1.9 މިލިއަން ރުފިޔާގެ ސްކޭމެއް؛ ޖަލު އޮފިސަރުން ހިމެނޭހެން 158 މީހުން ބައިވެރިވި

ކަރެކްޝަންސްގެ އޮފިސަރުންތަކެއް: 1.9 މިލިއަން ރުފިޔާގެ ސްކޭމެއްގައި ޖަލު އޮފިސަރުން ހިމެނޭހެން 158 މީހުން ބައިވެރިވި ކަމަށް ފުލުހުން ބުނި -- ފޮޓޯ/ ކަރެކްޝަންސް

ރާއްޖޭގައި މި ފަހުން ހިންގި 1.9 މިލިއަން ރުފިޔާގެ ސްކޭމެއްގައި ކ. މާފުށީ ޖަލު އޮފިސަރުން ހިމެނޭހެން 158އަށް ގިނަ މީހުން ބައިވެރިވި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުމެއް ބޭއްވީ، އެ ޚިދުމަތުން ބަލަމުންދާ ސްކޭމްގެ ދެ މައްސަލައަކާ ގުޅިގެން މައުލޫމާތު ދިނުމަށެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އެންޓި ސްކޭމް ސެންޓަރުގެ ރެޕިޑް ރެސްޕޮންސްގެ ހެޑު، އިންސްޕެކްޓާ އޮފް ޕޮލިސް، އާދަމް ނަވީދު ވިދާޅުވީ މިއަދު ފުލުހުން ހިއްސާކުރި ދެ ސްކޭމްގެ މައްސަލައިގައި ވެސް މާފުށީ ޖަލުގެ ބައިވެރިވުން އޮތް ކަމަށާއި، އެހެން ނަމަވެސް ހުރިހާ ސްކޭމެއް ހިންގުމުގައި އިސްކޮށް ތިބެނީ ޖަލުގައި ތިބި ގައިދީންކަން ކަށަވަރު ކަމާ އެކު އަދި ދަންނަވަން ދަތި ކަމަށެވެ.

އެންޓި ސްކޭމް ސެންޓަރުގެ ރެޕިޑް ރެސްޕޮންސްގެ ހެޑު، އިންސްޕެކްޓާ އޮފް ޕޮލިސް، އާދަމް ނަވީދު -- ސަން ފޮޓޯ/ އަމަން ލަތީފް

އަދި މި މައްސަލައިގައި ވެސް ޖަލު ބަލަހައްޓާ އޮފިސަރުންގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން މާފުށީ ޖަލުގެ ތިން ޔުނިޓެއްގެ 16 ސެލްއެއް ބަލައިފާސްކޮށްފައިވާނެ ކަމަށެވެ.

"(މާފުށީ ޖަލު) ބަލައިފާސްކުރުމުގެ ތެރެއިން 21 މޮބައިލް ފޯނަކާއި، 10 ހެޑްސެޓަކާއި، ތިން ޔޫއެސްބީ ޗާޖަރާއި، އެއް ޕެންޑްރައިވްއާއި، އެކައުންޓް ނަންބަރުތަކާއި މޮބައިލް ނަންބަރުތައް ނޯޓުކޮށް ހަދާފައިވާ ނުވަ ފޮތަކާއި ދެ ސިމް ކާޑު އަދި މެމޮރީ ކާޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާނެ"

މީގެ ތެރޭގައި ހިމެނެނީ 1.9 މިލިއަން ރުފިޔާގެ ސްކޭމަކާއި ފަސް ލައްކަ ރުފިޔާގެ ސްކޭމެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން އެންޓި ސްކޭމް ސެންޓަރުގެ ހެޑު، އިންސްޕެކްޓާ އޮފް ޕޮލިސް، މަރިޔަމް ރަޝީދާ ވިދާޅުވީ މިދިޔަ މަހުގެ 18ގައި ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކަށް، ކާކުކަން ނޭނގޭ ފަރާތަކުން ގުޅައި، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް ޕްރޮޖެކްޓަކަށް މުދާ ސަޕްލައިކުރަން ކަމަށް ބުނެ، އޮޅުވާލާފައިވާ ކަމަށެވެ. އެ ގޮތުން ވެންޑާ ރަޖިސްޓްރީ ކުރުމަށް އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި، އިންޓަނެޓް ބޭންކިން އެކްސަސް މެދިވެރިކޮށް، ވިކްޓިމްގެ ޕާސަނަލް އެކައުންޓަަށް އެކްސަސްވެ، އެ ކައުންޓުން ގާތްގަނޑަކަށް 25،000 ރުފިޔާ އަދި ވިޔަފާރީގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.

މި ފައިސާގެ ތެރެއިން 548،560 ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށާއި، ވެރިފަރާތަށް އެ ފައިސާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެންޓި ސްކޭމް ސެންޓަރުގެ ހެޑު، އިންސްޕެކްޓާ އޮފް ޕޮލިސް، މަރިޔަމް ރަޝީދާ -- ސަން ފޮޓޯ/ އަމަން ލަތީފް

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ 12ގައި އާންމު ފަރުދަަކަށް ފްލެޓު ލިބުނު ކަމަށް ބުނެ، ނުދަންނަ ނަންބަރަކުން ގުޅައި، އޮޅުވާލައިގެން ވަނީ ފައިސާ ހޯދާފައެވެ. އެ ގޮތުން އެ ސްކޭމް ހިންގާފައިވަނީ އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި، ވިކްޓިމްގެ މޮބައިލް ނަންބަރު އީ ސިމަކަށް ބަދަލުކޮށް، އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒްކޮށް، އަދި އިންޓަނެޓް ބޭންކިންގެ އެކްސެސް ހޯދައިގެން ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ވިކްޓިމްގެ ޕާސަނަލް އެކައުންޓުން 25،000 ރުފިޔާގެ އިތުރުން ވިކްޓިމްގެ ބައިވެރިވުން އޮންނަ ޖަމިއްޔާއެއްގެ އެކައުންޓުން 526،000 ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ޖުމްލަ 587،000 ރުފިޔާއެވެ.

އެންޓި ސްކޭމް ސެންޓަރުގެ އިންވެސްޓިގޭޝަންގެ ހެޑު، އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުޙައްމަދު -- ސަން ފޮޓޯ/ އަމަން ލަތީފް

ސްކޭމްގެ މި ދެ މައްސަލައިގައި ވެސް ގިނަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެންޓި ސްކޭމް ސެންޓަރުގެ އިންވެސްޓިގޭޝަންގެ ހެޑު، އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުޙައްމަދު ވިދާޅުވީ މި މައްސަލައިގައި އޮޅުވާލައިގެން ހޯދި ފައިސާ ކޭޝްއައުޓް ކުރުމުގައި 36 ރަށަކުން 158 އަަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ސްކޭމްގައި ބައިވެރިވި މީހުންނަށް މާލީ ގޮތުން އެކި މަންފާ ލިބިގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ އެކިއެކި މަރުހަލާތަކުގައި 180އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ޝާމް ވިދާޅުވިއެވެ. އަދި މިއީ ސްކޭމްގެ މައްސަލައެއް ތަހުގީގު ކުރުމުގައި މިހާ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ވެސް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް