ސައުދީ އަރަބިއްޔާގެ ފުޓުބޯޅަ ކުލަބު އަލް ނަސްރުން، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ބޮޑު ކުރިއެރުމެއް ހޯދައި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކާ ހަމައަށް އައުން ގާތްވެފައިވާ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.
ފުޓުބޯޅައިގެ ޚަބަރުތައް އެންމެ ތާޒާކޮށް، ކުޅުންތެރިންގެ ޓްރާންސްފާގެ ޚަބަރުތަކުގައި އެންމެ އިތުބާރު ކުރެވޭ ކުޅިވަރު ނޫސްވެރިޔަކީ ފަބްރީޒިއޯ ކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. ފުޓުބޯޅައަށް ލޯބިކުރާ ދިވެހިން ވެސް އެންމެ އިތުބާރު ކުރާ މަސްދަރެއްގެ ގޮތުގައި ވަނީ ފަބްރީޒިއޯއެވެ.
12 އަހަރަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭ ޚަބަރާއި، އޭނާ އެކުލަބަށް ސޮއިކުރި ޚަބަރު ވެސް އެންމެ ފުރަތަމަ ހިއްސާ ކުރި ނޫސްވެރިޔާ ފަބްރީޒިއޯ މީގެ އިރުކޮޅެއް ކުރިން ބުނެފައިވާ ގޮތުގައި، ރޮނާލްޑޯ ގެނައުމަށް އަލް ނަސްރުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބީގެ މަންޒިލާ ގާތްވެފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެންމެފަހުގެ މަޝްވަރާތައް ކަމަށެވެ.
އަދި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި، ކޮންޓްރެކްޓުގައިވާ ތަފްސީލުތަސް ބަލައި، ލިޔެކިޔުންތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަބްރީޒިއޯ ބުނެފައިވެއެވެ.
އަލް ނަސްރުން ރޮނާލްޑޯ ގެނައުމަށް ހުށަހަޅާފައިވަނީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ ކޮންޓްރެކްޓެކެވެ. އެ 200 މިލިއަން ޔޫރޯ އަކީ މުސާރައިގެ އިތުރުން ކޮމާޝަލް ޑީލުތައް ހިމަނައިގެން ހުށަހަޅާފައިވާ އަދަދެކެވެ.
އަދި ދެ ފަހަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވި، ކޮންޓްރެކްޓުގައި ރޮނާލްޑޯ ސޮއިކޮށްފިނަމަ، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް ކުޅޭނެއެވެ. ދެ އަހަރާއި ބައިގެ މުއްދަތަކަށް އެކުލަވާލާ މި ކޮންޓްރެކްޓުގެ ދަށުން ރޮނާލްޑޯއަށް 450 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއް ލިބޭނެއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރޮނާލްޑޯ ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އަލް ނަސްރާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ރަސްމީކޮށް އަލް ނަސްރުން އެކަން އަންގައި، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ އިއުލާނު ކުރަން ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އަލް ނަސްރުން ކުޅޭ މެޗަށްފަހުއެވެ.
އެގޮތުން ސީބީއެސް ސްޕޯޓްސް، ސައުދީ ގެޒެޓް އަދި ގޯލް ފަދަ ބައެއް މީޑިއާތަކުން ވަނީ ރޮނާލްޑޯ އެ ކުލަބަށް ސޮއިކޮށްފައިވާ ކަމާއި، އަލް ނަސްރުގެ ކުރިއަށް އޮތް މެޗަށްފަހު އެކަން އިއުލާނުކުރާނެ ކަމަށް ރިޕޯޓުކޮށްފައެވެ.
އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ނޫސްވެރިޔާ، ފަބްރީޒިއޯ ވެސް މިކަން ހާމަކޮށްފައެއް ނުވެއެވެ.
އަލް ނަސްރާއެކު ރޮނާލްޑޯ އެއްބަސްވުން އެކުލަވާލައިފިނަމަ، ފުޓުބޯޅައިގައި އެންމެ މަތީ ފަންތީގައި އޭނާ ދެން ނުފެންނާނެއިރު، މިއީ އޭނާގެ ސަޕޯޓަރުންނަށް އެކަމުގެ އިންތިހާ އަސަރު ކުރުވާނެ ކަމެކެވެ.
ޔޫރަޕު ފުޓުބޯޅައިގައި ރޮނާލްޑޯ ނުހޯދާ އެއްވެސް ކާމިޔާބީއެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އޭނާ ވަނީ ޔޫރަޕުގެ ވަރުގަދަ ތިން ލީގެއްގައި ކުޅެ، އެ ލީގުތަކުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ މެންޗަސްޓާ ޔުނައިޓެޑާއެކު ޕްރިމިއާ ލީގު، ރެއާލް މެޑްރިޑާއެކު ސްޕެނިޝް ލަލީގާ އަދި ޔުވެންޓަސްއާއެކު އިޓާލިއަން ލީގެވެ. މީގެއިތުރުން ޔުނައިޓެޑާއި ރެއާލްއާއެކު ރޮނާލްޑޯ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.
2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި އަލް ނަސްރުން ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. އެހެންނަމަ ވެސް މިކަން މީޑިއާތަކަށް ބޮޑަށް ތިލަވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މެންޗަސްޓާ ޔުނައިޓެޑުން ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން، އަލް ނަސްރުން އެ ޓީމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، ވަރުގަދަކުރި ހިސާބުންނެވެ.
ޔުނައިޓެޑުން ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ، މި އަހަރު ފެށުނުއިރު، ހާއްސަކޮށް އެ ޓީމުގެ ކޯޗުކަމަށް އެރިކް ޓެންހާގް އައްޔަންކުރި ހިސާބުން ޓީމާއި ރޮނާލްޑޯއާ ދެމެދު ޖެހެމުންއައި މައްސަލަތަކުގައި ހުޅު ރޯވުމުންނެވެ. މި މައްސަލަތަކުގައި ހުޅު ރޯވެ، ޔުނައިޓެޑުން މި ފިޔަވަޅު އެޅީ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ޕިއާސް މޯގަންގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
އެގޮތުން ރޮނާލްޑޯ ވަނީ ޔުނައިޓެޑުން އޭނާއަށް ބޭވަފާތެރިވެފައިވާ ކަމަށާއި، ޓީމުގެ ކޯޗަށް އިހްތިރާމް ނުކުރާ ކަމަށް ބުނެފައެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލަންޑޯ އެވޯޑު ހަތްފަހަރަށް ހޯދާފައިވާ ރޮނާލްޑޯ އަކީ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އަދި ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ހަދާފައި ވަނީވެސް ރޮނާލްޑޯ އެވެ.
ކުރިން ފާހަގަކުރި ތިން ކުލަބުގެ އިތުރުން ދެން ރޮނާލްޑޯ ސީނިއާ ކެރިއަރުގައި ކުޅެފައި ވަނީ ޕޯޗުގަލްގެ ސްޕޯޓިންގް ލިސްބަން އަށެވެ.