސްޓްރީން ހުއްދަދީފައެއް ނުވޭ.
  • އެކެޑަމީތަކަށް ފީ ނުދެއްކޭ ފަގީރު އާއިލާތަކުގެ ކުދިންނަށް ސްކޫލު ޓީމުތަކުން ފުރުސަތު ގެއްލޭކަމުގެ ޝަކުވާ ބޮޑުވެފައިވޭ.
  • ބައެއް ސްކޫލުތަކުން ވަކި އެކެޑަމީއަކަށް ވަނުމަށް ދަރިވަރުންނަށް މަޖުބޫރުކުރާކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ.
  • މިކަންކަން ރެގިއުލޭޓްކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް އާންމު ރައްޔިތުން ގޮވާލާ.

ސްކޫލްތަކުގެ ގޯތިތެރެއާއި ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކުން ކުޅިވަރު އެކެޑަމީތައް ހިންގަން އެއްބަސްވުން ހަދަން ސްކޫލުތަކަށް ހުއްދީފައި ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.

މިނިސްޓްރީން މިކަން ހާމަކޮށްފައިވާއިރު، ސްކޫލްތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ބައެއް އެކެޑަމީތަކުގެ ސަބަބުން އާންމު އާއިލާތަކުގެ ދަރިވަރުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް "ސަން" އިން ވަނީ ދާދިފަހުން https://sun.mv/221441 ރިޕޯޓެއް ޝާއިއުކޮށްފައެވެ.

"ސަން" އިން މި މައްސަލަ ފެންމަތިކުރުމާ ގުޅިގެން، ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ގިނަ ބަޔަކު ސޯޝަލް މީޑިއާގައާއި އެކި ގޮތްގޮތުން ހިއްސާކޮށްފައިވާ ގޮތުގައި، މިއީ މިއަދު ސްކޫލްތަކުގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ބައެއް ބެލެނިވެރިން އެ މީހުންގެ އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން ބުނެފައިވަނީ، ސްކޫލްގެ ކުޅިވަރު ޓީމުތަކަށް ކުދިން ހޮވުމުގައި އެކެޑަމީތަކުގެ ނުފޫޒު އިންތިހާއަށް އޮތުމުގެ ސަބަބުން، އެކެޑަމީތަކަށް ފީ ނުދެއްކޭ އާއިލާތަކުގެ ހުނަރުވެރި ކުދިންނަށް ފުރުސަތުތައް ގެއްލި، ބާކީވާން ޖެހިފައިވާ ކަމަށެވެ. އަދި އެ އެކެޑަމީތަކުން ސްކޫލުތަކުގެ ވަސީލަތްތަކުން ވިޔަފާރި އުސޫލުން ކަންކަން ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލްތަކުގެ ވަސީލަތްތައް އަމިއްލަ ވިޔަފާރި އުސޫލުން ނުވަތަ ދާއިމީ ސިފައެއްގައި އެކެޑަމީތައް ހިންގުމަށް ދޫކުރުމަކީ އެ މިނިސްޓްރީން ހުއްދަދީފައިވާ ކަމެއް ނޫން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު "ސަން" އިން ގެނެސްދިން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ސްކޫލްތަކުން ވަކި އެކެޑަމީތަކަކަށް "އެންޑޯޒް" ދީގެން ސްކޫލްގެ ދަނޑާއި ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ދީފައިވެއެވެ.

ނަމަވެސް، މިނިސްޓްރީގެ ޖަވާބުން އެނގެނީ މިގޮތަށް ހިންގާ ހަރަކާތްތަކަކީ އެ މިނިސްޓްރީގެ ރަސްމީ ހުއްދައެއް ނުވަތަ އުސޫލެއްގެ ތެރެއިން ހިނގާ ކަންތައްތަކެއް ނޫން ކަމެވެ.

ބެލެނިވެރިންގެ ޝަކުވާތަކަށް ބަލާއިރު، ބައެއް ކުދިންނަށް ސްކޫލްގެ ތަމްރީނުތަކުގައި ބައިވެރިވެވޭނީވެސް ވަކި އެކެޑަމީއަކަށް ވަދެ ފީ ދައްކައިގެން ކަމަށް ބުނެ ބައެއް ސްކޫލްތަކުން މަޖުބޫރުކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

މިނިސްޓްރީގެ މި ޖަވާބާއެކު، މިހާރު ސްކޫލްތަކުގައި ހިންގަމުންދާ އެކެޑަމީތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާއިރު، މިކަންކަން ރެގިއުލޭޓްކޮށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް