މާދަމައިން ފެށިގެން މުދަލާއި ޚިދުމަތުގެ އަގު ބޮޑުވާނެ

މެއި 27، 2020: މީހަކު މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމައިން ފެށިގެން އާންމު ޚިދުމަތްތަކާއި މުދަލުން ނަގާ ޓެކްސް ބޮޑުވެ އަލަށް ނަގާ ޓެކްސް ރޭޓުތަކަށް އަމަލުކުރަން ފަށާނެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރާ ބިލް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގުކުރެއްވީ މިދިޔަ ނޮވެމްބަރު 22ގައެވެ.

https://sun.mv/170739

ޓެކްސް ގާނޫނަށް ގެނައި އެ އިސްލާހުގެ ސަބަބުން، މިރޭ 12އިން ފެށިގެން ފަތުރުވެރިކަމުގެ ބޭނުންތަކަށް ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި، ގެސްޓު ހައުސްތަކާއި އެ ނޫން ވެސް ތަންތަނުން ނަގާ ޓެކްސް 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެއެވެ.

އަދި، އާންމު ޚިދުމަތްތަކާއި މުދަލުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވާނެއެވެ.

ޓެކްސް ބޮޑުކުރަން ނިންމައި، ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ، ބޮޑު ކޯޅުންގަނޑަކަށްފަހުއެވެ.

އެގޮތުން ޓެކްސް ބޮޑުކުރުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ މެމްބަރުންނާއި، އެމްޑީޕީގެ ބައެއް މެމްބަރުންގެ އިތުރުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަަކަފުޅު ދެއްކެވިއެވެ.

ޓެކްސް ބޮޑުކުރުމުގެ ސަބަބުން އެ ކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާންމުންނަށް ކަމަށާއި ވަކީން ޚާއްސަކޮށް މާލީ ތަނަވަސްކަން ނެތް ނިކަމެތިންނަށް އެކަމުގެ އަސަރު ހިތި ވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގެންދަނީ ވިދާޅުވަމުންނެވެ.

އަގު ޖަހަން ޖެހޭނީ އާ ޓެކްސް ރޭޓް ހިމަނައިގެން

މާދަމައިން ފެށިގެން ޓެކްސް ރޭޓު ބޮޑުވާތީ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ވަނީ ވިޔަފާރިތަކުން އަމަލުކުރަންވީ ގޮތާ ގުޅޭ ގޮތުން ވެސް ސަމާލުވާންވީ ކަންތައްތަކެއް ކިޔައިދީފައެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި، މާދަމައިން ފެށިގެން މުދަލާއި ޚިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީއެސްޓީގެ އާ ރޭޓު ހިމަނައިގެންނެވެ.

އެގޮތުން އަލަށް ނަގާ ޓެކްސް ރޭޓުތަކާ ގުޅިގެން ސަމާލުވާންވީ ކަންކަން ހިމަނައި ފެކްޓު ޝީޓެއް، މީރާއިން ވަނީ އާންމުކޮށްފައެވެ. މި ފެކްޓް ޝީޓުގައި، ޓެކްސް ރޭޓް ބަދަލުވުމާ ގުޅިގެން ކަޓް އޮފް ވަގުތު ކަނޑައަޅައި، ޖީއެސްޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފައިވެއެވެ.

އެގޮތުން، 24 ގަޑިއިރު ޚިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޯރަންޓުތަކާއި 24ގަޑިއިރު ޚިދުމަތް ނުދޭ އެހެން ވިޔަފާރިތަކުން، އާ ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ، މާދަމާ އެ ތަންތަން ހުޅުވާ ވަގުތުން ފެށިގެން ކަމަށް މީރާއިން ބުންޏެވެ.

އެ ނޫން ހުރިހައި ތަނަކުން މިރޭ 12އިން ފެށިގެން ޖީއެސްޓީ ނަގާނީ އާ ރޭޓުގައެވެ.

comment ކޮމެންޓް