''އިންޓަވިއުތަކުގައި އެމްބާޕޭ ވާހަކަދައްކަނީ އަޑު ބަދަލުކޮށްގެން''

އިންޓަވިއުއެއްގެ ތެރެއިން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ---

އިންޓަވިއުތަކުގައި ނުވަތަ ޕްރެސްކޮންފަރެސް ތަކުގައި ވާހަކަދައްކާއިރު، ފްރާންސާއި ޕީއެސްޖީގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ވާހަކަދައްކަނީ އަޑު ބަދަލުކޮށްގެން ކަމަށް, ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޮޓް ބުނެފިއެވެ.

މީގެކުރިން ޕީއެސްޖީއަށް ކުޅެ މިހާރު އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ސެންޓްރަލް މިޑްފީލްޑަރު މިހެން ބުނެފައި ވަނީ، މީސްމީޑިއާގައި ކުރިއަށް ގެންދިޔަ، "ކިއު އެންޑް އޭ" އިންޓަވިއުއެއްގެ ތެރެއިންނެވެ.

އެމްބާޕޭއާ ގުޅޭގޮތުން ކުރި ސުވާލަކަށް މަޖާޒު ގޮތަކަށް ޖަވާބުދެމުން ރަބިއޮޓް ބުނީ، އާންމު ދިރިއުޅުމުގައި އެމްބާޕޭ އޭނާގެ ހަމަ އަޑުން ވާހަކަދައްކާ ކަމަށާއި، އެހެންނަމަވެސް މައިކެއް ދިމާކުރުމުން ނުވަތަ މައިކެއްގެ ކުރިމައްޗަށް އެރުމުން އޭނާ އަޑު ބަދަލު ކުރާ ކަމަށެވެ.

އަދި އެކަން އެގޮތަށް އޭނާ ކުރާ ސަބަބު ނޭނގޭ ކަމަށާއި، އެކަމުގެ ސަބަބުން ނުހަނު އުނދަގޫވާ ކަމަށް، މަޖާޒު ގޮތަކަށް ވާހަކަދައްކަމުން ރަބިއޮޓް ބުނެފައިވެއެވެ.

ވޯލްޑް ކަޕުގައި ފްރާންސް ކުޅުނު މެޗެއްގެ ތެރެއިން ---

މި މަހުގެ 18 ވަނަ ދުވަހު ނިމުނު ވޯލްޑް ކަޕަށްފަހު ކުލަބު ފުޓުބޯޅަ އަލުން މިވަނީ ފެށިފައެވެ. އެމްބާޕޭ ވަނީ ވޯލްޑް ކަޕު ނިމުނުތާ މާގިނަ ދުވަސްތަކެއް ނުވެ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

އެމްބާޕޭއާއި ރަބިއޮޓް އަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި ފައިނަލާ ހަމައަށް ފްރާންސް ދަތުރުކުރުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިންތަކެކެވެ.

comment ކޮމެންޓް