އެސްޓީއޯއަށް 58 އަހަރު: ދިވެހީންގެ ދިރިއުޅުން ފަސޭހަ ކޮށްދީފި!

އެއީ 1960 ގެ ކުރީކޮޅެވެ. ރާއްޖޭގެ އިގްތިސާދީ ޙާލަތުގެ ނާޒުކުކަމާ ފަޅުކަން ދިވެހި ދައުލަތަށް އިހްސާސްވަމުން ދިޔައެވެ. ހަމަ އެކަނި މަސްވެރިކަމުން ލިބޭ ނަފާއިން މުޅި ގައުމު ހިންގުމަކީ ދަތި ކަމެއް ކަން ވެސް އިހްސާސް ވަމުން ދިޔައެވެ. ކޮންމެހެން ވެސް ރައްޔިތުންނަށް ހެޔޮ އަގެއްގައި، ކަނޑު މަސް ނޫން އިތުރު ކާބޯތަކެތި ހޯދޭނެ މަގު ދައުލަތަށް ހޯދަން މަޖުބޫރުވެއްޖެއެވެ. ދިވެހި ރައްޔިތުން ތިބީ އެކަމަށް ދައުލަތުގައި އެދިއެދި، އެކަން ފަހި ވާނެ ދުވަހަކަށް ކެތް މަދު ވެފައެވެ.

އެ ރައްޔިތުންނަށް އެ އަހަރުގެ 20 ޑިސެމްބަރު ވީ އުފާވެރި ދުވަހަކަށެވެ. އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ)ގެ ނަމުގައި ރައްޔިތުންނަށް ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދޭނެ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް އެ ދުވަހު ވުޖޫދަށް ގެނައެވެ. އެއީ މިއަދުގެ އެސްޓީއޯއެވެ.

އަތިރީމާފަންނު ޓްރޭޑިން އެކައުންޓްގެ ނަން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ނަމަށް ބަދަލުކުރީ 9 ޖޫން 1979 ވަނަ ދުވަހުއެވެ. އެދުވަހު ވެސް އެސްޓީއޯގެ އެންމެ މައިގަނޑު ޒިންމާއަކަށް ވީ ސަރުކާރުގެ އެންމެހާ ވިޔަފާރީގެ ހަރަކާތްތައް ހިންގުމެވެ.

އެސްޓީއޯހެ ހެޑް އޮފީސް. -- ސަން ފައިލް ފޮޓޯ

އެގޮތުން ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ވަކިން ޚާއްސަކޮށް ކާޑުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރަން އެސްޓީއޯއިން އެންމެ ފުރަތަމަ ފެށިއެވެ. ޒަމާނާ އެކު ކުރިއަރަމުން އައިސް އެސްޓީއޯއިން ކޮންސްޓްރަކްޝަންއަށް ބޭނުންވާ އާލާތްތަކާއި، ގޭތެރެއަށް ބޭނުންވާ އާލަތްތަކުގެ އިތުރުން، ކާބޯތަކެތީގެ އިތުރު ބާވަތްތައް ރާއްޖެއަށް އެތެރެކޮށް މާކެޓަށް ވިއްކަން ފެށިއެވެ.

މިއަދު އެސްޓީއޯއަކީ ރާއްޖޭގެ އެންމެ ބޮޑު ކުންފުންޏެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުންޏެވެ. އެކަން އެސްޓީއޯއަށް އެންމެ ބޮޑަށް ކާމިޔާބު ވުމުގެ ނާރެހަކަށްވީ ރާއްޖެއަށް ބޭނުންވާ ތެޔޮ، އެކުންފުނިން އެތެރެ ކުރަން ފެށި ހިސާބުންނެވެ. މިއަދު ރާއްޖޭގެ އެންމެ ބޮޑު ތެޔޮ ސްޓޯރޭޖް އެސްޓީއޯގައި ހުންނަ އިރު، އެކުންފުންޏަކީ ރާއްޖެއަށް އެންމެ އަގުހެޔޮކޮށް، އެންމެ ކޮލެޓީ ތެޔޮ އެންމެ ގިނައިން އެތެރެކުރާ ކުންފުންޏެވެ.

މީގެ އިތުރުން އެކުންފުނީގެ އެންމެ ކާމިޔާބު މަސައްކަތަކީ އެކުންފުނިން އެތެރެކޮށް ވިއްކަމުން އަންނަ މެޑިކަލް ބާވަތްތަކެވެ. މިކަމުގައި އެސްޓީއޯގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ހުރުމެވެ. ރާއްޖޭގެ އެންމެ ބޮޑު "ފާމަސޫޓިކަލް" ނެޓްވޯކް ހިންގަމުން އަންނަ ކުންފުންޏަށް އެސްޓީއޯ ވުމެވެ.

އެސްޓީއޯ ހެންވޭރު ފާމަސީ: -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

އެސްޓީއޯ ފުޅާވެ ބޮޑުވަމުން އައިސް މިއަދު އެ ކުންފުންޏަކީ، އަލަށް އުފަންވާ ކުދިންނަށް ދޭ "ފަޙްރުވެރި އާއިލާ"ގެ ގިފްޓް ޕެކުން ފެށިގެން އެކުންފުނީގެ އެންމެ ޓާޝެއަރީ މަސައްކަތްތަކަށް ބެލިއަސް ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެކުންފުނީގެ ދަށުން ހިންގަމުން އަންނަ "ސަބްސިޑަރީ" ކުންފުނިތަކުގެ "މަންމަ"އެވެ. އެގޮތުން މިއަދު އެސްޓިއޯގެ ހަތް ސަބްސިޑަރީ ކުންފުންޏެއް ހިމެނޭއިރު، އޭގެން ކޮންމެ ކުންފުންޏަކީ ވެސް ކޮންމެވެސް ގޮތަކުން ދިވެހި ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ކުންފުންޏެކެވެ. އެގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކަށް ބަލާއިރު؛

  • ފިޔުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް) މެދުވެރިކޮށް އެކުންފުނިން އެތެރެކުރާ ތެޔޮ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑެލިވާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
  • މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ރާއްޖެއަށް ކުކިން ގޭސް، މެޑިކަލް ގޭސް އަދި އިންޑަސްޓްރިއަލް ގޭސް އެތެރެކޮށް ސަޕްލައިކުރަމުން ދެއެވެ.
  • އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އަކީ ރާއްޖޭގެ ލީޑިން އިންޝުއަރެންސް ކުންފުންޏެވެ.
  • މޯލްޑިވްސް އިންލެންޑް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) މެދުވެރިކޮށް ރާއްޖޭގެ މަސްވެރިން ބާނާ މަސް، އެންމެ ފުރިހަމަ ގޮތުގައި ގަނެ، ކިރައި، އެ މަސްތައް މާކެޓަށް ނެރެ އަދި ރާއްޖެއިން ބޭރަށް އެ މަސްތައް ބޭރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
  • މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މެދުވެރިކޮށް ރާއްޖެއަށް މުދާ އެންމެ އަގުހެޔޮ ގޮތުގައި އެތެރެ ކޮށް އަދި ބޭރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
  • ރޭ ސަޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެސްޓީއޯއިން މާކެޓުގައި ވިއްކަމުންދާ ސިމެންތި އުފެއްދެމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
  • މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް (އެމްއެސްޕީ) މެދުވެރިކޮށް ޓިނު އުފައްދާ ވިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެފްއެސްއެމްގެ ހުޅުމާލެ ޝެޑް؛ ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު އެސްޓީއޯ އަކީ ރާއްޖޭގައި އެންމެ މުވައްޒަފުން ގިނަ އެއް ކުންފުންޏެވެ. ހަތަރު ހާހަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރަމުން ދާއިރު، މިއަދު މުޅި ރާއްޖޭގައި އެސްޓީއޯގެ ފިޔަތައް މި ވަނީ ފެތުރިފައެވެ. އެގޮތުން ރާއްޖޭގެ 19 ސަރަހައްދެއްގައި އެކުންފުނީގެ ފިހާރަތަކާއި ސްޓޭޕަލް ގުދަންތައް މިހާރު ދަނީ ހިންގަމުންނެވެ. މި ހުރިހާ ތަންތަނަކީ އެސްޓީއޯގެ ބިޒްނަސް އައުޓްލެޓްތައް ވެސް އެތަންތަނުން ރަމްޒުކޮށްދޭ ތަންތަނެވެ. އެގޮތުން އެސްޓީއޯގެ ބިޒްނަސް އައުޓްލެޓް ތަކަށް ބަލާއިރު:

  • 1995 ވަނަ އަހަރުގެ މޭ މަހު، ވުޖޫދަށް ގެނައި، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އިމްޕްރޫވްމެންޓް
  • 1991 ވަނަ އަހަރު ވުޖޫދުވި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާ މާޓް
  • 1988 ވަނަ އަހަރު ވުޖޫދިވި އެސްޓީއޯ ޕީޕަލްސް ޗޮއިސް ކޮންސްޓްރަކްޝަން މެޓީރިއަލްސް
  • އެސްޓީއޯ ޕީޕަލްސް ސްޓޭޕަލް ފުޑްސް
  • އެސްޓީއޯ ޕީޕަލްސް ޗޮއިސް މެޑިކަލްސް
  • އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިޔުލް އެންޑް ލުބްރިކެންޓްސް

މިއަދު އެސްޓީއޯ އަކީ ހަމަ ރަނގަޅަށްވެސް "އެންމެންގެ އެސްޓީއޯ"އެވެ. ޒަމާނާ އެއްވަރަށް ކުރިއަރަމުން އަންނަ، އެންމެންނަށް ނަފާ ކުރުވަނިވި، ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދޭ ކުންފުންޏެވެ. ނަވާރަ ސަތޭކަ ފަސްދޮޅަށް ހަތަރެއްގައި ވެސް ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަކަށް އުފެދުނު ލޯބި، 58 އަހަރު ފަހުން ވެސް ފަނޑު ނުވި ކުންފުންޏެކެވެ.

comment ކޮމެންޓް