މިހާތަނަށް މަސްވެރިންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި: މިހާތަނަށް މަސްވެރިންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، މިހާތަނަށް މަސްވެރިންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިރޭ ބުނެފިއެވެ.

އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު 17އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ޕޭމަންޓުތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.

އެ ހިސާބުތަކަށް ބަލާއިރު، އެ ކުންފުނިން އެކި ފަހަރުމަތިން މުޅި ޖުމްލަ 1،000،804،175 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. އެގޮތުން، އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދައްކާފައި ވަނީ މި މަހުގެ 14ގައި ކަމަށްވާއިރު، އެ ދުވަހު އެކަނި ވެސް މިފްކޯއިން ވަނީ 2،009،843 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.

މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓް ސަރަހައްދުގައި ދޯނުތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި: މިހާތަނަށް މަސްވެރިންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެކުރިން މިމަހުގެ އެކެއްގައި މަސްވެރިންނަށް 64،979،826 ރުފިޔާ ދޫކޮށްފައިވާއިރު، މެއި މަހުގެ 13ގައި ވެސް މިފްކޯއިން މަސްވެރިން ބާނާފައި ހުރި މަހަށް ފައިސާ ދޫކޮށްފައިވެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިފްކޯއިން މަސްވެރިންނަށް 853،177،412 ރުފިޔާ ދައްކައިފައިވަނީ ނަގުދު ފައިސާއިންނެވެ.

މިފްކޯއިން ބުނީ، މިހާރު މަސްވެރިންނަށް ނުދެވި ހުރީ 319،632 ރުފިޔާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން މަސްވެރިން އިހުތިޖާޖު ވެސް ކުރިއެވެ. އައްޑޫ ސިޓީގެ އިތުރުން ދ. ކުޑަހުވަދޫގައި ވެސް މަސްވެރިން އެ އިހުތިޖާޖުކުރިއެވެ. އިހުތިޖާޖު ހުއްޓައިލީ މި ހިނގާ ޖުލައިމަހުގެ އެއްވަނަ ދުވަހު، މިފްކޯއިން އެ ފައިސާ މަސްވެރިންނަށް ޖަމާކުރަން ފެށުމުންނެވެ.

މީހަކު މަސްކަޑަނީ: މިހާތަނަށް މަސްވެރިންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިފްކޯއިން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށް ނިންމައި، ގެނައި ބަދަލާއެކު، މަސްވެރިން ކިރާ މަހަށް ދެ ހަފުތާގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ މީގެ ކުރީން ވިދާޅުވެފައެވެ.

މި ސަރުކާރުން ވައުދުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާދޭނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ މާލީ ހާލަތާއި މިފްކޯގެ ހާލަތަށް ބަލައި، އެ ވައުދު އަދި ފުއްދެން ނެތް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ތެރޭގައި ވަނީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

އެހެންވެ، ބައިނަލްއަގުވާމީ އަގަށް މަސް ގަންނަން ފަށައިފައިވާއިރު، އާންމުކޮށް މިހާރު މިފްކޯއިން މަސް ގަންނަނީ 20 ރުފިޔާއަށް ވުރެ ދަށް އަގަކަށެވެ. އޭގެ ސަބަބުން މަސްވެރިން ވަނީ ކިރާ މަހުން ލިބޭ ފައިސާއިން ދެކޮޅު ނުޖެހޭ ކަމުގެ ޝަކުވާ ކޮށްފައެވެ.

https://sun.mv/194660

އެ ސަބަބުތަކާ ހެދި، މަސްވެރިން މަހަށް ދިޔުން މަދުވެފައިވާއިރު، ކަނޑު މަސް ލިބުން ވަނީ ދަތިވެފައެވެ.

comment ކޮމެންޓް