މިދިޔަ އަހަރު އެކަނިވެސް ސަރުކާރުން އެދިގެން، 3.9 ބިލިއަން ރުފިޔާ ޗާޕްކުރި

ދިވެހި ރުފިޔާތަކެއް ބަހައްޓާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް މިދިޔަ އަހަރުގެ ތެރޭގައި 3.9 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރެފައިވާ ހުސްވި ޑިސެމްބަރުމަހުގެ (އޮޑިޓް ނުކުރާ) މާލީބަޔާނަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ނިމުނުއިރު، "އެޑްވާންސް ޓު ގަވަމަންޓް" ގެ އަދަދު އުޅެނީ 3.9 ބިލިއަން ރުފިޔާގައެވެ. މިއީ ސަރުކާރުން އެދިގެން މަރުކަޒީ ބޭންކުން ޗާޕުކުރާ ފައިސާގެ އަދަދެވެ.

މަރުކަޒީ ބޭންކްގެ މާލީ ބަޔާނަށް ބަލާއިރު، ހުސްވި ޑިސެމްބަރު މަހު އެކަނިވެސް 1.8 ބިލިއަން ރުފިޔާ ވަނީ ޕްރިންޓްކޮށްފައެވެ.

މީގެކުރިން 2013 ވަނަ އަހަރާއި ހަމަޔަށް ގިނަ އަދަދަކަށް ފައިސާ ޗާޕްކުރަމުން އައިނަމަވެސް ޖެހިގެންއައި 2014 ވަނަ އަހަރު ފައިސާ ޗާޕްކުރުން ސަރުކާރުން ވަނީ ހުއްޓާލާފައެވެ.

ސަރުކާރުން މި ފަހުން ފައިސާ ޗާޕްކުރަން ފަށާފައިމިވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އާމްދަނީ ލިބުން ދަށްވުމާ ގުޅިގެންނެވެ.

ފައިސާ ޗާޕްކުރުމާ ގުޅޭގޮތުން މިދިޔަ އަހަރު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ، ރާއްޖޭގެ އިޤްތިސާދީ ހާލަތަށް ބަލާއިރު، ފައިސާ ޗާޕްކުރުން ނުވަތަ އޯވަރޑްރޯ ކުރުމަކީ ރާއްޖޭގެ އިޤްތިސާދީ ފިސްކަލް ޕޮލިސީއަށް އޭރަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ.

މިގޮތުން ފައިސާ ޗާޕްނުކޮށް ދަރަންޏަށް ފައިސާނަގާ އަދަދު އިތުރުވެއްޖެ ނަމަ ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވުމުގެ ބިރު އެބައޮތްކަމަށް ވެސް މާލީ ވަޒީރު އޭރު ވަނީ ވިދާޅުވެފައެވެ.

އިޤްތިސާދީ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އާމްދަނީގެ ގޮތުގައި ބޭރުފައިސާ ލިބޭ އަދަދު ދަށްވެފައިވަނިކޮށް ފައިސާ ޗާޕްކުރާ ނަމަ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިސާދަށް ކުރާނެއެވެ. މިގޮތުން ފައިސާ ޗާޕްކުރުން ހުއްޓާނުލައިފިނަމަ ދިވެހި ފައިސާގެ އަގު ދަށްވެގެން ދާނޭކަމަށްވެސް އިޤްތިސާދީ މާހިރުން ފާހަގަކުރައްވައެވެ. އެބޭފުޅުން ދެކޭގޮތުގައި ފައިސާ ޗާޕްކުރުމާއިއެކު، ބޭރުން ނަގާ ދަރަނިތައް އިތުރުވުމަކީ ވެސް ރާއްޖޭގެ އިޤްތިސާދަށް އޮތް ވަރަށް ބޮޑު ނުތަނަވަސް ކަމެކެވެ.

ސަރުކާރުން ލަފާކުރާގޮތުގައި އެކި ދާއިރާތަކުން ލިބޭ ކުރިއެރުމާއިއެކު ރާއްޖޭގެ އިޤްތިސާދު ރަނގަޅުވާނެއެވެ. މިގޮތުން ސަރުކާރުން އެންމެ ބޮޑަށް ފާހަގަކުރަނީ، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އާމްދަނީގެ ގޮތުގައި ރާއްޖެއަށް ލިބޭ ބޭރުފައިސާ އިތުރުވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް