ޖޭއެސްސީގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޖޭއެސްސީގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި-- ފޮޓޯ: ސަން ފޮޓޯ ސާތިއު

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފަނޑިއާރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ގެޒެޓް ކުރި އިއުލާނުގައި ބުނީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީއަށް ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ މަހު 10 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި ވާކަމަށެވެ.

އެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 10 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ.

އިންތިޚާބަށް ކުރިމަތިލާ ފަނޑިޔާރުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް:

  • ދަށުކޯޓެއްގެ ފަނޑިޔާރަކު ކަމުގައިވުން
  • ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރު ދުވަހުގެ ދައުރެއް ފުރިހަމަކޮށްފައި ނުވުން.

ޑީޖޭއޭ އިން ބުނީ މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ’ފަހިވޯޓް‘ މެދުވެރިކޮށް ކަމަށެވެ.

މިގޮތުން، ’ފަހިވޯޓް‘ އެޕްލިކޭޝަން މެދުވެރިކޮށް ވޯޓުލާނެ ގޮތުގެ އިރުޝާދު
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ދަށުކޯޓުތަކުގެ ފަނޑިޔާރުންނާ ހިއްސާކުރެވޭނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ޑީޖީއޭ އިން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށް، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށެވެ.

އަދި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީއަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަނޑިޔާރުން ހުށަހަޅަންޖެހޭ ލިޔުންތަކުގެ މަޢުލޫމާތު އެ ޑިޕާޓްމަންޓުގެ ކައުންޓަރުން އަދި ވެބްސައިޓް އިން ލިބޭނެކަމަށް ވެސް ޑީޖޭއޭއިން ބުނެއެވެ.

comment ކޮމެންޓް