އިދިކޮޅު މުޒާހަރާގެ ތެރެއިން ކައުންސިލަރު ޝުޖާއު ހައްޔަރުކޮށްފި

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ ބޭއްވި މުޒާހަރާއިން، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ހައްޔަރު ކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސަން" އަށް ވިދާޅުވީ، ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ޝުޖާއު ވެސް ހިމެނޭ ކަމަށެވެ.

އިދިކޮޅުން މުޒާހަރާކުރަމުން ގެންދަނީ ސޯސަންމަގާއި މަޖީދީމަގާ ގުޅޭ ހިސާބުގައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް ބައިވެރިން ތިބީ "ފްރީ ޕްރެޒިޑެންޓް ޔާމީނު"، މިހެން ޖަހާފައިވާ ކަޅުކުލައިގެ ޓީޝާޓު ލައިގެންނެވެ.

މިރޭގެ މުޒާހަރާގައި ވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް މުޒާހަރާގައި ބައިވެރިވެފައި ވެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑަކުރި ކަމަށް ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ ހަރާމް ހުކުމެއް ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގަންނަވަން މަގު ކޮށުމަށް ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށް ބުނެ އިދިކޮޅުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކޮށްފައި މިވަނީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ރިޔާސީ ޓިކެޓް ވެސް އަރުވައިފައި ވަނިކޮށެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ އެމަނިކުފާނަށް ގެއްލިފައެވެ.

comment ކޮމެންޓް