ޔާމީން މިނިވަންކޮށް، އިންތިޚާބު ކުރަން އެކުގައި ތިބެން އަހުދުވެއްޖެ

ރޭ ޕީޕީއެމުން ބޭއްވި ސެނެޓު ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ޕީޕީއެމް

ޖަލަށްލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމުގައްޔާއި އެމަނިކުފާނު އަލުން ވެރިކަމަށް ގެނައުމަށް މުޅި ޕާޓީ އެކުގައި ތިބުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުން އަހުދުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، އެފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

އެ ހުކުމާ ގުޅިގެން އިދިކޮޅުން ސިޔާސީ ކުރިމަގު ބައްޓަން ކުރާނެ ގޮތާމެދު މަޝްވަރާ ކުރަން ރޭ ވަނީ އެ ކޯލިޝަންގެ ސެނެޓު ބައްދަލުވުމެއް ބާއްވާފައެވެ. އެ ކޯލިޝަންގެ އެންމެ ބާރުގަދަ ގުނަވަނަކީ ސެނެޓެވެ.

އެ ކޯލިޝަންގެ 89 ސެނެޓަރުންގެ ވޯޓުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ ޔާމީން ޖަލަށްލާފައިވަނީ ދުޝްމަނުން މެދުވެރިކޮށް އުފައްދާފައިވާ ހެކިންގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި، އެއީ ގާނޫނު އަސާސީއާއި އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު 'ހަރާމް' ހުކުމެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

"އެމަނިކުފާނު މިނިވަން ކުރުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ކުރުމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބު ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށާއި އެކަންކަން ކުރުމުގައި [މި ކޯލިޝަންގެ] ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ދެމި ތިބުމަށް އަހުދުވެ.." އިދިކޮޅުން ފާސްކުރި ގަރާރުގައި ބުނެފައިވެއެވެ.

ރޭ ޕީޕީއެމުން ބޭއްވި ސެނެޓު ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ޕީޕީއެމް

މިގޮތުން، ޔާމީން މިނިވަން ކުރަންދެން ސަރުކާރުން ކުރާ އެއްވެސް ކަމަކަށް އެއްބާރުލުން ނުދިނުމަށާއި އެކަމަށް ގޮވާލާ މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި މަސައްކަތުގައި ޕީޕީއެމާއި ޕީއެންސީ އެކުގައި ތިބެން އަހުދުވެ އަދާވާތްތެރިން ޕާޓީ ބައިބައިކޮށްލަން ޖާގަ ނުދިނުމުގެ އަޒުމް ވެސް ގަރާރާ އެކު ރޭ ވަނީ އާ ކޮށްފައެވެ.

އާރަށު މައްސަލައިގާ އުފުލި ދެ ދައުވާ ސާބިތުވެ، ޖުމުލަ 11 އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޔާމީންގެ ފަރާތުން މިހާރު އަންނަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުންނެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި މީގެ ކުރިން ވެސް ޔާމީންގެ މައްޗަށް ދައުވާއެއް ވަނީ އުފުލައިފައެވެ. އެފަހަރު އެމަނިކުފާނު މިނިވަންވެވަޑައިގަތީ ސުޕްރީމް ކޯޓުގެ މަރުހަލާއިންނެވެ.

comment ކޮމެންޓް