އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންގެންދާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާ އެޕާޓީން އިއްޔެ ވަނީ އެކަމަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލާފައެވެ.
އެއާއެކު އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. އަދި، އެމަނިކުފާނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ ސަރުކާރަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
އެހެންވެ، އެމަނިކުފާނަށް ތާއީދުކުރައްވާނެކަން ހާމަކުރައްވާ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ތާއިދު ކުރާ މީހުން ތިބީ ޕްރައިމަރީ ކާމިޔާބު ކުރަން ތައްޔާރަށް ކަމަށެވެ. އަދި، ނަޝީދަށް ތާއީދުކުރާ ހުރިހާ މެންބަރުން ވެސް ތިބީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން އިންތިހާބުގައި ކުރިޔަށްދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މަޖުބޫރެއް ނުކުރެވޭނެ، ބިރެއް ނުދެއްކޭނެ" އޭނާ ވިދާޅުވިއެވެ.
އޭނާ "ސަން"އަށް ވިދާޅުވީ ސަރުކާރުން، ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުންނަށް ގުޅާ، ވަޒީފާގެ ބިރު ދައްކާ، ބައެއް މީހުންނަށް މަގާމުތަކާއި އެނޫންވެސް ކަންކަން ހުށަހަޅައިގެން ޕްރައިމަރީއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ބައެއް ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން އެބަ ވިދާޅުވޭ އެބޭފުޅުންނަށް ރައީސް [އިބްރާހީމް މުޙައްމަދު] ޞާލިޙްގެ ޓީމުގެ ބޭފުޅުން ގުޅުއްވާ ނުފޫޒު ފޯރުވާ ބިރުދައްކާ ކަމަށް،" އޭނާ ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން "ސަން"އަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު މިއުވާން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ސަރުކާރުގެ ތެރެއިން ހިނގާފައިނުވާނެ ކަމަށާއި އަދި އެފަދަ ކަމެއް ނުވެސް ހިނގާނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން 500 މެންބަރުންގެ ތާއީދު ފޯމާއެކު މިމަހު 24 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.
އެޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ޞާލިޙް ވަނީ ފާޅުކުރައްވާފައެވެ. އަދި، އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވަނީ އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ދެކަފިވެފައިވަނިކޮށެވެ.
ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.
އެހެންވެ، އެޕާޓީގައި ދެ ފެކްޝަން އުފެދި، އެއް ފެކްޝަން އަނެއް ފެކްޝަނާ ދަނީ އަރާރުންވަމުންނެވެ.