ކަލައިދޫ-ދަނބިދޫ ކޯޒްވޭ މަސައްކަތް ނުފަށާތީ ކަންބޮޑުވުން

ލ. އިސްދޫ-ކަލައިދޫ: ދަނބިދޫއާ ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް ނުފެށި ލަސްވާތީ ދެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ --- ފޮޓޯ: ނަޖް

ލ. ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވާލުމުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެ ދެ ރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދެ ރަށުގެ 10 ކައުންސިލަރުން ސޮއިކުރައްވާ ނެރުނު ގަރާރުގައި ބުނެފައިވަނީ, ކޯޒްވޭ މަސައްކަތް ނުފެށި ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެ ސަރަހައްދުގެ ތަރައްގީއާ ގުޅިފައިވާ އެ މަޝްރޫއަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާތާ ތިން އަހަރު ވެފައިވާ ކަމަށެވެ.

"ވީ އެންމެ އަވަހަށް ކޯޒްވޭގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަންގަވައިދެއްވައި އަދި އަމަލީ މަސައްކަތް ފެށޭނެ ގޮތް ހައްދަވައި ދެއްވުން އެދެން," އެގަރާރުގައި ބުނެފައިވެއެވެ.

މަޝްރޫއު ލަސްވުމުގެ ސަބަބުން އެ ދެރަށުގެ އަދި ދާއިރާގެ އުމްރާނީ ތަރައްގީއާ ގުޅިފައިވާ ބައެއް މަސައްކަތްތައް ނުފެށި ލަސްވުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ދެ ރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.

އެ ގަރާރު ވަނީ ރައީސް އޮފީހުގެ އިތުރުން ޕްލޭނިން މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވާފައެވެ.

ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ދައުރު ނިމެން ކައިރިވެފައިވާއިރު، އެ މަސައްކަތް ކުރުމަށް މިހާތަނަށް އެއްވެސް ކުންފުންޏަކާ ހަވާލު ކޮށްފައި ނުވާތީ، ދަނބިދޫ ކައުންސިލުން ވަނީ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ރައީސާ ބައްދަލުކޮށް ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން ހަތަރު މަސް ވެފައިވާއިރު އަދިވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައެއް ނުވެއެވެ.

comment ކޮމެންޓް