މީޑިއާ ހިންގަން ސަރުކާރުން ވަކި ބަޖެޓެއް ދިނުމުގެ ވިސްނުމެއް އަދި ނެތް: ސަރުކާރު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ފުރިހަމަ މިނިވަންކަމާއެކު މީޑިއާތައް ރާއްޖޭގައި ހިންގުމަށް ޓަކައި ސަރުކާރުން ވަކި ބަޖެޓެއް މީޑިއާތަކަށް ދިނުމުގެ ވިސްނުން ސަރުކާރުން އަދި ނުގެންގުޅޭކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

އެޑިޓާޒް ގިލްޑު މޯލްޑިވްސްއިން ވަނީ މިނިވަންކަމާއެކު މީޑިއާތައް ހިންގަން ސަރުކާރުން ވަކި ބަޖެޓެއް ދިނުން މުހިންމުކަމަށް އެ ޖަމިއްޔާއިން ދެކޭކަމަށް ބުނެފައެވެ. އަދި މާލީ ނުފޫޒުން އެއްކިބާވުމަށް ޓަކައި ވެސް އެ ކަން ކުރުން މުހިންމުކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

"މިނިވަންކޮށް މީޑިއާ ހިންގޭނީ މިނިވަންކޮށް ފައިސާ ލިބޭނެ ދާއިމީ މަގެއް އޮވެގެންނެވެ. އެފަދަ އެއް އުސޫލަކަށްވާނީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވެސް ފައިސާ ދޭ އުސޫލުން، މީޑިއާތަކަށް ވެސް ބަޖެޓުގެ ތެރެއިން މިންވަރެއް ލިބިގެން ކަމުގައި މި ޖަމިއްޔާއިން ދެކެމެވެ،" މި މަހުގެ ހަވަނަ ދުވަހު އެޑިޓާޒް ގިލްޑުން ނެރުނު ބަޔާނުގައި ވެއެވެ.

https://sun.mv/171418

އެ ބަޔަނާ ގުޅިގެން ސަރުކާރުން އެ ކަމުގައި ދެކޭ ގޮތް ހިއްސާކުރައްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ ނޫސްވެރިންގެ ޚިޔާލުތަކަށް ސަރުކާރުން އަަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އަދި އެ އަޑު އަހަނެކަމަށް ވެސް ވިދާޅުވިއެވެ.

"ނަަމަވެސް އަދި މިވަގުތު އެފަދަ ޕްލޭންތަކެއް ނެތް. ނޫސްވެރިންގެ ހުށަހެޅުންތަކަށް ސަރުކާރުން އަަބަދުވެސް ވިސްނާނެ،" މިއުވާން ވިދާޅުވިއެވެ.

ނޫސްވެރިންގެ މިނިވަންކަން ކަށަވަރުކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް މި ސަރުކާރުން ކުރާ ކަމަށް މީގެކުރިން މިއުވާން ވަނީ ވިދާޅުވެފައެވެ.

އަދި ގާނޫނީ ގޮތުން ނޫސްވެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ނޫސްވެރިން ތަމްރީނުކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

comment ކޮމެންޓް