ޑީއާރުޕީ އުވާލި މައްސަލަ ކޯޓަށް

އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ހާސް މެމްބަރުން ހަމަނުވާތީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި ނިންމުން ބާތިލުކުރުމަށް އެދި، އެޕާޓީން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފިއެވެ.

މެންބަރުންގެ އަދަދު ހަމަކުރަން އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތުގައި މެންބަރުން ހަމަނުކުރެވުނު ކަމަށް ބުނެ، އެ ކޮމިޝަނުން ވަނީ ޑީއާރުޕީ އުވާލައިފައެވެ.

ޑީއާރުޕީގެ ފަރާތުން މިއަދު ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ ޕާޓީގައި ތިބި 10،000އަށްވުރެ ގިނަ މެންބަރުން އުސޫލާ ހިލާފަށް ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. އަދި، އީސީގެ ނިންމުމުގެ ސަބަބުން ޕާޓީއާއި ޕާޓީގެ މެންބަރުންގެ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށާއި ގާނޫނުން ލިބިދީފައިވާ ހައްގަކަށް ހުރަސް އެޅުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، އީސީގެ ނިންމުން ބާތިލުކޮށް، ގަވާއިދާ ހިލާފަށް ޕާޓީން ވަކިކޮށްފައިވާ 10،000އަށްވުރެ ގިނަ މެންބަރުން އަލުން ޕާޓީއަށް ރުޖޫޢަކޮށްދޭން ފަރާތުން ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން އެޕާޓީގެ ވަގުތީ ލީޑަރުކަމުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އީސީން ޑީއާރުޕީ އުވާލާފައިވަނީ އެއްވެސް އުސޫލެއް ނެތި ކަމަށާއި ޕާޓީގައި ތިބި އެތައް ހާސް މެންބަރުންނެއް ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

"ކޯޓުން މި މައްސަލަ ކާމިޔާބު ކުރާނަން. ރިޔާސީ އިންތިޚާބުގައި ވާދަކޮށް، އެއްބުރުން މި އިންތިޚާބު ކާމިޔާބުވެސް ކުރާނަން އިރާދަކުރެއްވިއްޔާ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީ ފަދަ ދޮށީ ޕާޓީއެއް އުވާލުމުން ދޭހަވަނީ ރާއްޖޭގެ ޕާޓީ ސިސްޓަމް ފެއިލްވެފައިވާކަން ކަމަށާއި އެކަންކަން އެޕާޓީގެ ވެރިކަމެއްގައި ބަދަލުކުރާނެ ކަމަށެވެ.

"މުޅި ޕާޓީ ސިސްޓަމް ފެއިލްވީ ނޫންތޯ؟ ގަވާއިދާ ހިލާފަށް މެންބަރުންތައް ވަކިކޮށްފައި ޕާޓީ ވެސް އުވާލީ މި" ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރުޕީ ރަޖިސްޓްރީ ކުރީ ޖުލައި 15، 2005ގައެވެ. އެކަމަކު، މިދިޔަ 2022 ވަނަ އަހަރު އީސީން ވަނީ އެޕާޓީ އުވާލައިފައެވެ.

comment ކޮމެންޓް