އެންމެ ގިނަ އާޓިސްޓުންނާ އެކު އަންވެއިލިން ވިޝަންސް ފަށައިފި

މިހާރު ކުރިއަށްދާ އަށްވަނަ އަންވެއިލިން ވިޝަންސްގެ ތެރެއިން --- ފޮޓޯ : މޯލްޑިވިއަން އާޓް ކޮމިއުނިޓީ (މެކް)

ގިނަ ދިވެހި އާޓިސްޓުންގެ ހުނަރުތައް ދައްކާލުމަށް ބާއްވަމުން އަންނަ "އަންވެއިލިން ވިޝަންސް" އާޓް މައުރަޒު ރިކޯޑު އަދަދަކަށް ގިނަ އާޓިސްޓުންނާ އެކު ފަށައިފިއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އާޓް މައުރަޒަކީ ތަފާތު މީޑިއަމްގެ އާޓްތައް ދައްކާލުމަށް އާޓިސްޓުންނަށް ލިބޭ ބޮޑު ޕްލެޓްފޯމެކެވެ.

ނޭޝަނަލް އާޓް ގެލެރީގައި ރޭ ފެށި މި މައުރަޒުގައި މިހާތަނަށް ބައިވެރިވެފައިނުވާ މިންވަރަށް ވަނީ ފަންނާނުން ބައިވެރިވެފައެވެ. ކޮންމެ އަހަރެއްގައި ވެސް ގިނަ އާޓިސްޓުންތަކެއް ހުނަރުތައް ހުށަހެޅި ނަމަވެސް މި އަހަރަކީ މިހާތަނަށް އެންމެ ގިނަ ފަންނާނުންގެ ހުނަރުތައް ދައްކާލި އަހަރެވެ.

ކޮންމެ އަހަރެއްގައި ވެސް އާޓް ހުށަހަޅާ މިންވަރު އިތުރުވާއިރު މި އަހަރު ވަނީ 105 އާޓިސްޓުންގެ އުފެއްދުންތައް ދައްކާލާފައެވެ. މި އާޓިސްޓުންތައް ވަނީ ޖުމްލަ ހަތް މީޑިއަމްއަކުން އާޓްތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެކްރިލިކްއާއި ޑިޖިޓަލް އާޓް ސްޓައިލްތައް ހިމެނެއެވެ.

މި އަހަރު ބައިވެރިވި ފަންނާނުންގެ އަދަދަކީ މިދިޔަ އަހަރުގައި ބައިވެރިވި ފަންނާނުންނަށްވުރެ 20 އަށް ވުރެ ގިނަ އަދަދެކެވެ. މިދިޔަ އަހަރު އާންމުކޮށްފައިވަނީ 80 ފަންނާނުންގެ ހުނަރެވެ.

އަންވެއިލިން ވިޝަންގެ ތެރޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ އާޓުތަކަށް އެކި ވަނަތައް ދެވޭނެއެވެ.

ރޭ ފެށި އަންވެއިލިން ވިޝަންސް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަހަރުގެ އަންވެއިލިން ވިޝަންސްއަށް ވަނުމަށްޓަކައި 25 ރުފިޔާގެ ފީއެއް ނަގާނެއެވެ. މި މައުރަޒު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 10ގެ ނިޔަލަށެވެ.

comment ކޮމެންޓް