ޔޫރަޕަށް ފޮނުވާ މަހުން ޑިއުޓީ ކަނޑާލާނެ ކަމުގެ އުންމީދު ބޮޑު: ފައްޔާޒު

އޭޕްރީލް 11، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިނގިރޭސިވިލާތާއި އެނޫންވެސް ޔޫރަޕުގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެ ކަމުގެ ނުވަތަ ކުޑަ ކުރާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު "ސަން"އާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އިނގިރޭސިވިލާތަށް ފޮނުވާ މަހުން ޑިއުޓީ ކަނޑައިލާނެ ސީދާ ތާރީޚެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި، މަހުން ނަގާ ޑިއުޓީ ކަނޑާލުމާ ބެހޭ ގޮތުން އިނގިރޭސިވިލާތާއި، ޔޫރާޕުގެ އެހެން ގައުމުތަކާއެކުގައި ވެސް މަޝްވަރާ ކުރަމުން އަންނަތާ ވަރަށް ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސީދާ ތާރީޚެއް ދަންނަވާކަށެއް ނޭނގެ، އެކަމަކު މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ނުކުންނާނެ ކަމުގެ އުންމީދު ބޮޑު،" ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖެއިން ފޮނުވާ މަހުން ނަގާ ޑިއުޓީ ދެ މަހެއްހާ ދުވަސް ތެރޭގައި އެއްކޮށް ކަނޑާލަން އިނގިރޭސިވިލާތުން ނިންމައިފައިވާކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ ހާމަކުރައްވައިފައެވެ.

"އަޅުގަނޑުގެ ރަހުމަތްތެރި، އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން ރޭގައި ވިދާޅުވި ލަސްވެގެން މިއަންނަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށް. މިއީ އުފާވެރި ޚަބަރެއް. މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން،" ނަޝީދުގެ އިއްޔެ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އިނގިރޭސިވިލާތުން ކުޑަ ޖަޒީރާ ގައުމަކަށް އަދަބު ދެނީ މަހުގެ ބާވަތްތަކުން 20 ޕަސެންޓް ޓެރިފް ނަގައިގެން ކަމަށް ސިފަ ކުރައްވައިފައެވެ. އަދި މި އަހަރުގެ އެހާތަނަށް ރާއްޖޭން އިނގިރޭސިވިލާތަށް 10 މިލިއަން ޑޮލަރުގެ ކަންނެލި ފޮނުވާފައިވާ ކަމަށާއި އެފަދަ ޓެކްސެއް ނުނަގާނަމަ އެ އަދަދު އިތުރުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ އިންޓަވިއުގައި ޝާހިދު އިތުރަށް ވިދާޅުވީ އިނގިރޭސި ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ އާއި އެހެނިހެން ވަޒީރުންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، މަހުން ޑިއުޓީ ކަނޑާލުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވޭނޭ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ގައުމަކީ ރާއްޖެއެވެ. ރާއްޖެއާއި އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ގައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް ވަނީ މައާފުކޮށްފައެވެ.

ރާއްޖޭގެ މަހަށް ބޭރުގެ މާކެޓްތަށް ހޯދައިދީ ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކޮށް ޕްރޮމޯޓް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާ މިދިޔަ މަހު މަޝްވަރާކުރައްވާފައެވެ.

comment ކޮމެންޓް