ޔޫތު އެމްޕަވާމަންޓް ފަންޑަށް ހުޅުވާލައިފި، 5،000 ޔޫރޯއާ ހަމައަށް ގްރާންޓް ދޫކުރަނީ

ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު): އެ މިނިސްޓްރީން ވަނީ އިޔޫގެ ޔޫތް އެމްޕްވަމަންޓް ފަންޑަށް ގްރާންޓް އެޕްލިކޭޝަނަށް ހުޅުވައިލާފައި -- ފޮޓޯ/ މޯލްޑިވްސް ޔޫތު ހެކަތަން

ގްލޯބަލް ޔޫތު މޮބިލައިޒޭޝަން މެދުވެރިކޮށް ވިލާތުގެ އިއްތިހާދު، އިޔޫގެ ޔޫތު އެމްޕަވާމަންޓު ފަންޑަށް ގްރާންޓް އެޕްލިކޭޝަން ހުށަހަޅަން ޔޫތު މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

މި މަހުގެ 21ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި ފުރުސަތަކީ ވިލާތުގެ އިއްތިހާދާއި "ބިގް ސިކްސް ޔޫތު އޮގަނައިޒޭޝަން"އާ ގުޅިގެން ކުރިއަށްދާ ޕާޓްނާޝިޕެއްގެ ބައެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި ގްރާންޓުގެ މައިގަނޑު މަގުސަދަކީ ޒުވާނުން ބާރުވެރިކޮށް، ދަމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތަށް އިނޮވޭޓިވް ލޯކަލް ޕްރޮޖެކްޓުތަކަށް ފައިސާ ދީގެން އެ މީހުން މުޖުތަމައުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުން ކަމަށެވެ.

އޭގެ އިތުރުން، މި ގްރާންޓަށް 14 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުށަހެޅޭއިރު، ނުރަސްމީ ގްރޫޕުތަކާއި ރަޖިސްޓްރީކޮށްފައިވާ ޒުވާނުންގެ ޖަމިއްޔާތަކަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ގްރާންޓުގައި ފޯކަސްކުރާ ދާއިރާތަކުގެ ތެރޭގައި މުޖުތަމައުގެ ތެރޭގައި އަޑުއުފުލުމުގައި ފުރުސަތު ލިބިފައިނުވާ ގްރޫޕްތަކުގެ އިތުރުން ނުކުޅެދިންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ތަފާތު ފަންތީގެ ފަރާތްތަކާއި ތަމުސީލު ނުކުރެވޭ ގްރޫޕްތަކުން ކުރިމަތިލާ ފަރާތްތައް ހިމެނެއެވެ.

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ވަކިވަކި ޒުވާނުންނާއި ނުރަސްމީ ގުރޫޕްތަކަށް 500 އާއި 1،500 ޔޫރޯއާ ދެމެދުގެ އަދަދެއް މި ގްރާންޓުގެ ތެރެއިން ލިބޭނެއެވެ. އަދި، ރަޖިސްޓްރީކޮށްފައިވާ ޒުވާނުންގެ ޖަމިއްޔާތަކަށް 3000 އާއި 5000 ޔޫރޯއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

ފޯމު ހުށަހެޅުމަށް ބޭނުންވާ ޒުވާނުން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭއިރު، ފޯމުތައް އިނގެރޭސި، އަރަބި، ފްރެންޗް އަދި ސްޕެނިޝް ބަހުން ވެސް ލިބެން ހުންނާނެއެވެ.

comment ކޮމެންޓް