ފަނޑިޔާރުންނަށް 55 އަހަރު ނުވިޔަސް ދެން ރިޓަޔާ ކުރެވޭނެ

ހައި ކޯޓުގައި ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުން މައްސަލައެއް ބަލަނީ --- ފޮޓޯ/ ހައި ކޯޓު

އުމުރުން 55 އަހަރު ނުވިކަމުގައި ވިޔަސް، މީގެ ފަހުން ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އެކުލަވާލައިފިއެވެ.

އެ ގަވާއިދަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ، އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ އިނާޔަތްތައް ބަޔާން ކުރާ ގަވާއިދެވެ.

އެއީ ފަނޑިޔާރުންގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަރާތްތަކަށް ޖޭއެސްސީން ކަނޑައަޅާ އިނާޔަތްތައް ބަޔާން ކުރާ އަދި އުމުރުން 55 ނުވިޔަސް، ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވޭނެ އުސޫލު ބަޔާން ކުރާ ގަވާއިދެއެވެ.

އެ ގަވާއިދުގެ ދަށުން ޝަރަފުވެރިކަމާއެކު މަގާމުން ވަކި ކޮށްދިނުމަށް އެދެވޭނީ ތިން ފަރާތަކަށެވެ. އޭގެ ތެރޭގައި ފަނޑިޔާރުކަމުގައި 10 އަހަރު ޚިދުމަތް ކޮށްފައިވާ ފަނޑިޔާރުންނާއި، ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން ޖޭއެސްސީގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅު ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އަޅާފައިނުވާ ފަނޑިޔާރުން ހިމެނެއެވެ.

އޭގެ އިތުރުން އެފަދަ މައްސަލައެއްގައި ޖޭއެސްސީގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރާއި ތިން ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ފިޔަވަޅު ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އަޅާފައިނުވާ ފަނޑިޔާރުން ވެސް ހިމެނެއެވެ.

ޝަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ތިން އިނާޔަތެކެވެ. އެއީ އެއް ފަހަރާ ދެވޭ އިނާޔަތާއި، މުޅި އުމުުރަށް، މަހުން މަހަށް ދެވޭ އިނާޔަތާއި އެހެނިހެން އިނާޔަތެވެ.

އެ ގަވާއިދުގެ ދަށުން އިނާޔަތް ލިބުން އިސްތިސްނާ ވާ ފަރާތްތަކުގެ ތެރޭގައި، ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅި ކޮށްދިނުމަށް އެދިފައިވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވާ ނުވަތަ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ފަނޑިޔާރުން ހިމެނެއެވެ.

ގަވާއިދުގައި ބުނީ ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ފަނޑިޔާރަކު މަގާމުން މުސްކުޅި ކޮށްދެވޭނީ އެ މައްސަލައަށް ޖޭއެސްސީން ގޮތެއް ނިންމުމުން ކަމަށެވެ.

comment ކޮމެންޓް