ވިލިމާލެއިން ފުރި ތެޔޮބޯޓުން ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކުރި، މުޙައްމަދު ނިޒާމް، 45، މަރުގެ މައްސަލައަކާ ގުޅިގެން މިއަދު ހައްޔަރުކޮށްފިއެވެ.
ނިޒާމް އާއި އޭނާއާއެކު ތެޔޮ ބޯޓްގައި މަސައްކަތް ކުރާ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން،35، ގެއްލިގެން ފުލުހުން އިއުލާން ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އާދިއްތަ ދުވަހު އެ މީހުން އުޅޭ ބޯޓް ހުޅުލެ ކައިރިން ފެނުނެވެ.
އޭގެ ފަހުން މާލޭ ކެފޭއަކުން އިއްޔެ މީހަކަށް ނިޒާމް ފެނިގެން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ގދ. ތިނަދޫ، މަނާރު، ނިޒާމް ކޯޓް އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކޮން މަރުގެ މައްސަލައެއް ކަމެއް ފުލުހުން ނުބުނެއެވެ. އަދި އޭނާއާއެކު ދެން ހޯދަން އިއުލާން ކުރި ލިޓަން ފެނުނު ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ކަނޑުމަތިން ގެއްލުނު ދެ މީހުން ހޯދަން، ފުލުހުން މާލެތެރެ ބަލަން ފަށާފައިވަނީ އިއްޔެއެވެ.