''ފްރާންސް ރުއިން ހުއްޓާލާ''، އާޖެންޓީނާ ސަޕޯޓަރުންގެ ޕެޓިޝަނެއް!

ފޮޓޯ/ޑެއިލީ ނިއުސް ---

ވޯލްޑް ކަޕުގައި ލިބުނު ނާކާމިޔާބީއާއެކު ފްރާންސްގެ ސަޕޯޓަރުން ކުރަމުންދާ ޝަކުވާތަކުގެ ސަބަބުން، "ފްރާންސް މީހުން ރުއިން ހުއްޓާލުމަށް" ގޮވާލައި، އާޖެންޓީނާގެ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމުގައި މިމަހުގެ 18 ވަނަ ދުވަހުގެރޭ ކުޅުނު ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ރެފްރީގެ ނިންމުންތައް އިންސާފުވެރި ނޫންކަމަށް ބުނެ ފްރާންސް ޓީމުގެ ސަޕޯޓަރުން އަންނަނީ ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. އެގޮތުން މެޗުގައި ފްރާންސަށް ލިބެންޖެހޭ ޕެނަލްޓީއެއް ނުލިބޭ ކަމަށާއި، އާޖެންޓިނާގެ ތިންވަނަ ލަނޑު މެސީ ޖެހިއިރު، އެ ޓީމުގެ ބެންޗުގައި ތިބި ދެ ކުޅުންތެރިއަކު ދަނޑުމައްޗަށް އަރާފައިވާތީ އެއީ ލަނޑެއް ނޫން ކަމަށް ނިންމަން ޖެހޭ ކަމަށް ފްރާންސްގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

މިފަދަ އެތައް ނިންމުންތަކެއް ގޯސްކަމަށް ބުނެ، ފްރާންސްގެ ސަޕޯޓަރުން އަންނަނީ ފައިނަލް މެޗު އަލުން ކުޅުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މި ޕެޓިޝަނުގައި މިހާތަނަށް 200،000 (ދެ ލައްކަ)އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

މީގެއިތުރުން މުބާރާތަށްފަހު އާޖެންޓީނާގައި ކުރިއަށް ގެންދިޔަ ބަސް ޕެރޭޑުގެ ތެރެއިން އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް، ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއަށް ފުރައްސާރަކޮށް މަލާމަތް ކުރިކަމަށް ބުނެ، އެ މައްސަލަ ބަލާދިނުމަށް ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަނުގައި އެދިފައިވެއެވެ.

އާޖެންޓީނާ ސަޕޯޓަރުންގެ، "ފްރާންސް ރުއިން ހުއްޓާލާ" ޕެޓިޝަނަކީ، ފްރާންސްގެ އެފްއޭއާއި އެ ޓީމުގެ ސަޕޯޓަރުންގެ ޝަކުވާތައް މާ ގިނަ ވުމުގެ ސަބަބުން ސޮއިކުރަން ފެށި ޕެޓިޝަނެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ޕެޓިޝަން ފެށީ ވެލެންޓީން ގޮމޭޒް ނަމަކަށް ކިޔާ މީހެކެވެ. "ވޯލްޑް ކަޕް ފައިނަލުން ބަލިވި ދުވަހުން ފެށިގެން ފްރާންސުން ރޮއެ، ޝަކުވާކޮށް، އާޖެންޓީނާއަކީ ދުނިޔޭގެ ޗެމްޕިއަނުންކަން ގަބޫލުކުރަން އަންނަނީ ދެކޮޅު ހަދަމުން. މި ޕެޓިޝަނުގެ މަގްސަދަކީ މެސީއަކީ ތާރީހުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާ ކަން ސާބިތުކޮށްދިނުން". ވެލެންޓީން ގޮމޭޒް މީސްމީޑިއާގައި ބުނެފައިވެއެވެ.

36 އަހަރަށްފަހު އާޖެންޓީނާއިން ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމާއެކު، އެކަން ފާހަގަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެހެންނަމަވެސް އާޖެންޓީނާގެ މި ކާމިޔާބީ ގަބޫލު ނުކޮށް، އެ ޓީމަށް މުބާރާތް ކާމިޔާބު ކުރުމުގެ މަގު ފަހި ކޮށްދޭން ފީފާއިން މަސައްކަތް ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް ފީފާއިން ވެސް އަދި ކަމާބެހޭ އެހެން ފަރާތްތަކުން ވެސް މިކަން ދޮގުކޮށްފައިވެއެވެ.

comment ކޮމެންޓް