ދައުލަތުން ޕާޓީތަކަށް ފައިސާދޭ އުސޫލުން، މީޑިއާ ހިންގަން ވެސް ބަޖެޓެއް ދިނުމަށް އެދިއްޖެ

އެޑިޓާސް ގިލްޑުގެ ރައީސާއި ނައިބު ރައީސުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕާޓީތައް ހިންގަން ދައުލަތުން ފައިސާ ދޭ ފަދައިން، މީޑިއާތައް މިނިވަންކަމާއެކު ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެވޭނެ އުސޫލެއް ކަނޑައެޅުމަށް އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ގޮވާލައިފިއެވެ.

އެޑިޓާސް ގިލްޑް މޯލްޑިވްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، މިނިވަންކަމާއެކު ރައްޖޭގައި މީޑިއާ ހިންގުމަށް ދައުލަތުގެ ބަޖެޓުން މިންވަރެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށް އެ ޖަމިއްޔާއިން ދެކޭކަމަށެވެ.

އެ ބަޔާނުގައި ވަނީ، ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ މީޑިއާކަމުން، މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މިނިވަންކަމާއެކު މީޑިއާގެ ދައުރު އަދާކުރެވުމަކީ ފޭރާން ހެޔޮ ޒިންމާދާރު މުޖުތަމައުއަކަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި މީޑިއާގެ މަސައްކަތްތައް ބައްޓަން ކުރުމުގައި މާލީ ނުފޫޒުން އެއްކިބާވާން ޖެހޭކަމަށް ގަބޫލުކުރާކަށް އެ ބަޔާނުގައިވެއެވެ.

"ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް އަދި ސިޔާސީ ޕާޓީތަކާއި އެކިއެކި ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި ކުރާ ކަންކަމުގެ ސާފު މައުލޫމާތު ގެނެސްދޭ ބަޔަކީ މީޑިއާއެވެ." އެ ބަޔާނުގައިވެއެވެ.

މީޑިއާތަކުން ތެދު މައުލޫމާތު ފޯރުކޮށް ނުދޭނަމަ އަދި ވަކި ފަރާތަކަށް ޖެހިގެން ޚަބަރު ފަތުރާނަމަ، ރައްޔިތުން ކަންކަން ނިންމުމަށް ބޭނުންވާ ތެދު މައުލޫމާތު ނުލިބޭނެކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މީޑިއާތަކަށް ސަރުކާރާއި ދައުލަތް ޒިންމާދާރު ނުކުރެވޭނަމަ ކޮރަޕްޝަނާއި ފަސާދަ އަށަގަނެ، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވާނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"އަދި ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބޭނުންކުރަން ހުންނަ ފައިސާ ބޭކާރުވެގެންދާނެއެވެ." އެ ބަޔާނުގައިވެއެވެ.

އެހެންކަމުން ވީ އެންމެ އަވަހަކަށް ސަރުކާރުން މީޑިއާތަކަށް ބަޖެޓެއް ތަނަވަސްކޮށްދިނުމަށް އެޑިޓާސް ގިލްޑްއިން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް