އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލައިގައި މުވައްޒަފުންގެ ބައިވެރިވުމެއް ނެތް: ބީއެމްއެލް

ބީއެމްއެލް އެޕް: ބީއެމްއެލް އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލައިގައި މުވައްޒަފުންގެ ބައިވެރިވުމެއް ނެތް ކަމަށް އެ ބޭންކުން ބުނޭ -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ކެނޑޭ މައްސަލަތަކުގައި މުވައްޒަފުންގެ ބައިވެރިވުމެއް ނެތް ކަމުގެ ޔަގީންކަން އޮތް ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިދިޔަ އަހަރު ފާސްކުރި ރިޕޯޓުގައި ދީފައިވާ ލަފަޔަށް އަމަލުކުރާ މިންވަރު ބެލުމަށް މިއަދު އެ ކޮމިޓީއަށް ވަނީ ބީއެމްއެލްއާއި އެމްއެމްއޭގެ އިތުރުން ކަރެކްޝަނަލް ސާވިސް ހާޒިރުކޮށްފައެވެ.

އެ ބައްދަލުވުމުގައި ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަތަކުގައި ކަމާ ގުޅުން ހުރި އިދާރާތަކުން ހިންގާފައިވާ ތަހުގީގުން، މިހާތަނަށް އެއްވެސް މައްސަލައެއްގައި ބޭންކުގެ މުވައްޒަފަކު ބައިވެރިވި ކަމުގެ އިޝާރާތެއް ލިބިފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަހަރު ޖުމްލަ 1400 ސްކޭމް މައްސަލަ ހުށަހަޅައިފައިވާއިރު އޭގެ ތެރެއިން 700 މައްސަލަ ހުށަހަޅައިފައިވަނީ ދެވަނަ ކުއާޓަރުގައި ކަމަށެވެ. އޭގެ ތެރޭގައި އިންޓަނެޓް ބޭންކިން ނުވަތަ އެޕްގެ ލޮގިން މައްސަލަތައް ޖެހިގެން ހުށަހަޅައިފައިވަނީ މަދު މައްސަލައެއް ކަމަށް ނިމާލް ފާހަގަކުރެއްވިއެވެ.

ފައިސާ ގެއްލުމުގެ މައްސަލަތަކުގެ ތަފާސްހިސާބު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 39 ޕަސެންޓަކީ ފޯނުން ގުޅައިގެން، އާއިލާ މީހެއް ކަމަށް ބުނެ ޝަހުސު އޮޅުވައިގެންނާއި އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ފައިސާ ޓްރާންސްފާ ކުރުމުގެ މައްސަލަތައް ކަމަށެވެ.

އެސްއޯއީ ކޮމިޓީގައި ބީއެމްއެލް، އެމްއެމްއޭ އަދި ކަރެކްޝަނަލް ސާވިސް: ބީއެމްއެލްއިން ވަނީ ސްކޭމްތަކުގައި މުވައްޒަފުންގެ ބައިވެރިވުން ނެތްކަން ޔަގީންވާ ކަމަށް ބުނެފައި -- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން 35 ޕަސެންޓަކީ އެކިކަހަލަ ފޯރަމް ނުވަތަ މާކެޓްޕްލޭސްތަކުގައި މުދާ ގަންނަން ފައިސާ ފޮނުވައިގެން ވީގޮތެއް ނޭނގުނު މައްސަލަތައް ކަމަށާއި 20 ޕަސެންޓަކީ ވައިބާ އާއި ޓެލެގްރާމް ގުރޫޕުތަކުގައި ހިންގާ ފޮރިން ކަރެންސީ ސޭލްތަކުގައި ބައިވެރިވެގެން ފައިސާ ފޮނުވުމުގެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަ ޕަސެންޓް ކޭސް ހަމައެކަނި މި އިންނަނީ ދެވަނަ ކުއާޓަރުގައި ބަލައިލައިފިއްޔާ، ދެން މުޅި އަހަރަށް ބަލައިލައިފިއްޔާ 10 ޕަސެންޓް ކޭސް މި އިންނަނީ އިންޓަނެޓް ބޭންކިން ނޫނީ އެޕްގެ އެކައުންޓު ލޮގިން ކޮމްޕްރޮމައިޒްވުމުގެ މައްސަލަ،" ނިމާލް ވިދާޅުވިއެވެ.

އެފަދަ މައްސަލަތަކުގައި ވެސް ބޭންކްގެ އެއްވެސް ސިސްޓަމެއްގެ ސެކިއުރިޓީއަށް މައްސަލަ ދިމާނުވާކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކައުންޓުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ޓޫ ފެކްޓާ އޯތެންޓިކޭޓާ ހިމަނައި، އީމެއިލް ބޭނުންކުރުން ހުއްޓުވި ކަމަށް ނިމާލް ވިދާޅުވިއެވެ.

އެ ބަދަލުތަކާއެކު ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ލޮގިން ސެކިއުރިޓީ ބައިނަލްއަގުވާމީ މިންގަނޑާ އެއްވަރަށް ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މި ހުރިހާ ކަމަކަށް ބަލާފައި އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައިން އަޅުގަނޑުމެންގެ ސްޓާފުންގެ ބައިވެރިވުމެއް އޮވެގެން ނޫން މިކަން މި ހިނގަނީ،" ނިމާލް ތަކުރާރުކުރެއްވިއެވެ.

ބީއެމްއެލް އެކައުންޓުތަކުން ވީނުވީއެއް ނޭނގި ބޮޑެތި އަދަދުތަކުން ފައިސާ ކެނޑޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ. އަދި އެކަމުގައި ބޭންކުގެ މުވައްޒަފުންގެ ބައިވެރިވުން އޮންނަ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.

comment ކޮމެންޓް