ދަނބިދޫ ބެލެނިވެރިންގެ މުޒާހަރާ 5 ދުވަހަށްފަހު ހުއްޓައިލައިފި

ބެލެނިވެރިން ދަނބިދޫ ސުކޫލު ބަންދުކުރުމަށް ފަހު އިހުތިޖާޖު ކުރަނީ ---- ފޮޓޯ/ ފަޒީލް

ލ. ދަނބިދޫ ސުކޫލުގެ ހާލަތު ދަށަށް ގޮސް ކިޔަވައިދިނުމުގެ ފެންވަރު ދަށަށް ދިއުމުގެ ސަބަބުން، ބެލެނިވެރިން ވެގެން ކުރިއަށް ގެންދިޔަ މުޒާހަރާ ފަސް ދުވަހަށްފަހު މިއަދު ނިންމައިލައިފިއެވެ.

ދަނބިދޫ ސުކޫލުގައި ދެ މާއްދާއެއް ކިޔަވައިދޭ ޓީޗަރުން ނެތީސް, ކިޔަވައިދޭތީ ބެލެނިވެރިން ނުކުމެ މިދިޔަ އަންގާރަ ދުވަހު ވަނީ އެ ސްކޫލު ބަންދު ކޮށްފައެވެ. އަދި އެ މައްސަލަ ހައްލުނުކޮށް ކިޔަވައިދެމުންދާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

އެ ކަމާ ގުޅޭގޮތުން އެ މުޒާހަރާގެ ބައިވެރިޔަކު މިއަދު 'ސަން' އަށް މައުލޫމާތު ދެމުން ބުނީ މުޒާހަރާ ހުއްޓައިލަން ނިންމީ، އެޑިއުކޭޝަން މިނިސްޓްރީއާއެކު ވީ އެއްބަސްވުމަކަށްފަހު ކަމަށެވެ.

އޭނާ ބުނީ އެ ސްކޫލަށް ދިމާވެފައިވާ ޓީޗަރުންގެ މައްސަލައަށާއި، ސްކޫލުގެ އިމާރާތް ބާވެ، ހަލާކުވެފައި ހުރުމުގެ މައްސަލައަށް ވެސް ހައްލު ލިބޭނެކަމަށް، މިނިސްޓްރިން ބުނެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ މީ ވަކި ޕްރޮސެސްއެއްގެ ދަށުން ކުރިއަށްދާ ކަމަކަށްވުމުން ތަންކޮޅެއް ލަސް ވެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެއްބަސްވުމަކަށްފަހު މުޒާހަރާ ހުއްޓާލީ އެކަންކަން ރަނގަޅުވާނެ ކަމަށް އުންމީދު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަނބިދޫ ސްކޫލުގެ ސީލިންގު ހަލާކުވެފައި--ފޮޓޯ/ ފަޒީލް

މީގެ އިތުރުން އޭނާ ބުނީ މި ހަފުތާގެ ބުރާސްފަތި ދުވަހު އެ ރަށު ސްކޫލަށް ގެންނަން ހަމަޖެހުނު ދާއިމީ ޓީޗަރު، ފްލައިޓުން ޓިކެޓު ނުލިބުމުގެ ސަބަބުން ގެނައުން ލަސްވީ ކަމަށެވެ.

އެހެން ނަމަވެސް މިހާރު އެ ޓީޗަރު މާލެ ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން މީގެ ކުރިން މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ ނައިބު ރައީސް ހުސައިން ފަޒީލް ވިދާޅުވީ މުދައްރިސުންގެ މައްސަލައިގެ އިތުރުން އެ ސްކޫލުގެ ސީލިންގު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

އެއާއެކު މިހާރު އެންމެ ބޮޑު ޑިމާންޑަކަށް އޮތީ ސްކޫލްގެ ޕްރިންސިޕަލު މަގާމުން ވަކިކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ކަމަށް ގޮވައިލައި ޕެޓިޝަނެއް ހަދަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް