ލ.ދަނބިދޫގައި މޫދަށް އެރި އުޅުނު ދިވެހި އަންހެނަކު މިއަދު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ދަނބިދޫ އިރުމަތީ ފަރާތު ކޯސްވޭ ސަރަހައްދު މޫދުގައި މީހަކު އޮޔާދަނިކޮށް ފެނިގެން ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށް މިއަދު 16:55 ހާއިރު ރިޕޯޓުކުރި ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 65 އަހަރުގެ ދިވެހި އަންހެނެކެވެ.
ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ ނިޔާވެފައިކަމަށެވެ.
ދަނބިދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޒީލް "ސަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އޭނާ މޫދަށް ދިޔައީ މެންދުރުފަހު ތިނެއް ޖަހާލިހާއިރު ކަމަށާއި އޭނާ މޫދަށް ދިޔައީ އެކަނި ކަމަށެވެ.
ނަމަވެސް އެ އަންހެން މީހާ މޫދަށް އެރުނު ސަރަހައްދުގައި އެހެން މީހުން ވެސް މޫދަށް އެރެން ގޮސް އުޅޭ ކަމަށް ފަޒީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ އެ ސަރަހައްދުގައި އުޅުނު ބިދޭސީ މީހަކަށް ކަމަށާއި ފެނުނު އިރު އެ އަންހެން މީހާ އޮތީ މޫދަށް އެރުނު ސަރަހައްދަށްވުރެ 500 ފޫޓްއަށް ވުރެ ބޭރުގައި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީ ފޭދޫގައި ވެސް މޫދުގައި ބިދޭސީއެއް މަރުވެފައި އޮއްވާ ފެނުނެވެ.