އައްޑޫގައި އަލިފާނުގެ ބޮޑު ހާދިސާއެއް

ހުޅުދޫގައި ރޯވެފައިވާ އަލިފާންގަނޑު ---

އައްޑޫ ސިޓީ ހުޅުދޫގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ،

މިކަން ހާމަކޮށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ސަރަހައްދު ވަލުތެރޭގައި އަލިފާން ރޯވެގެން، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން 20:03 ހާއިރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އެ ސަރަހްދަުގައި ހުރި ތާރު ކޮންޓެއިނާ ތަކެއްގައި ވެސް މިހާރު އަލިފާން ހިފައިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހުޅުދޫގައި ރޯވެފައިވާ އަލިފާންގަނޑު --

އެ ރަށު ބަނދަރު ސަރަހައްދު ވަލުތެރޭގައި އަލިފާން ރޯވިކަން އެމްއެންޑީއެފްއިން ހާމަކޮށްފައިވާއިރު މިއަދު ހަވީރުގެ ވަގުތެއްގައި ހަމަ އެ ސަރަހައްދުގައި ހުރި ކުނިފުންޏެއްގައި އަލިފާން ރޯވެގެން ވެސް ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

އެ އަލިފާންގަނޑު ރޯވިކަމުގެ މައުލޫމާތު ލިބި، އަލިފާންގަނޑު ނިއްވާލުމަށް ސިފައިން ހަރަކާތްތެރިވާން ފެށީ ހަވިރު 17:08 ހާއިރު ކަމަށާއި، އެ އަލިފާންގަނޑު ނިއްވާލެވުނީ 18:50 ހާއިރުކަމަށް ވެސް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.

ހުޅުދޫއިން "ސަން"އާ ވާހަކަދައްކި އެ ރަށުގައި ދިރިއުޅޭ މީހަކު ބުނީ، މި ދެ އަލިފާންގަނޑަކީ ވެސް ބަޔަކު ގަސްތުގައި ރޯކޮށްލި އަލިފާންގަނޑެއް ކަމަށެވެ. އެހެންމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 21:30 ހާއިރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި، އެހެންނަމަ ވެސް އަދިވެސް، ފެން އަޅައި ތާރުތައް ފިރިކުރުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. ރޯވި ތާރު ކޮންޓެއިނަރުގެ ތެރެއިން ބޮޑުބައި އެއްކޮށް އަނދާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް