މާފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ހުޅުވައިފި

މާފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވުން -- ފޮޓޯ/ ކައުންސިލް

ކ. މާފުށީގައި ޒުވާނުންނަށް ޚާއްސަކޮށްގެން ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް މިއަދު ހުޅުފައިވިއެވެ.

މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސެންޓަރު ހުޅުވައިދެއްވީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އަބްދުﷲ ނަޝީދެެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާހް "ސަން"އަށް ވިދާޅުވީ މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން އެރަށުގައި ފެށި ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް އޭރު، ހަމައެކަނި އިމާރާތް އަޅާފައި ބައެއް ކުދިކުދި މަސައްކަތްތައް ކުރުމަށްފަހު އެ ހުއްޓުނު ގޮތަށް މިއަދާ ހަމައަށް ވެސް އެ އިމާރާތް ހުރިގޮތަށް ހުރީކަމަށެވެ. އަދި ވިދާޅުވީ އެތަން އޭސީ ކޮށްފައި ނެތުމުން އެތެރޭގައި ހޫނުގަދަ ކަމުގެ ޝަކުވާ ވެސް ޒުވާނުން ކުރާ ކަމަށެވެ.

މާފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ އެތެރެ -- ފޮޓޯ/ ކައުންސިލް

ކައުންސިލްގެ ބަޖެޓުން ޚަރަދު ކޮށްގެން އިމާރާތްކޮށްފައިވާ މި ސެންޓަރުގައި މިވަގުތު ކުޅެލެވޭނީ ބިލިޔާޑާއި ޓޭބަލް ޓެނިހާއި ކެރަމާއި އަދި ރާޒުވާ ކަހަލަ ކުޅިވަރުތައް ކަމަށް ޞަލާޙު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެތަނުގައި އިތުރު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް އަވަހަށް އެތަނުގައި ވީޑިއޯ ގޭމްސް، ކުޅެވޭ ގޮތަށް ހަމަޖައްސާނަން. ދެން ގާލަންޑޯ ކަހަލަ އެއްޗެހި ވެސް ވަރަށް އަވަހަށް ލިބޭނެ. އަދި ސެންޓަރު ތެރޭގައި އައުޓް ޑޯ ވޮލީ ކޯޓެއް ވެސް އަޅަން މިހާރު ވާނީ އިއުލާން ކޮށްފަ،" ޞަލާޙް ވިދާޅުވިއެވެ.

މާފުށީ ޔޫތް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުބެރު ޖަހަނީ -- ފޮޓޯ/ ކައުންސިލް

އޭނާ ވިދާޅުވިގޮތުގައި މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު 16:00 އިން 18:00އަށް، އަދި 20:00 އިން 23:00އަށް އެ ސެންޓަރު ހުޅުވާފައި ބަހައްޓާނެއެވެ. އަދި އެ ގަޑިތަކުގައި ވޯލްޑްކަޕްގެ މެޗުތައް ވެސް އެތަނުގައި އަޅުވަމުން ގެންދާއެވެ.

ޔޫތް މިނިސްޓްރީއާއި މާފުށީގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި ވިޔަފާރިވެރިންގެ ފަރާތުން އެ ސެންޓަރަށް ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރައްވައި ޞަލާޙް ވިދާޅުވީ އޭގެ ތެރެއިން ވެސް ކާނި ހޮޓަލަށް ވަރަށް އިޙުލާސްތެރިކަމާއެކު އަދާކުރައްވާ ކަމަށެވެ.

comment ކޮމެންޓް