ފާޑުކިޔުންތަކުގެ ސަބަބުން ރެފްރީ ލަހޯޒް ރިޓަޔާކުރަނީ

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާއާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގައި ރެފްރީ ލަހޯޒް، މެސީއަށް ރީނދޫކާޑެއް ދައްކަނީ --ފޮޓޯ/ގެޓީ އިމޭޖަސް

މެޗުތަކުގައި އިންސާފުކުރާ ގޮތުންނާއި، ގިނަ ކާޑުތަކެއް ދެއްކުމުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ސްޕެއިންގެ ރެފްރީ އެންޓޯނިއޯ ލަހޯޒް ރިޓަޔާކުރަން ނިންމައިފިކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ލަހޯޒްއަށް ފަހަކަށް އައިސް އެންމެބޮޑު ފާޑުކިޔުންތަކެއް އަމާޒުވީ، ގަތަރުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނިމުނު ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ނެދަލެންޑްސްއާއި އާޖެންޓީނާ ބައްދަލުކުރި މެޗަށްފަހުއެވެ.

އުމުރުން 45 އަހަރުގެ ލަހޯޒް ވަނީ އެ މެޗުގައި 19 ރީނދޫކާޑު ދައްކާފައެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް އެންމެގިނަ އަދަދަކަށް ކާޑު ދެއްކި މެޗެވެ. އެ މެޗުގައި ލަހޯޒް ވަނީ ދެ ޓީމުގެ ބެންޗުގައި ތިބި ކޯޗިންގް ސްޓާފުންގެ ޓީމުގެ މެމްބަރުންނަށާއި، ބެންޗުގައި ތިބި ކުޅުންތެރިންނަށް ވެސް ކާޑުދައްކާފައެވެ. އަދި މެޗުގައި ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީ ޝޫޓްއައުޓުގައި ވެސް އޭނާގެ ފަރާތުން ކާޑުތަކެއް ފެނިގެންދިޔައެވެ.

މެޗަށްފަހު ދެ ޓީމުގެ ކޯޗުން ވެސް އަދި ކުޅުންތެރިންގެ ވެސް ނުރުހުމާއި ފާޑުކިޔުން ލަހޯޒްއަށް އަމާޒުވެފައިވެއެވެ.

އެ މެޗަށްފަހު ލަހޯޒްއަށް ވޯލްޑް ކަޕުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ނުދޭން ފީފާއިން ނިންމިއިރު، އަނެއްކާ ވެސް ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވީ، ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗަށްފަހުއެވެ. އެ މެޗުގައި ވެސް 11 ރީނދޫކާޑާއި ދެ ރަތްކާޑު ފެނިގެންދިޔައެވެ. މިއީ ލަލީގާގައި އެންމެ ގިނަ ކާޑު ދެއްކި މެޗެވެ.

މި ފާޑުކިޔުންތަކާއެކު ލަހޯޒް ރިޓަޔާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނާއިރު، ލަލީގާއިން ވަނީ ވަގުތީގޮތުން ލަހޯޒްއަށް މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ނުދޭން ވެސް ނިންމާފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އޭނާ ރެފްރީކަން ކުރުން ހުއްޓާލައި، ރިޓަޔާކުރާނީ މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަން ނިމުމުންނެވެ.

comment ކޮމެންޓް