ގެއްލުނު ނިޒާމު ހެދީ ދޮގު، ފުލުހުންނަށް އޭނާ ފެނުނީ މިއަދު

ގެއްލިގެން ހޯދަމުންދާ ނިޒާމްއާއެކު އާންމުންގެ މީހަކު ނަގާފައިވާ ފޮޓޯ --- ފޮޓޯ/ އިބްރާހީމް ޓުވިޓާ

ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ފަހުން ގެއްލިގެން ހޯދަމުންދާ، ދެ މީހުންގެ ތެރެއިން އެކަކު ފުލުހުންނަށް ފެނިފައިވަނީ މިއަދު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ވިލިމާލެއިން ފުރި ތެޔޮބޯޓުން ގެއްލުނު ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް، 45، މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން މިއަދު ފެނިފައިވާ ކަމަށެވެ. އަދި، ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވިއެވެ.

އެކަމަކު، މާލޭގެ ކެފޭއެއް ތެރެއިން އާންމުންގެ މީހަކަށް އިއްޔެ އޭނާ ވަނީ ފެނިފައެވެ.

ނިޒާމާ ހަވާލާދީ އެމީހާ އިއްޔެ ބުނެފައިވަނީ ބުނީ ގެއްލިގެން ހޯދާ މައްސަލައިގައި ނިޒާމް ފުލުހަށް ދިޔަ ކަމަށެވެ. ނަމަވެސް ގިނައިރުތަކެއް ފުލުހުންގެ މަރުކަޒުގައި ބެއިންދުމަށް ފަހު ގެއްލިގެން ނޫޅޭ ކަމަށް ފުލުހުން ބުނުމުން ނިޒާމް އެތަނުން ދިޔައީ ކަމަށެވެ.

ނިޒާމާއެކު ދެން އެ ބޯޓުގައި ދަތުރުކުރި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން،35 ވެސް އަންނަނީ ހޯދަމުންނެވެ. ނަމަވެސް މިހާތަނަށް އޭނާގެ ޚަބަރެއް ވެފައެއް ނުވެއެވެ.

ދެ މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ހަމަ އެ ދުވަހު ފުލުހުންނަށް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ކަނޑުމަތިން ގެއްލުނު ދެ މީހުން ހޯދަން، ފުލުހުން މާލެތެރެ ބަލަން ފަށާފައިވަނީ އިއްޔެއެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް