ރާއްޖޭގެ ޒުވާން އާބާދީގެ 19 އިންސައްތަ މީހުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ރާއްޖޭގެ 15 އަހަރާ 25 އަހަރާ ދެމެދުގެ އާބާދީއަކީ 53،537 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 27،625 ފިރިހެނުންނާއި 25،912 އަންހެނުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މީގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ އެއްވެސް މަސައްކަތެއް ނުކުރާ މީހުންނެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާ ގޮތުގައި އެއީ ކިޔެވުމާއި ވަޒީފާގެ އިތުރުން އެއްވެސް ޓްރެއިނިންއެއް ވެސް ނަހަދާ މީހުންނެވެ.
އެ ގޮތުން 10،414 ޒުވާނުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ މީހުން ކަމަށް އެ ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ހިމެނެނީ 4،744 އަންހެނުންނާއި 5،672 ފިރިހެނުންނެވެ.
އެ ތަފާސްހިސާބަށް ބަލާއިރު، 15 އަހަރާ 24 އަހަރާ ދެމެދުގެ އާބާދީގެ 19.5 އިންސައްތައަކީ ވަޒީފާގެ އިތުރުން ކިޔެވުމުގައި ނޫޅޭ މީހުންނެވެ. އެ އުމުރުފުރައިގެ 34.2 އިންސައްތަ މީހުން ކިޔެވުމުގައި ނޫޅެ، ވަޒީފާ އަދާ ކުރަމުންދާއިރު، 35.2 އިންސައްތައަކީ ވަޒީފާ އަދާނުކޮށް ކިޔަވާ މީހުންނެވެ. އަދި މި އާބާދީގެ 11.1 އިންސައްތައަކީ ވަޒީފާ އަދާކުރުމާ އެކު ކިޔަވާ މީހުންނެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ އާބާދީއަކީ 300،422 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 171،130 ދިވެހީންނާއި 129،292 ބިދޭސީންނެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ޖުމްލަ އާބާދީގެ ތެރެއިން 174،036 މީހުން ވަޒީފާ އަދާކުރަނީ އަތޮޅު ތެރޭގައެވެ. އަދި 126،386 ވަޒީފާ އަދާކުރަނީ މާލޭގައެވެ.
އެ ހިސާބުތަކުގައިވާ ގޮތުން، ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،132 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 311،994 ފިރިހެނުންނާއި 203،138 އަންހެނުންނެވެ. ރާއްޖޭގެ ޖުމްލަ އާބާދީގެ ތެރެއިން ދިވެހީންގެ އަދަދު 382،639ގައި ހުރިއިރު، ބިދޭސީންގެ އަދަދު 132،493 އަށް އަރައެވެ.
އާބާދީގެ ޖުމްލަ އަދަދުގެ 41 އިންސައްތަ މީހުން އުޅެނީ މާލޭގައި ކަމަށް އެ ހިސާބުތަކުން ދައްކައެވެ. އެއީ ޖުމްލަ 211،908 މީހުންނެވެ. އަތޮޅުތެރޭގެ ރަށްތަކުގައި 236،911 މީހުން ދިރިއުޅެމުންދާއިރު، ރިޒޯޓުތަކުގައި 52،482 މީހުން އަދި، ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި 13،831 މީހުން ދިރިއުޅެއެވެ.
ދެހާސްއެކާވީސް ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ އަހަރު ވަޒީފާ އަދާނުކުރާ މީޙުންގެ ނިސްބަތަކީ ޒުވާނުންގެ އާބާދީގެ 7.3 އިންސައްތައެވެ.