ވިހެއުން މަންމައަށް، ބެލުން މާމައަށް!

އުމުރުން 70 އަހަރުގެ އެ މާމަ އެ އުފުލާ ތަކުލީފް ވަރަށް ބޮޑެވެ. އޭނާ ދިރިއުޅެމުން އަންނަނީ އޭނާގެ ހަގު ފިރިހެން ދަރިފުޅާއި ޅީދަރިފުޅުގެ އިތުރުން އެ ދެމަފިރިންގެ ހަމައެކަނި ހުންނަ ފަސް އަހަރުގެ މާމަ ދަރިފުޅާއެކުއެވެ. އެ ގޭގައި ކެއްކުމާއި އެއްޗެހި ދޮވުމުގެ އިތުރުން ގޭތެރެފޮޅާ ސާފު ކުރުމާއި އެ ކުޑަ މާމަ ދަރި ބެލުމުގެ ބޮޑު ޒިންމާ އަދާ ކުރަނީ އެ މުސްކުޅި މާމައެވެ. ފިރިހެން ދަރިފުޅާއި ޅީދަރިފުޅު ވަޒީފާއަށް ފޮނުވުމަށްޓަކައި މާމަ ދަރިބެލުމުގެ ބޮޑު ޒިންމާ، އުމުރުން ދުވަސްވީ ދުވަހު މި ވަނީ އުފުލަން ޖެހިފައެވެ.

"މާމަ ދަރިއަށް ކާންދީ، ފެންވަރުވާ، ނިންދަވާ ހުރިހާ ކަމެއް ކުރަނީ އަޅުގަނޑު. މި މާމަ ދަރި ވަރަށް ހަލަނި ވާނެ. ގޭތެރޭގެ މަސައްކަތް ކުރަމުން ވެސް އޭނާއަށް ވަރަށް ސަމާލުވެ ހުންނަން ޖެހެނީ،" އެ މާމަގެ ބޮޑު ޒިންމާ ސިފަކޮށްދެމުން ބުންޏެވެ.

އެ މާމައަށް އަރާމު ކުރަން ހަމަ އެންމެ ދުވަހެއް ވެސް ނުލިބެއެވެ. ކޮންމެ ދުވަހަކު ވެސް އޭނާ އެ ހުރިހާ ޒިންމާއެއް ނަގައި އެހާ ބުރަކޮށް އުޅެން ޖެހެއެވެ. ދަރިފުޅާއި ޅީދަރިފުޅު ދުވާލުއެއްކޮށްހެން އުޅެނީ ވަޒީފާގައި ބޭރުގައެވެ. އިރުއޮއްސެން ކައިރިވުމުން ގެއަށް އައިސް އުޅެފައި މަދުރެއަކު ނޫނީ އަނެއްކާ ވެސް ބޭރަށް އެ މީހުން ދާނެއެވެ. އެހެންކަމުން ރެއާއި ދުވާލުގެ ގިނަ ވަގުތު މާމަ ދަރީގެ ހުރިހާ ޒިންމާއަކާއި ގޭތެރޭގެ ކަންކަން ބަލަހައްޓަނީ އެ މުސްކުޅި މާމައެވެ.

އަތޮޅުތެރޭ ރަށެއްގައި ދެ އަންހެނަކު ކުޑަ ދެކުއްޖަކު ގޮވައިގެން-- ސަން ފައިލް ފޮޓޯ

"އަޅުގަނޑުގެ ތިބޭނެ ފަސް ކުދިން. އެންމެ ހަގު ދަރިފުޅާއެކު މިއުޅެނީ. އެ ފަސް ކުދިން ބެލުމަށް ވުރެން މިހާރު ބުރަ. އެހެންނު ވާނީ މި އުމުރުގައި މިހެން އުޅެން ޖެހުނީމައި،" ދެރަވެލާފައި އެ މާމަ ބުންޏެވެ.

މިއީ އެންމެ މާމައެއްގެ ހާލަތެއް ނޫނެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު މި ބުރަ އުފުލާ އެތައް މާމައިންނެއް އެބައުޅެއެވެ. ދަރިންބޮޑެތިވެ މީހުންނާ އިނުމަށް ފަހު ވަކި ދިރިއުޅުން ފެށުމަކުން އެ މާމައިންނަކަށް ލުޔެއް ނުލިބެއެވެ. ދަރިން ވަޒީފާއަށް ފޮނުވުމަށްޓަކައި މާމަ ދަރިން ބެލުމުގެ ބޮޑު ޒިންމާ އަދާ ކުރާ އެތައް ހާސް މާމައިންނެއް އެބައުޅެއެވެ.

"އަޅުގަނޑު ނިންޖަށް ވެސް ބަލި ވެފައި ހުންނަނީ. އެ ސޮރު [މާމަދަރިފުޅު] ނިދަންދެން ކިތަންމެ ދަން ވިޔަސް ހޭލާ ހުންނަން ޖެހެނީ. އަނެއްކޮޅުން ފަތިސް ނަމާދަށާއި ހެނދުނު ސައި ހަދަން ތެދުވަން ޖެހޭނެތާ. މިއީ މިއުޅޭގޮތަކީ،" ދަރިން ވަޒީފާއަށް ފޮނުވައިގެން މާމަ ދަރިފުޅު ބަލާ އެހެން މާމައަކު ކިޔައިދިނެވެ.

މާމަ ދަރިން ބެލުމުގެ ބޮޑު ޒިންމާ އަދާކުރާ މާމައިންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އުމުރުން ދުވަސްވީ ދުވަހު އެހާ ބުރަކޮށް އުޅެން ޖެހެމުން އެ މީހުންނަށް ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. ރަނގަޅަށް ނިދި ހަމަ ނުވުމުގެ ސަބަބުން ބޮލުގައި ރިހުން އެއީ އެންމެ އާއްމު އެއް މައްސަލައެވެ. އޭގެ އިތުރުން ބުރަބޮޑުވުމުގެ ސަބަބުންނާއި އަރާމު ކުރަން އެކަށޭނަ ވަގުތު ނުލިބުމުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ތަދުތައް އަރައިގެން އަބަދުހެން އުޅެންޖެހެއެވެ. އޭގެ އިތުރުން ހިތްދަތި ކަންކަމާ ވެސް ކުރިމަތިލާން ޖެހެއެވެ. އެގޮތުން ބައެއް މާމައިން ރޮއެފައި ބުނީ އެ މީހުން މާމަ ދަރިން ބަލާގޮތް ކަމުނުގޮސްގެން ދަރިން ރުޅިއައިސް އެއްޗެހި ކިޔާ ހަދަނިކޮށް ވަރަށް ހިތްދަތިވާ ކަމަށެވެ.

"އެކަނި މާއެކި ހުރިހާ ކަމެއް މިކުރަނީ. ހަމަ އޮފީހުން އައިސް [ދަރިފުޅު] ބުނެފާނެ މާމަ ދަރިއަށް ކާން ދޭ ގޮތް ކަމަކު ނުދެއޭ. ފެންވަރުވާ ގޮތް ކަމަކު ނުދެއޭ. ނޫނީ މާމަ ދަރި ރޮއެ ހަދަނިކޮށް ބުނެ ފާނެ މަ އެދަރި ބަލާގޮތުންނޭ އެހެން އުޅެނީ. ހުރިހާ ކަމެއް ކޮށްދޭއިރު މި ކަހަލަ އެއްޗެހި ވަރަށް ގިނައިން ބުނޭ،" ރޮމުން މާމައަކު މި ނޫހަށް ކިޔައިދިނެވެ.

މަގުމަތީގައި ބަޔަކު ހިނގާފައިފާ ދާއިރު ކުޑަ ކުއްޖަކު ފަހަތުން ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މާމައިންނަށް މީގެ ސަބަބުން ސިއްހީ މައްސަލަތަކެއް!

މާމަ ދަރިންނާއެކު ގިނަ ވަގުތު ހޭދަ ކުރުމަކީ ގިނަ މާމައިން ދެކޭ ހުވަފެނެކެވެ. އެއީ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ރަނގަޅު ވެސް ކަމެކެވެ. އެކަމަކު އުމުރުން ދުވަސްވީ ދުވަހު މާމަ ދަރިން ބެލުމުގެ ބޮޑު ޒިންމާ އެ މާމައިންނާ ހަވާލު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ސަބަބުން ގިނަ މައްސަލަތަކެއް މާމައިންނަށް ކުރިމަތިވެއެވެ.

"އުމުރުން ދުވަސް ވުމުން ވެސް ސޯޝަލް ވަގުތު ބޭނުން ވާނެ. އަޅުކަން ކުރުމަށާއި ރައްޓެހިންނާއެކު ވަގުތު ހޭދަ ކުރަން ވެސް ވަގުތު ބޭނުންވާނެ. އެކަންނުވާނަމަ ކޮލެޓީ އޮފް ލައިފަށް އަސަރު ކުރާނެ،" ރާއްޖޭގެ ކްލިނިކެއްގައި މަސައްކަތް ކުރާ ބޭރުގެ ސައިކޮލޮޖިސްޓަކު ވިދާޅުވިއެވެ.

"އުމުރުން ދުވަސް ވުމުން ކުޑަ ކުއްޖަކު ބެލެހެއްޓުމަކީ އުނދަގޫ ވާނެ ކަމެއް. އޭގެ ސަބަބުން ހާސްކަން ބޮޑުވުމުގެ މައްސަލަ ވެސް ކުރިމަތި ވުން ގާތް. ހާސްކަން މާބޮޑުވާނަމަ އޭހެ ސަބަބުން ސިއްހީ އެހެން މައްސަލަތަކަށް އެބަ ހުށަހެޅޭ."

މާމަމެން މެއިޑުންނަށް، ކީއްވެ؟

މިއީ ހަގީގަތުގައި ވެސް ރާއްޖޭގެ ގިނަ އާއިލާތަކުގެ ހާލަތެވެ. އުފަން ދަރިން ބޮޑު ކުރުމަށް ފަހު ވެސް ގިނަ އާއިލާތަކުގައި މާމަމެން އުޅެން ޖެހިފައިވަނީ ވަރަށް ބުރަ ދިރިއުޅުމެވެ. އެހެންވާ ސަބަބަށް ބަލާއިރު ގިނަ މީހުން އެގޮތް އިހުތިޔާރު ކުރަން ޖެހެނީ ވެސް އެ ނޫން ގޮތެއް ނެތިގެންނެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންނަށް އެކަން މަޖުބޫރުވެއެވެ. ދެމަފިރިން މަސައްކަތް ކޮށްގެން ނޫން ގޮތަކަށް މާލޭގައި ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބޯހިޔާވަހިކަމާއި އެހެނިހެން ހަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ. އެހެންކަމުން ދެމަފިރިން ވަޒީފާއަށް ދިއުމަށްޓައި ދަރިން ބަލާނެ ގޮތެއް ހޯދާއިރު އެންމެ އިތުބާރު ކުރެވޭ އަދި އެންމެ ފަސޭހަ ގޮތަކަށް މި އޮންނަނީ މާމައާ ހަވާލު ކުރުމެވެ.

ކުޑަކުދިންތަކެއް އާޓިފިޝަލް ބީޗްގައި --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

"އަސްލު ވަރަށް ދެރަވޭ. ނޭނގެ މަންމައަށް ޝުކުރު އަދާ ކުރާނެ ގޮތެއް ވެސް. އެނގޭ އެ އުމުރުގައި މާމަ ދަރިން ބެލުން ފަސޭހައެއް ނުވާނެކަން ވެސް. އެކަމަކު ވަޒީފާއަށް ނުގޮސް ދަރިން ބަލަން ކިހިނެއް ހުންނާނީ. ފިރިމީހާއަށް ލިބޭ އެއްޗަކުން ނޫޅެވޭނެއެއްނު،" ދެ ކުދިންގެ މަންމަ، އައިޝަތު މުރުޝިދާ، 32، ބުންޏެވެ.

ދުނިޔޭގެ ތަހުޒީބީ ގައުމުތަކަށް ބަލާއިރު ވަޒީފާގައި އުޅޭ ބެލެނިވެރިން އެ މީހުންގެ ދަރިން ގިނައިން ބަލަހައްޓަނީ ޑޭކެއާ ސެންޓަރުތަކަށް ފޮނުވައިގެންނެވެ. ހެނދުނު ވަޒީފާއަށް ދަނީ ދަރިން އެ ސެންޓަރުތަކަށް ލައިފައެވެ. އޮފީސް ނިމިގެން ގެއަށް ދަނީ އެ ކުދިން ގޮވައިގެންނެވެ. ނުވަތަ މެއިޑުން ގޭގައި ގެންގުޅުމަކީ ވެސް ކުދިން ބެލުމަށް ކޮށް އުޅޭ ކަމެކެވެ. ރާއްޖޭގައި ވެސް ތަނަވަސް މީހުން އެކަން އާއްމުކޮށް ކުރެއެވެ.

މާލެއަށް ބަލާއިރު ޑޭކެއާ ސެންޓަރުތައް އެބަހުއްޓެވެ. އެތަންތަނުން ކުދިން ރަނގަޅަށް ބަލަހައްޓައެވެ. އަދި ވަރަށް ފަހުން ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ އޮފީހުގުގައި ވެސް ޑޭކެއާ ސެންޓަރެއް ހަދައިފައެވެ. މިއީ ރާއްޖޭގެ އޮފީހެއްގައި އަލަށް ފެށި ހިދުމަތެކެވެ. އަމިއްލަ މީހުން ހިންގާ ޑޭކެއާ ސެންޓަރުތަކަށް މީހުން ކުދިން ފޮނުވައެވެ. ނަމަވެސް ގިނަ މީހުންނަށް އެކަން ނުކުރެވެނީ އަގު ބޮޑުވުމުގެ ސަބަބުންނެވެ.

"ޑޭކެއާއަށް ލާނަމަ މަހަކު 5،000 ނޫނީ 6،000 ކުއްޖަކަށް އެބަ ޖެހޭ އެތަނަށް ދައްކަން. މުސާރައަށް މި ލިބެނީ 10،000 ރުފިޔާ. ކިހިނެއް އެވަރުން ކުރާނީ. އޭރުން ގޭގެ ކުއްޔެއް ނުދެއްކޭނެ،" ސިވިލް ސާވިސްގައި ވަޒީފާ އަދާ ކުރާ އަންހެނަކު ބުންޏެވެ.

މާމަމެން ބަލި ވާދެ، އަވަސް ހައްލެއް ބޭނުން

ރާއްޖޭގެ ސިވިލްސާވިސްއަށް ބަލާއިރު ވެސް ގިނައީ އަންހެނުންނެވެ. އަދި މަތީ ތައުލީމް ހާސިލް ކުރާ މީހުންނަށާއި އަލަށް ވަޒީފާތަކާ ގުޅޭ މީހުންނަށް ބަލާއިރު ވެސް އަންހެނުންގެ އަދަދު ގިނައެވެ. އެއީ މުހިންމު ވެސް ކަމެކެވެ. ގައުމުގެ ތަރައްގީއަށް އަންހެނުންގެ ބަހާއި ހިދުމަތް މުހިންމެވެ. އަންހެނަކަށް ވީތީ ދަރިން ބަލަން ގޭގައި އިންނާކަށް ނުޖެހެއެވެ. ކިޔެވި އެއްޗެއްގެ ބޭނުން ވެސް ހިފަން ޖެހެއެވެ. ނަމަވެސް ވަޒީފާއަށް ދިއުމަށް އޮންނަ އެންމެ ބޮޑު ހުރަހަކަށް ވެފައި މިވަނީ ދަރިން ބެލޭނެ ގޮތްތަކެއް ނެތުމެވެ. ވަޒީފާއަށް ދިއުމަށްޓަކައި ހުރިހާ ބުރައެއް ހަވާލު ކުރަން ޖެހެނީ އުމުރުން ދުވަސްވީ މައިމީހާއަށެވެ.

އެކަމުގެ ހައްލަށް ބަލާއިރު އެންމެ މުހިންމު ކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ ފަދަ ޑޭކެއާ ސެންޓަރުތަކުގެ ހިދުމަތް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމެވެ. ދުޅަހެޔޮ މުޖުތަމައުއަކަށްޓަކައި ސަރުކާރުން ވެސް އެކަން ކޮށްދޭން އެބަޖެހެއެވެ. އޭރަށް މާމައިންނަށް ބޮޑުތަނުން ލުއިވާނެއެވެ. މިސަރުކާރުން މެޓާނިޓީ ލީވްގެ ގޮތުގައި ވިހެއުމަށް ފަހު ހަ މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ފަސޭހަ ކޮށްލަން ޖެހޭ ހެޔޮ ބަދަލެކެވެ.

މާމަދަރިން ބެލެހެއްޓުމުގައި ކުރިމަތިވާ ހާސްކަން މެނޭޖް ކުރުމަށް އެ މާމައިންނަށް ވެސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

އެގޮތުން މާމަ ދަރިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކުގައި މާމަ ދަރިންގެ މައިންބަފައިންނާ ފާޅުކަން ބޮޑު ގޮތެއްގައި ތެދުވެރިކަމާއެކު މުއާމަލާތް ކުރުމަކީ މުހިންމު ކަމެކެވެ. ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރަން ޖެހެއެވެ. އަދި މާމައިން ނަގާ ޒިންމާގައި ވަކި ހައްދެއް ކަނޑައަޅަން ވެސް ޖެހެއެވެ. އެގޮތުން މާމަ ދަރިން ބަލަހައްޓަން ހޭދަކުރެވޭނެ ވަގުތުގެ ހައްދެއް ކަނޑައެޅުމާއި، އަދާކުރަން ފަސޭހަ ނުވާ ވަކި މަސައްކަތެއް ނުވަތަ ޒިންމާތަކެއް އެ ކުދިންގެ މައިންބަފައިންނަށް އެންގުމަކީ ހަމަ ރަނގަޅު ކަމެކެވެ. މާމަ ބޭނުންވާ ވަގުތެއްގައި ބްރޭކް ނަގައި، އަރާމުކުރެވޭނެ ގޮތަށް ކުދިން ބެލުމުގެ ޒިންމާ ވެސް ނެގިދާނެއެވެ. ކުދިން ބެލެހެއްޓުމުގައި ސްޓްރެސް ބޮޑުވެއްޖެނަމަ، ކާފައާއި މާމަ އާއިލާގެ އެހެން މެމްބަރުންނާއި، ރައްޓެހިންނާއި، ނުވަތަ ކައުންސެލަރެއް ނުވަތަ ސަޕޯޓް ގްރޫޕެއް ފަދަ ޕްރޮފެޝަނަލް ރިސޯސްތަކުން ސަޕޯޓް ހޯދިދާނެއެވެ.

މާމަމެނަށް މިހާރު މާ ބުރައެވެ. އަރާމު ކުރަންވީ ދުވަހު ނަގަން ޖެހިފައި މިވަނީ މާ ބޮޑު ޒިންމާއެކެވެ. އޭގެ ސަބަބުން އިޖުތިމާއީ މައްސަލަތަކެއް ކުރިމަތި ވެދާނެއެވެ. މިކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ ހެޔޮ އަގެއްގައި ރަނގަޅު ޑޭކެއާ ސެންޓަރުތަކެއް ހިންގުމެވެ. އެކަން އަވަސް ކުރަންޖެހެއެވެ.

comment ކޮމެންޓް